ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ފުލުހަކު ޑުރަގާއެކު ހުޅުމާލޭގެ އެޕާޓްމަންޓަކުން ހައްޔަރުކުރި މައްސަލަ ތަހުގީގުކުރުމުގެ މުއްދަތު ޕީޖީ އޮފީހުން އިތުރުކޮށްދީފިއެވެ.

ފުލުހުންގެ ޑީއީޑީގައި މަސްތުވާތަކެތީގެ ސްޓޮކް ބެލެހެއްޓުމާ ހަވާލުވެފައި ހުންނަ އޮފިސަރު ހަސަން ޝުޖާއު އާއި އޭނާގެ ލޯބިވެރިޔާ މަރިޔަމް ސަފާ، 31، ޑްރަގާ އެކު ހައްޔަރުކުރީ، މިދިޔަ މަހުގެ ދިހަ ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ އެޕާޓްމަންޓަކުންނެވެ. އެ ދެ މީހުންގެ އިތުރުން އެ މައްސަލައިގައި ހުސެއިން ރަޝީދު، 23އގެ އިތުރުން އަހުމަދު ރާޖިހު، 23އ ވެސް ހައްޔަރުކުރިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ސަފާއާއި 23 އަހަރުގެ ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްދީފައެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި ޝުޖާއުގެ ބަންދުގެ މުއްދަތުވެސް ވަނީ އިތުރުކޮށްދީފައެވެ. ނަމަވެސް އޭނާގެ ކޯޓު އަމުރު ކްރިމިނަލް ކޯޓުން އާއްމުކޮށްފައެއް ނުވެއެވެ. އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެމީހުންގެ ތަހުގީގަށް އިތުރު 15 ދުވަސް ފުލުހުން އެދިގެން ދީފައިވުމުންނެވެ.

އެމީހުންގެ ބަންދު އަމުރުގައިވާ ގޮތުގައި އެ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި އިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު އެއީ ނެޓްވޯކެއްގެ ތެރެއިން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމުގެ ތުހުމަތުކުރެވޭ ފަރާތްތަކެއް ކަމަށެވެ. އަދި އެމީހުންނަކީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެމީހުންގެ މައްޗަށް އެކަށީގެންވާ ހެކި ގަރީނާ އެބަހުއްޓެވެ.

ޝުޖާއު ހައްޔަރުކުރުމަށްފަހު ފުލުހުންގެ ވަޒީފާއިން އޭނާ ސަސްޕެންޑްކޮށްފައިވާ އިރު، ފުލުހުން ބުނެފައިވާ ގޮތުގައި ޑީއީޑީގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގެ އުސޫލު އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފުލުހަކަށް ނޯންނާނެއެވެ.