ހދ. ނޮޅިވަރަމުގައި މަރާލައިފައި އޮއްވައި ފެނުނު އެރަށު ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު 28އ، ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯސީ ވިލާ، އަބޫބަކުރު ފައިސަލް 32އ، ދަންޖެހިފައި ހުއްޓައި ފެނިގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، މިރޭ 11:15 ހާއިރު ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. އަދި އޭނާއަށް މިހާރު ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ ފުލުހަށް ރިޕޯޓުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 12:30 ގައެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ ސީނަށް އެޓެންޑުވެ، އޭނާ ވަގުތުން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޝާމާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ނިޝާމާގެ މަރުގެ ތުހުމަތު ކުރެވޭ ފައިސަލް ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވުމުން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
އިއްޔެ އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.