މި ވަގުތުގެ ޖަޒުބާތުގައި އަވަސް ނިންމުންތަކެއް ނިންމަން ނުޖެހޭ ކަމަށާއި މިއީ ގައުމާއި ގައުމީ ޓީމަށްވެސް ފުރަގަސް ދޭންވީ ވަގުތު ނޫން ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ޕޯޗުގަލުން ވޯލްޑް ކަޕުން ކަޓައިގެން ދިޔައީ ކުއާޓާ ފައިނަލް މެޗުގައި މޮރޮކޯ ކައިރިން 1-0 އިން ބަލިވެގެންނެވެ. އެ މެޗުގެ ފުރަތަމަ 11 އަށްވެސް ކޯޗު ފެނާންޑޯ ސަންޓޯސް ރޮނާލްޑޯ ނެރެފައެއް ނުވެއެވެ. ގަދަ 16ގައި ޕޯޗުގަލުން ސްވިޒަލޭންޑްގެ މައްޗަށް 6-1 އިން ކުރި ހޯދި އިރު، އެ މެޗަށްވެސް ސަންޓޯސް ރޮނާލްޑޯ ފުރަތަމަ 11 އަށް ނެރެފައެއް ނުވެއެވެ.
ސްވިޒަލޭންޑް މެޗުގައި ރޮނާލްޑޯގެ ބަދަލުގައި ނުކުތް ފޯވަޑް ގޮންސާލޯ ރާމޯސް ހެޓްރިކް ހެދި އިރު، މޮރޮކޯ މެޗަށްވެސް ސަންޓޯސް ނެރުނީ އޭނާއެވެ. ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފަށް ކޯޗު ސަންޓޯސް ރޮނާލްޑޯ ނެރެފައިވީ ނަމަވެސް މެޗު ނަތީޖާ ބަދަލުކޮށް ނުލެވި، ޖެހުނީ ކަޓައިގެންދާށެވެ.
ޕޯޗުގަލްގެ އަލްވަދާއާއެކު ރޮނާލްޑޯ ފައިބައިގެން ދިޔައީ ރޮމުންނެވެ. އެ މަންޒަރާއެކު ރޮނާލްޑޯއަށް އިތުރު މީޑިއާ ޕްރެޝަރާ ކުރިމަތިވެފައިވާ އިރު، މެޗާ ގުޅޭ ގޮތުން ރޮނާލްޑޯ ރޭ ވަނީ ސޯޝަލް މީޑިއާއަށް މެސެޖެއް ދޫކޮށްލައިފައެވެ.
"ޕޯޗުގަލްއާއެކު ވޯލްޑް ކަޕް ހޯދުމަކީ އަހަރެންގެ ކެރިއަރުގެ އެންމެ ބޮޑު ހުވަފެން، އެންމެ ބޮޑު އުންމީދު. ކަންދިމާކުރި ގޮތުން އެކަމެއް ހާސިލެއް ނުވި،" ރޮނާލްޑޯ ބުންޏެވެ.
މުބާރާތުގެ ކުރިން ރޮނާލްޑޯ އޭރު ހުރި ކްލަބު، މެންޗެސްޓާ ޔުނައިޓެޑާ އޭނާއާ ދޭތެރޭ މައްސަލަތަކެއް ޖެހި އެއްބަސްވުން އުވާލާފައިވާ އިރު، ވޯލްޑް ކަޕް ތެރެއިން ރޮނާލްޑޯއާއި ޕޯޗުގަލް ކޯޗު ސަންޓޯސްއާ ދެމެދު މައްސަލަތަކެއް ދިމާވި ކަމަށްވެސް ނޫސްތަކުން ބުންޏެވެ. އެގޮތުން ރޮނާލްޑޯގެ ސަބަބުން ޕޯޗުގަލް ޓީމު ތެރޭގައި ބައިބައިވުންތަކެއް އުފެދުނު ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ.
"އެކިއެކި ކަންކަމުގައި އެ މީހަކު ނިންމަން ބޭނުންވާ ގޮތެއް ނިންމާނީ ވަގުތަށް ބެލުމަށްފަހު. އަހަރެން ބުނަން ބޭނުންވާ ވާހަކައަކީ ވަރަށް ގިނަ ގޮތްގޮތަށް، ވަރަށް ގިނަ ވާހަކަތައް ދެކެވިއްޖެ ކަމަށް. ވަރަށް ގިނަ ވާހަކަތައް ސުވާލު އުފެދޭ ގޮތެއް ލިޔެވިއްޖެ. އަހަރެން އެއްވެސް އިރެއްގައި ގައުމީ ޓީމަށް ދޭންޖެހޭ އަހައްމިއްޔަތު ކުޑަ ތަންކޮޅަކުންވެސް ކުޑައެއް ނުކުރަން. އަހަންނަކީ ކުޅުންތެރިންނަށްޓަކައި ގުރުބާންވާން ތައްޔާރަށް ހުރި ކުޅުންތެރިއެއް. އަހަރެން އަހަރެންގެ ޓީމްމޭޓުންނަށް އަދި ގައުމަށްވެސް ފުރަގަސް ނުދޭނަން،" އުމުރުން 37 އަހަރުގެ ރޮނާލްޑޯ ބުންޏެވެ.
މިހާތަނަށް ފަސް ވޯލްޑް ކަޕެއްގައި ރޮނާލްޑޯ ކުޅެފައިވާ އިރު، އޭނާ ބުނީ އެ ހުރިހާ ވޯލްޑް ކަޕެއްގައިވެސް އެތައް މޮޅެތި ކުޅުންތެރިންނަކާއެކު ކުޅެ، އެތައް މިލިއަން ޕޯޗުގީޒް ރައްޔިތުންނެއްގެ މަދަދު ހޯދުނު ކަމަށެވެ. އަދި އެ ހުރިހާ ވޯލްޑް ކަޕެއްގައިވެސް ގައުމަށްޓަކައި ޖާނާމާލު ދިން ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.
ފަސް ފަހަރު ބެލޮންޑިއޯ ހޯޑާފައިވާ ރޮނާލްޑޯ ރިޓަޔާކުރަން އަދި ނުވިސްނާކަމަށް އޭނާގެ މެސެޖުން ދޭހަވާ އިރު، ރޮނާލްޑޯ ވަނީ މިހާތަނަށް ގައުމީ ޓީމަށް ރެކޯޑު 118 ގޯލް ޖަހައިދީފައެވެ. އަދި އޭނާ ވަނީ ރެކޯޑު 195 މެޗެއްގައި ގައުމީ ޓީމަށްވެސް ކުޅެފައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022