މާލެއިން ގޯތި ދޫކުރުމުގައި މާލޭ ރަށްވެހިން ކަނޑައެޅުމުގައި އަމަލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލު ބާތިލުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންނުވާ ކަމަށް އެ ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ސަރުކާރުން އިއުލާން ކުރި ބިންވެރިޔާ ސްކީމުގެ ދަށުން 3,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި އިރު، ހައުސިން މިނިސްޓްރީން ވަނީ އެ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ އުސޫލެއް އާންމުކޮށްފައެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުން މާލޭގެ ރައްޔިތެއް ކަމަށް ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ ފަރާތްތަކަށެވެ.
އެ އުސޫލު ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނީ ވަކީލު އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ޝިހާދު އިބްރާހިމް އާއި ފުވައްމުލަކު ސިޓީ/ ސިތާނާ، ހަސަން ފަލާހެވެ.
އެ މައްސަލާގައި ބުނެފައިވަނީ، ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް، ހައްގުތައް ހަނިކުރެވިގެން ނުވާނެ ކަމަށާއި މާލޭ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކީ މާލޭ ރައްވެއްސެއް ކަމަށެވެ.
އަދި ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައި މާލޭ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ ފަރާތްތައް ކަމަށް، ބަޔާންކޮށް މާލޭ ރައްޔިތެއްކަން މާނަކޮށް، އެކުލަވާލާފައިވާ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ އުސޫލަކީ ގާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ށ) އަދި (ނ) އާއި 20 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 68 ވަނަ މާއްދާ އާއި 69 ވަނަ މާއްދާއާ ހިލާފު އަދި ބިމާބެހޭ ގާނޫނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 138 ވަނަ މާއްދާ އާއި ކުންފުންޏާބެހޭ ގާނޫނުގެ 98 ވަނަ މާއްދާއާ ހިލާފު ހަމަތަކެއްގެ ތެރެއިން އެކުލަވާލާފައިވާ އުސޫލެއް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެ އުސޫލަކީ ގާނޫނުއަސާސީއާއި އެ ހުރިހާ ގާނޫނުތަކާ ހިލާފު އުސޫލެއް ކަމަށް ކަނޑައަޅައި އެ އުސޫލު ބާތިލުކޮށްދިނުމަށް ދުސްތޫރީ މައްސަލައިގައި އެ ދެބޭފުޅުން ކޯޓުގައި އެދިފައިވެއެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ މައްޗަށް ހުށަހެޅި އެ މައްސަަލައާ ގުޅިގެން އެ އޮފީހުން ވަނީ އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައެވެ. އެގޮތުން އެ މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފައިވެއެވެ.
އިޖުރާއީ ނުކުތާއަށް ރައްދު ދެއްވައި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބަޔާންކުރާ އުސޫލަކީ ބިމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ބައެއް ކަމަށްވާތީ ހައިކޯޓަށް އެ މައްސަލަ ބެލޭނެ ކަމަށެވެ.
މި މައްސަލަ ބެއްލެވުމަށްފަހު ހުކުމް އިއްވަވަމުން މައްްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ، ކޯޓުން ފުރަތަމަ ބަލަން ޖޭހެނީ ދުސްތޫރީ މައްސަލައަކީ ކޮބައިތޯއާއި ހައިކޯޓަށް އެފަދަ މައްސަލައެއް ބެލުމުގެ ބާރާއި އިހުތިސާސް ގާނޫނުއަސާސީއާއި ގާނޫނުން ލިބިފައި އޮތް ގޮތް ކަމަށެވެ.
"މި މޭރުމުން ބަލައި އިރު، ގާނޫނުއަސާސީގެ 274 (ހ)ގައި ބަޔާންކުރަނީ، މި ގާނޫނު އަސާސީގެ ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާހާ ހިނދަކު ދުސްތޫރީ މައްސަލަކަމުގައި ބުނެފައި އެ ވަނީ ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިޔަސް މާނަކުރަންޖެހިއްޖެ ނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ ބަޔަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ވިޔަސް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބަލައި އެކަމުގައި ގޮތެއް ނިންމަންޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ. ގާނުނުއަސާސީގައި ދުސްތޫރި މައްސަލައަށް ލިބިފައިވާ ތައުރީފު ހަމަ އެ ގޮތަށް ކޯޓުތަކުގެ ގާނޫނުގައިވެސް ބަޔާންކޮށްފައިވޭ، ދުސްތޫރީ މައްސަލައަށް ގާނޫނުުއަސާސީން ދީފައިވާ ތައުރީފުން އެނގޭ ގޮތުގައި ދުސްތުރީ މައްސަލަތައް ތަފާތު ބައިތަކަކަށް ބެހިގެންވޭ، އަދި އެބައިތަކާ ގުޅިގެން އެ ދުސްތޫރީ މައްސަލައެއް ބެލުމުގެ އިހުތިސާސް ލިބިދޭ ކޯޓު ތަފާތުވެގެންދާނެކަން ގާނޫނުއަސާސީންނާއި ކޯޓުތަކުގެ ގާނޫނުން ސާފުވޭ،"
ދެން ބަލަންޖެހެނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ފުރަތަމަ މަރުހަލާގެ ކޯޓެއް ފަދައިން ހައިކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލަތަކަކީ ކޮބައިތޯ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އެގޮތުން ހައިކޯޓުގެ ހައިސިއްޔަތަކީ އާއްމު ގޮތެއްގައި އިސްތިއުނާފީ ކޯޓެއްގެ ހައިސިއްޔަތު ނަމަވެސް ގާނޫނުތަކުގައި ބަޔާންކުރާ ބައެއް ކަހަލަ މައްސަލަތަކަކީ ފުރަތަމަވެސް ހައިކޯޓަށް ހުށަހަަޅައިގެން ހައިކޯޓަކީ ފުރަތަަމަ މަރުހަލާގެ ކޯޓެއް ފަދައިން އެ މައްސަލައެއް ބެލުމުގެ ބާރާއި އިހުތިސާސް ދީފައިވާ ކޯޓެއް ކަމަށާއި އެ ހާލަތުގައި ހައިކޯޓުގެ ހައިސިއްޔަތަކީ އިސްތިއުނާފީ ކޯޓެއްގެ ހައިސިއްޔަތެއް ނޫން ކަމަށާއި އެ ހާލަތުގައި ހައިކޯޓު ހަރަކާތްތެރި ވާނީ ފުރަތަމަ މަރުހަލާއެއްގެ ކޯޓެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތަށް ބަލައި އިރު، ގާނޫނުއަސާސީގެ 144 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ދުސްތޫރީ މައްސަލަތައް ނިންމުމުގެ ބާރު ކަމަށާއި ދުސްތޫރީ މައްސަލައެއް ބެލުމުގައި ކޮންމެ ކޯޓަކަށްވެސް އެ ކޯޓުގެ އިހުތިސާސްގައި ހިމެނޭ ކަންތައްތައް ކުރުުގެ ބާރު އެ ކޯޓަކަށް ލިބިގެންވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިއިން އެނގެނީ ތުސްތޫރީ މައްސަލަތަކަކީ ހަމައެކަނި ހައިކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަތަކެއް ނޫންކަން، ކޮންމެ ކޯޓަކަށްވެސް ދުސްތޫރީ މައްސަލަތައް ބެލުމުގެ ބާރު ދީފައިވަނީ އެ ކޯޓެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިންކަން، މާނައަކީ އެ ކޯޓެއްގެ އިހުތިސާސްގައި ނުހިމެނޭ ނަމަ އެއީ ދުސްތޫރީ މައްސަލައަކަށް ވިޔަސް އެ ކޯޓަކަށް އެ މައްސަލައެއް ނުބެލޭނެ، ވީމާ ދުސްތޫރީ މައްސަލައެއް ބެލުމަށް ގާނޫނުއަސާސީން ކޮންމެ ކޯޓަކަށް ބާރު ލިބިދީފައިވީ ނަމަވެސް އެ ބާރުގެ ބޭނުން ކުރެވޭނީ އެ ކޯޓަކަށް ގާނޫނުން އިހުތިސާސްވެސް ލިބިދޭ ނަމަ،"
ގާނޫނީ އިސްތިލާފުގައި މައްސަަލަ ބެލުމުގެ ބާރާއި އިހުތިސާސަކީ ތަފާތު ދޭއްޗެއް ކަމަށާއި ގާނޫނުން ބާރު ދީފައިއޮތަސް އެކަމުގެ އިހުތިސާސް ނެތިއްޔާ އެކަމެއް ނުކުރެވޭނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން ދުސްތޫރީ މައްސަލައެއް ކުރިއަށް ގެންދިއުމުގައި ފުރަތަމަ ބަލަންޖެހެނީ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހިމެނޭ ކަންތައްތަކަކީ ކޮބައިތޯއާއި އެ ކަންތައްތަކުގެ ތެރެއިން ސުވާލު އުފައްދާ ކަމަކީ އެ ކޯޓެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްތޯ ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ހައިކޯޓަށް އަސްލީ އިހުތިސާސް ލިބިގެންވާ މައްސަލަތަކަކީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ކަމަށެވެ.
އެގޮތުން ހައުސިން މިނިސްޓްރީން އާއްމު ކޮށްފައިވާ އުސޫލަކީ ބިމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ ބައެއް ކަމަށް ދެކިގެން އެ އުސޫލު ބާތިލުކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި، އެ އުސޫލަކީ ބިމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ ބައެއްގެ ގޮތުގައި އެ އުސޫލު ހިމެނުނު ގާނޫނީ އަސާސެއް މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި ބިމާބެހޭ ގޮތުން ހައުސިން މިނިސްޓްރީން ކުރާ ކޮންމެ އިއުލާނަކީ ނުވަތަ އެ އިއުލާނަކާ ގުޅިފައިވާ އުސޫލަކީ، ބިމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއް ނުވަތަ އެފަދަ ގަވާއިދަކަށް ކުރެވޭ އިތުރެއް ކަމަށް ބަލަންޖެހޭ ހަމައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ އުސޫލަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން ގެދޮރުވެރިންގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގުރާމުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ގޯތި ދޫކުރުމަށްޓަަކައި ކުރި އިއުލާންގެ ދަށުން އެކުލަވައިލި އެ އިއުލާންގެ ބައެއް ކަމަށް، މި މައްސަލައިގައި ދައުލަތުން ބުނާ ކަމަށެވެ.
އެގޮތުން މި މައްސަލައިގައި ބާތިލުކުރުމަށް ހުށަހަޅާފައިވާ 27 ޖޫން 2022ގެ އިއުލާންގެ އެއްވެސް ތަނެއްގައި ބިމާބެހޭ ގާނޫނުގެ ވާހަކައެއް އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްވެސް ގަވާއިދެއްްގެ ވާހަކައެއް ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"ވީމާ އެ އިއުލާނާއި އެ އިއުލާނާއެކު ގެޒެޓު ކޮށްފައިވާ އުސޫލުތަކަކީ ކޮން ގާނޫނެއްގެ ނުވަތަ ކޮން ގަވާއިދެއްގެ ދަށުން ނެރެފައިވާ އެއްޗެއްކަން އެގޭކަށް ނެތް، ވީމާ އެ އިއުލާނާއި އެ އިއުލާނާއެކު ގެޒެޓު ކޮށްފައިވާ އުސޫލުތަކަކީ ވަކި ގާނޫނެއްގެ ދަށުން ނުވަތަ ވަކި ގަވާއިދެއްގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށް އިއުތިރާޒު ކުރެވޭނެ ކަމަކަށް ނުދެކެން، ވީމާ މިއީ ވަކި ގާނޫނަކުން ނުވަތަ ވަކި ގަވާއިދެއްގެ ދަށުން ކޮށްފައިވާ އިއުލާނަކަށްވުރެ ބޮޑަށް ބުރަވެވެން އޮތީ މިއީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯތި ދޫކުރުމަށްޓަކައި ހައުސިން މިނިސްޓްރީން ކޮށްގެން އުޅޭ ކަމެއް ކަމަށް،"
އެހެންކަމުން މި މައްސަލައިގައި ސުވާލު އުފައްދާ އުސޫލަކީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް އަދި އެއްވެސް ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށާއި ހައުސިން މިނިސްޓްރީން ކޮށްގެން އުޅޭ ކަންތައް ފެތިގެން ދަނީ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅާފައިވާ ބަޔަށް ކަމަށްވެސް ވިދާޅުވިއެވެ.
އެ ސަބަބުތަކަށްޓަކައި މި މައްސަލައަކީ ހައިކޯޓުގައި ފުރަތަމަ މަރުހަލާއިން ބެލޭނެ ދުސްތޫރީ މައްސަލެއް ނޫން ކަމަށް ކަނޑައަޅައި މައްސަލަ ބެއްލެވި ހައިކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ރިޔާސަތާއެކު އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސެއިން މަޒީދުއާއި ފަނޑިޔާރު ފާތުމަތު ފަރުހީޒާއާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.