ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައިގައި ޕީޕީއެމްގައި ބައިވެރިވުމެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު "ވަން" އަށް މިރޭ ވިދާޅުވީ، އެ މައްސަލަ އީސީން ބެލިބެލުމުގައި އެކަމުގައި ޕީޕީއެމްގެ ބައިވެރިވުމެއް އޮތްކަން ފެންނަން ނެތް ކަމަށެވެ.
"އީސީން އެ މައްސަލަ ބެލިއިރު ޕީޕީއެމްއިން އެކަމަށް ހިތްވަރުދިނުން ނުވަތަ އެކަމަށް ތާއިދުކޮށް ބައިވެރިވިކަން ސާބިތެއް ނުވޭ،" ފުއާދު ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ. އެ ތަކެއްޗަކީ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ބޭނުންކުރި ތަކެއްޗެވެ. އެހެންވެ ގިނަބަޔަކު ވަނީ އެ ހަމަނުޖެހުމުގައި ޕީޕީއެމްގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށްފައެވެ.
ޕީޕީއެމްއިން މީގެ ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިދަ ދަނޑިތަކާއި ބެނާތައް އެ ޕާޓީގެ ފަރާތުން ދޫކޮށްފައިވާ ކަމަށާއި ނަމަވެސް ހަމަނުޖެހުމުގައި ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޕީޕީއެމްގެ ސްޓްރީން ކޮމިޓީގެ ޗެއާ، ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއީލް އާއި އެ ޕާޓީގެ ކައުންސިލް މެމްބަރެއްކަމަށްވާ މުހައްމަދު ރައްޒާންއެވެ. މުހައްމަދު އިސްމާއީލްގެ މައްޗަށް ވަނީ އެ މައްސަލައާ ގުޅިގެން ދައުވާ އުފުލައިފައެވެ. ހަމަނުޖެހުން ހިންގި މީހުންނަށް ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް މުހައްމަދު އިސްމާއީލު ހަވާލުކުރާ ފޮޓޯޓަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައި ފުލުހުން ވަނީ 23 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ދައުވާކުރަން ފޮނުވާފައިވަނީ 18 މީހަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު