ޚަބަރު

ބްލެކްމެއިލްކޮށް އަންހެނަކު ރޭޕް ކުރި މީހަކު 20 އަހަރަށް ޖަލަށް

މުހައްމަދު އިޝާން

ބްލެކްމެއިލް ކޮށްގެން ގެންގޮސް އަންހެނަކު ރޭޕް ކުރި މީހަކު 20 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، ށ. މިލަންދޫ، ބްލޫހައުސް، ޔޫސުފް ހުސާމް ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 11:00 ހާއިރު، އަންހެން މީހާގެ ފޮޓޯތަކެއް ފޭސްބުކަށްލާނެ ކަމަށް ބުނެ، ބިރު ދައްކައިގެން އޭނާ ގެއަކަށް ގެންގޮސް ގަދަކަމުން ރޭޕްކޮށްފައި ކަމަށެވެ.

މި މައްސަލައިގައި ޔޫސުފް ހުސާމްގެ މައްޗަށް ކޮށްފައިވަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާ އާއި ބިރު ދެއްކުމުގެ ދައުވާއެވެ.

އެގޮތުން ރޭޕްކުރުމުގެ ކުށުގެ ދައުވާ ޔޫސުޕް ހުސާމްގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި، އެކަމުގެ އަދަބެއްގެ ގޮތުން 15 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ނަމަވެސް އެ މައްސަލައިގެ ތަހުގީގަށާއި ޝަރީއަތް ނިމުމާ ހަމަޔަށް ޔޫސުފް ހުސާމް ތިން އަހަރާއި ދެ މަހާއި ހަ ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، އޭނާ ތަންފީޒުކުރަން ޖެހޭނެ ޖަލު އަދަބަކީ 11 އަހަރާއި ނުވަ މަހާއި 24 ދުވަސް ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމުގައިވެއެވެ.

އޭގެ އިތުރުން އޭނާގެ މައްޗަށް ކޮށްފައިވާ ބިރު ދެއްކުމުގެ ދައުވާ ވެސް ސާބިތުވާތީ ފަސް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ތިން އަހަރާއި ދެ މަހާއި ހަ ދުވަސް ހޭދަކޮށްފައިވާތީ ޖަލުގައި ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި ނުވަ މަހާއި 24 ދުވަސް ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމުގައިވެއެވެ.

މި މައްސަލަ ބެއްލެވީ ގާޒީ އާދަމް މުހައްމަދުއެވެ.