ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ދާދި ފަހުން ސައޫދީ އަރަބިޔާއަށް ވަޑައިގެންފައެވެ. މިއީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދައުވަތަކަށް ކުރެއްވި ތިންދުވަހުގެ ޒިޔާރަތެކެވެ. ސަލްމާނު ރަސްގެފާނާއި ރައީސް ޝީގެ ސަމިޓް ވެރިރަށް ރިޔާޒުގައި ބާއްވާފައިވެއެވެ. މި ސަމިޓުގެ އިތުރަށް އަދި އެހެން ދެ ކޮންފަރެންސެއްގައި ވެސް ރައީސް ޝީ ބައިވެރިވެވަޑައިގެންފައިވެއެވެ. އެއީ ގަލްފުގެ އެންމެހައި ގައުމުތަކާއި ޗައިނާގެ އެކުވެރިކަން ދެމެހެއްޓުމާބެހޭ އެއްވުންތަކެކެވެ. ގަލްފުގެ ގައުމުތަކުގެ އެންމެ އިސްވެރިން މި އެއްވުންތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. މިއީ މިގޮތަށް ބާއްވާ އަރަބީންނާއި ޗައިނާގެ ފުރަތަމަ އެއްވުންތަކެވެ. އެހެންވީމާ ރައީސް ޝީގެ ޒިޔާރަތަކީ ވަރަށްވެސް ތާރީޚީ ޒިޔާރަތެކެވެ.
ސައޫދީ- ޗައިނާގެ ގުޅުމަކީ އެމެރިކާ ނުހަނު ކަންބޮޑުވާ ކަމެކެވެ. ރައީސް ޝީގެ ދަތުރުފުޅަށް އެންމެ ބޮޑަށް ކަޅިއަޅައި ބަލަމުންދަނީވެސް އެމެރިކާއިންނެވެ. މީގެ ދުވަސްކޮޅެއްކުރީން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވެއެވެ. މެދުއިރުމަތީގައި އެމެރިކާގެ ނުފޫޒު ނޫން އެހެން ނުފޫޒަކަށް ފުރުސަތެއް ނުދޭނަމެވެ. ޗައިނާކަސް ރަޝިޔާއަކަސް އަދި އެހެން ބަޔަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ. ރައީސް ބައިޑެން މިހެން ވިދާޅުވިއަސް މެދުއިރުމަތިން ފެންނަނީ އެހެން މަންޒަރެކެވެ. ރައީސް ބައިޑެން އެންމެފަހުން ސައޫދީ އަރަބިޔާއަށް ވަޑައިގެންނެވި ދުވަހު އިސްތިގުބާލުގައި ހުންނެވީ އާދައިގެ ވަޒީރެކެވެ. އެކަމަކު ރައީސް ޝީ ޖިންޕިންގެ އިސްތިގުބާލުގައި ހުންނެވީ ސީދާ ސަލްމާން ރަސްގެފާނެވެ. އެރުވުނީ ރަތްދޫލައިގެ މަރުހަބާއެކެވެ.
ރައީސް ޝީގެ މިދަތުރުފުޅަކީ ހަ އަހަރުގެ ތެރޭގައި އޭނާ ސައޫދީ އަރަބިޔާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފާއިތުވި ހަ އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުންތައް ވަނީ އައު އުސްމިނަކަށް އުފުލިފައެވެ. މިހިސާބަށް މިގުޅުން ހަރުދަނާވުމަކީ ހަގީގަތުގައި ސައޫދީ ސަރުކާރުން އެމެރިކާއަށް ދޭ މެސެޖެއްގެ ގޮތުގައިވެސް މާނަކުރެވިދާނެއެވެ. ކަލޭމެން ބުނާހާގޮތެއް ހަދައިގެން ތިބި ޒަމާން މާޒީގެ ތެރެއަށް ދިޔައީއެވެ. މިއީ އެހެން ޒަމާނެކެވެ. ސައޫދީ އަރަބިޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ މެސެޖަކީ އެއީއެވެ. ރައީސް ޝީގެ ދަތުރުފުޅާއެކު ޕްރިންސް މުހައްމަދަށް ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ ދާއިރާގައި ކުރިއަށްވުރެވެސް ބޮޑު ދައުރެއް ލިބިވަޑައިގަތީއެވެ. ބައިނަލްއަގުވާމީ މަސްރަހުގައި ކުރިއަށްވުރެވެސް ބޮޑު ނުފޫޒެއް ލިބިވަޑައިގަތީއެވެ.
ސައޫދީ އަރަބިޔާގެ ތެލުގެ އެންމެބޮޑު މާކެޓަކީ މިހާރު އެމެރިކާއެއް ނޫނެވެ. ޗައިނާއެވެ. ސައޫދީ އަރަބިޔާއިން އުފައްދާ ތެލުގެ ފަންސަވީސް އިންސައްތަ ގަންނަނީ ޗައިނާއިންނެވެ. ޗައިނާގެ މާކެޓުން ސައޫދީ އަރަބިޔާއަށް ލިބޭ އާމްދަނީއަކީ ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ ވިޝަން ހަގީގަތަކަށް ހެއްދެވުމުގެ ތަޅުދަނޑިއެވެ. ގައުމު ތަރައްގީ ކުރައްވައި އެމެރިކާއަށް ބަރޯސާކުރުން ކުޑަކުރައްވައި އިގްތިސާދީ މިނިވަންކަމުގެ އައްސޭރިޔަކަށް ވަޑައިގެންނެވުމަށް އޮތް ރަސްމަގެވެ. އަނެއްކޮޅުން ޗައިނާއަށްވެސް ސައޫދީ ތެލުގެ މުހިންމުކަން ނުހަނު ބޮޑެވެ. ޗައިނާގެ ތަރައްގީއާއި ދުވެލި ބިނާވެފައިވަނީ ހަކަތައިގެ ސިނާއަތާއެވެ. އެ ސިނާއަތުގެ ދުޅަހެޔޮކަން ގުޅިފައިވަނީ ސައޫދީ އަރަބިޔާއާއެވެ. މިގުޅުމަކީ މި ދެފަރާތަށްމެ އެއްވަރަކަށް އޭގެ ބޭނުންތެރިކަން އޮތް ގުޅުމެކެވެ.
އެމެރިކާގެ މުށުތެރެއިން ސައޫދީ އަރަބިޔާ ދޫވެގެން ދިޔުމަކީ އެމެރިކާއަށް ފަރުޖެއްސޭނޭކަމެއް ނޫނެވެ. ސައޫދީ އަރަބިޔާއާ ދޭތެރޭ ފަހަކަށްއައިސް އެމެރިކާއިން ގެންގުޅޭ ސިޔާސަތު ވަރަށް ބޮޑަށް ބަދަލުކުރަން އޮތީ ޖެހިފައެވެ. ފެންކައްކާ ބޮލީގެ އިއްޒަތް ދިނުމާއި ހިތަށްއެރި އިރަކު ތާރީފުކޮށްފައި ހިތަށްއެރި އިރަކު ބެވުން ހުއްޓާލަން އޮތީ ޖެހިފައެވެ. ހަތިޔާރު ވިއްކުމުގައިވެސް ހިތަށްއެރިހައި ޝަރުތުތައް ކުރިމަތިކޮށް ޒާތްޒާތުގެ ބަހަނާ ދެއްކުން ނިމުމަކަށް ގެންނާން އޮތީ ޖެހިފައެވެ. ހަގީގަތުގައި ޗައިނާއާ ގާތަށް ސައޫދީ އަރަބިޔާ ޖެހެމުންދިއުމުގެ ސިއްރަކީވެސް ސައޫދީ އަރަބިޔާއަށް އިހުތިރާމް ނުކުރުމާއި ޖެއްސުން ކުރުމެވެ. މިކަން މިމަގަށް ހުރުމާއެކުވެސް އެމެރިކާއަކީ އަދިވެސް ދިފާއީގޮތުން ސައޫދީ އަރަބިޔާގެ އެންމެ ބޮޑު ބައިވެރިޔާއެވެ. ޗައިނާ މިވަގުތު އޮތީ ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައެވެ.
ދިފާއީ ގުޅުންތަކުގެ ބިންގާ އެންމެ ފުރަތަމަ އެޅެނީ ވިޔަފާރީގެ ގުޅުމުގެ ތެރެއިންނެވެ. އިގްތިސާދީ އެއްބާރުލުމުގެ ތެރެއިންނެވެ. ޗައިނާގެ ހަތިޔާރާއި ޓެކްނޮލޮޖީއަށް ގަލްފުން ދޮރުހުޅުވައިލުމަކީ ވަކިން ބޮޑަށް އެމެރިކާ ނުރުހޭނޭ ކަމެކެވެ. ގަލްފުގެ ގައުމުތަކަކީ އެމެރިކާގެ ހަތިޔާރުގެ އެންމެ ބޮޑު މާކެޓެވެ. މިހާރުވެސް ސައޫދީ އަރަބިޔާގެ މިސައިލް އުފެއްދުމުގެ ބިޔަ އައު މަޝްރޫއަކަށް ޗައިނާގެ އެހީތެރިކަން ހޯދުމާބެހޭ މަޝްވަރާތަކެއް ކުރިއަށް އެބަދެއެވެ. މިކަން މިމަގުން ނުކުރުމަށް އެމެރިކާއިން ކެނޑިނޭޅި ސައޫދީ އަރަބިޔާއަށް ދަނީ އިލްތިމާސް ކުރަމުންނެވެ. ކޮންމެއަކަސް ރައީސް ޝީ ޖިންޕިންގެ ސައޫދީ ދަތުރުފުޅަކީ އެމެރިކާ ބޭނުންހާ ގޮތަކަށް ސައޫދީ އަރަބިޔާއިން ދީލާނުލާނޭކަމާއި އެމެރިކާގެ ސިޔާސަތު ބަދަލުކުރަން ޖެހޭކަން ހާމަވެގެންދާ ދަތުރުފުޅެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ