"ނޮޅިވަރަމް މީހެއްގެ ހައިސިއްޔަތުން އަހަރެން ވަރަށް ދެރަވެއްޖެ. ލަދުވެސް ގަނެއްޖެ. އެހުރިހާ އަނިޔާއަކަށް ކެތކޮށްގެން ހުރެ އެންމެ ފަހުން ދުނިޔެ ދޫކޮށްލީވެސް އެ އަނިޔާވެރިކަމުގަ. ފައިސަލް އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން އެނގުނަސް އެބިއުސިވް މީހެއްކަމެއް ނޭނގެ. ހަމަ ހަގީގަތުގަވެސް ނޭނގެ."
މިއީ މިދިޔަ ހޮނިހިރު ދުވަހު ހދ. ނޮޅިވަރަމްގައި މަރާލާފައި އޮއްވާ ފެނުނު ކަމަށްބުނާ އެރަށު ހިތަށްފިނިވާގެ ނިޝާމާ މުހައްމަދުގެ މަރުގެ ވާހަކަ އެރަށު މީހަކު ފެށިގޮތެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެރަށު ގިނަ ކަންކަމުގައި ބައިވެރިވާ ރަށުގެ ނަންހިނގާ މީހަކު "ވަން" އާ ވާހަކަ ދައްކަމުން ބުނީ ނިޝާމާ އަށް އަނިޔާކުރާކަން އެނގުނު އެރަށު މީހުން އަޅައިލުނުލުމަކީ ހިތަށް އަސަރުކުރިކަމެއް ކަމަށެވެ. އާއިލާ މީހުންފެށިގެން އަވަށްޓެރިންވެސް އެމީހުންގެ ޒިންމާ އަދާކުރުމުގައި ފެއިލިވީ ކަމަށް އޭނާ ގަބޫލުކުރެއެވެ. ހުދު އޭނާވެސް ފެއިލިވީ ކަމަށް ގަބޫލުކުރެއެވެ.
"ފެންފުށީގަ ދިރިއުޅުނު އިރު ފައިސަލް އަނިޔާކުރާ ވާހަކަވެސް މި ދައްކަނީ މިއަދު. މިރަށުގަވެސް އަނިޔާކުރާކަމާއި މަރުގެ އިންޒާރުދޭ ވާހަކަވެސް މި ދައްކަނީ މިހާރު. ނިޝާމާ މަރުވުމުގެ ކުރިން މިކަން ހުއްޓުވަން މިކަން އެނގޭ މީހުން މަސައްކަތް ނުކުރީ ކީއްވެތޯ ހިތަށް އަރާ. ތުއްތު ތިން ކުދިން ނިކަމެތި އެވީ. މިހެންވީމަ ލަދު ގަނޭ." އޭނާ ބުންޏެވެ.
ނިޝާމާ އާއި ފައިސަލްގެ ތިން ކުދިން ތިބިއިރު އެންމެ ދޮށީ ކުއްޖާގެ އުމުރަކީ ހަތް އަހަރެވެ. ނިޝާމާ އަކީ މަންމައެއްގެ ލޯތްބާއި އަޅައިލުން ދަރިންނަށްދީގެން ދަރީންނަށް ހެޔޮކޮށް ހިތައި ދަރިންދެކެ ލޯބިވި މަންމައެއް ގޮތުގައި އެރަށު މީހުން ސިފަކުރެއެވެ.
މަންމަގެ ކުއްލި ވަކިވުމާއެކު ދަރީންނަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ނުނިދެއެވެ. ނުކެވެއެވެ. ދަރިންނަށް މަންމަ ގޮވާލާ އަޑު އިވެނީއެވެ. މަންމަ ފެންނަހެން ހީވަނީއެވެ.
"މިއަދު ޖެންޑާ މިނިސްޓްރީގެ މީހުން ދޮށީ ކުއްޖާގެ ބަޔާން ނެގި. އެކުއްޖާ ބުނީ ކޮޓަރިން މަންމަ ފެންނަނީއޭ. މަންމަ ގޮވާލާ އަޑު އިވޭތީ ނުނިދެޔޭ. މަންމަ ފެންނަން ނެތީމަ ނުކެވެޔޭ. މަންމަ މަތިން ވަރަށް ހަނދާންވެޔޭ. ދެން ތިބި ކުދިންވެސް މަންމަ ހޯދަން ވަރަށް ރޮއެ ހަދާ ކަމަށް އާއިލާއިން ބުނޭ." އަސަރާއެކު އޭނާ ކިޔައިދިނެވެ.
ހާދިސާ ހިނގި ދުވަހު ކަންވީގޮތް އެ ކުއްޖާގެ ފަރާތުން ކޮންމެވެސް ވަރަކަށް އެނގުނު ކަމަށް އެމީހާ ބުންޏެވެ. އެގޮތުން ހޮނިހިރު ދުވަހު ހެނދުނު ސައިބޮއެގެން ކުޅެން ހުއްޓައި ބައްޕަ (ފައިސަލް) ގޮވާލާފައި ކޮޓަރިއަށް ވަނުމަށް އެދުނު ކަމަށް ކުއްޖާ ބުންޏެވެ. ކުއްޖާ ކޮޓަރިއަށް ވަންނަން ދިއުމުން ފައިސަލްގެ ވޮލެޓުގައި އޮތް އެ ކުއްޖާގެ އައިޑީކާޑު އެ ކުއްޖާ އަތަށް ދިން ކަމަށާއި އަދި އެ ހިފައިގެން ގޮސް ކޮޓަރި މަކުޑި އަޅުވައި ތަޅުލައިގެން އޮންނަން އެދުނު ކަމަށް ކުއްޖާ އާ ހަވާލާދީ އޭނާ ބުންޏެވެ.
"މިއީ ދޮށީ ދަރިފުޅު. އެ ކުއްޖާ ބުނީ ކޮޓަރިއަށް ވަތްއިރު ދެ ކޮއްކޮ އޮތީ މަންމަ ގާތު ނިދާފައޭ. ދެން މަންމަގެ ފޯނު އެތާނގަ އޮއްވާ ނަގައިގެން ކުޅެން އިންދާ އެންމެ ކުޑަކޮއްކޮ ހޭލައިގެން މަންމަގެ މަގަތުގައި އޮތް ކަމަށް ބުނީ." އޭނާ ކިޔައިދިނެވެ.
ކުދީންތައް މަންމައަށް ގޮވި ނަމަވެސް މަންމަގެ ހަބަރެއް ނުވިއެވެ. އެންމެ ފަހުން އާއިލާގެ ބަޔަކު ދޮރު ހަލާކޮށްގެން ކޮޓަރިއަށް ވަތްއިރު ފެނުނީ ހަބަރު ހުސްވެފައި އޮތް ނިޝާމާގެ ހަށިގަނޑެވެ. ނިދާފައި ކަމަށް ހީކޮށް އާއިލާގެ މީހުން ގޮވަން ފެށީއެވެ. އެކަމަކު ނިޝާމާގެ އެއްވެސް ހަބަރެއް ނެތެވެ. އޭނާ ވަނީ މި ދުނިޔެއާ ވަކިވެފައެވެ.
ނިޝާމާގެ އާއިލާ އަދި ރަށު މީހުން ތުހުމަތު ކުރާ ގޮތުގައި އޭނާގެ ދުވަސް ދުއްވާލުމަށްފަހު ފައިސަލް ފިލީއެވެ. އެއީ ހޮނިހިރު ދުވަހު މެންދުރު 12:00 ހާއިރު ފައިސަލް އެރަށުން ލޯންޗެއް ކުއްޔަށް ހިފައިގެން އެ އަތޮޅު ކުޅުދުއްފުއްޓަށް ދިޔުމުންނެވެ. ދަތެއްގައި ރިއްސާތީ ކެތް ނުވެގެން ޑޮކްޓަރަށް ދައްކަން ކަމަށްބުނެ ކުޅުދުއްފުއްޓަށް ދިޔަ ނަމަވެސް އޭނާ އެ ދުވަހު ކުޅުދުއްފުށީ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައި ނުވާކަން ވަނީ އެނގިފައެވެ.
ކުއްޔަށް ނެގި ލޯންޗަށް ފައިސާ ޓްރާންސްފާ ކުރާނެ ކަމަށް ބުނެ ލޯންޗު ކައްޕި އަތުން ޓެކްސީ ފައިސާވެސް ފައިސަލް ވަނީ އަތުލާފައެވެ. އޭގެ ފަހުން އޭނާ ދިޔައީ ކޮންތާކަށް ކަމެއް ބުނަން ނޭނގޭ ކަމަށް ލޯންޗު ކައްޕި ވަނީ ބުނެފައެވެ. އޭނާ ލޯންޗުން ފޭބިގޮތަށް ދިޔައީ ކުޅުދުއްފުށީ ޕޮލިސްޓޭޝަނަށް ކަމަށް ބައެއް މީހުން ބުނި ނަމަވެސް މިކަން ނޮޅިވަރަމް މީހުން ގަބޫލެއް ނުކުރެއެވެ.
"އަނބިމީހާ މަރުވެއްޖެއޭ ކިޔާފަ އޭނަ އެބަހުރި ނޮޅިވަރަމް ފެނަކައިގަ އުޅޭ ބައެއް މީހުންނަށް ގުޅާފަ. ވެގެން އުޅޭ ގޮތެއް ބަލަން ބުނެފަ އެބަހުރި. އެއީ ނިޝާމާގެ މަރުވެފައިވާ ހަށިގަނޑު ފެނުނު ފަހުން. އެއީ އޭނާ ކުޅުދުއްފުއްޓަށް ދިޔަތާ ގަޑިއެއްގެ އިރުވެސް ނުވަނީސް. ދެން ތިމަންނާ ރަށަށް އަންނަން އެއްޗެއް ހޯދަނީއޭވެސް ބުނެފަ އެބަހުރި ކަމަށްވޭ. ޕޮލިހުގަ އިންނަމަ މިގޮތަކަށް ނުބުނާނެ ދެއްތޯ. އޭނާ އަމިއްލައަށް ޕޮލިހުންނާ ހަވާލުވީ އޭނާގެ ފޮޓޯ އާންމުކޮށް ހޯދަން ފެށީމަ." ވަން އާ ވާހަކަދެއްކި މީހާ ބުންޏެވެ.
ފުލުހުންވެސް ބުނީ ފައިސަލް އަމިއްލައަށް އެ ދުވަހު ފުލުހުންނާ ހަވާލުވެފައިވާ ކަމަށެވެ. ނަމަވެސް ހަވާލުވީ ކޮން ގަޑިއެއްގައިކަމެއް ނުބުނެއެވެ. އަދި ކޯޓު އަމުރެއް ހޯދައިގެން އޭނާ ހައްޔަރު ކުރީ ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައެވެ.
ފައިސަލް އާ ނިޝާމާ އަރައިރުންވެ ގަޔަށް އަތްލައި ހަދާކަން އެނގޭ ކަމަށް އާއިލާ އާއި އަވަށްޓެރިން ވަނީ ބުނެފައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ދެ މީހުން ލޯބިން އުޅޭކަމަށާއި އެހެންކަމުން ފައިސަލް ނިޝާމާ މަރާލަފާނެކަމަށް ހީނުކުރާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ނިޝާމާގެ ހަށިގަނޑުން ފެންނަން ހުރި ޒަހަމްތަކަށް ބަލާއިރު އެއީ ފައިސަލް ދީފައި ހުރި އަނިޔާގެ ނިޝާންތައް ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.
ނިޝާމާގެ ދަރިފުޅާއި ހަވާލާދީ ވާހަކަ ދެއްކި މީހަކު ބުނީ ނިޝާމާގެ ކަރުގެ ވައިނޮޅިއާއި ދިމާލުން ވަރަށް ބޮޑަށް ނޫފައިގެން ގޮސްފައިވާ (ބްލޫކުލަ އަރާފައި ދަރިފުޅު ބުނި ގޮތް) ހުރި ކަމަށެވެ. އަދި އާއިލާ މީހުންނާއި ނިޝާމާގެ ހަށިގަނޑު ފެނުނު ބައެއް މީހުންވެސް އޭނާގެ ހަށިގަނޑު ނޫފައިގެންގޮސްފައިވާ ކަމަށާއި ކަރުގައި ނިޔަފަތި އެޅިފައިހުރި ކަހަލަ ޒަހަމްތަކެއް ފެނުނު ކަމަށް ވަނީ ބުނެފައެވެ.
ނިޝާމާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައިވާއިރު މި މަރުގެ ތުހުމަތު ކުރެވެނީ ފައިސަލް އަށެވެ. އޭނާ އަކީ މަސްތުވާތަކެއްޗާއި ގެވެށިއަނިޔާގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފެންފުށީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.
އަނިޔާކުރާ އަޑާއި މަރުގެ އިންޒާރު ދިން ކަމުގެ އަޑާއި މަރާލަން މަސައްކަތްކުރިކަންވެސް ނިޝާމާގެ ފަރާތުން އަވަށްޓެރިންނަށް އެނގުނު ނަމަވެސް ކުރެވުނު މާބޮޑު ކަމެއް ނެތެވެ. ރިޕޯޓުކުރިޔަސް ވާކަމެއް ނެތް ކަމަށް ގިނަ މީހުން ގަބޫލުކުރި ނަމަވެސް އެފަދަ ކަމެއްގެ އަޑު އިވުމުން ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމަކީ މުހިންމު ކަމެކެވެ. އަނިޔާގެ ވާހަކަ އެމީހަކު މަރުވުމުން ދެއްކުމުން ވާނެ ކަމެއް ނޯންނާނެއެވެ. އެއަށްވުރެ ކުރިން ފިޔަވަޅު އަޅައިފިނަމަ ކުރެވިދާނެ ކިތަންމެ ކަމެއްވެސް އޮވެދާނެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް