އެއީ ލޯބީގެ މިސާލެކޭވެސް ބުނެވިދާނެއެވެ. ކައިވެނީގެ ގޮތުން ޖަހާލި ވަރުގަދަ ގޮށުގެ މަތީގައި ދެގޮތެއްނުވެ ބައިގަރުނަށްވުރެ ގިނަ ދުވަސް ހޭދަކޮށްފިއެވެ. އެކުގައި އެހާ ދުވަސްވީއިރުވެސް 80 އަހަރާ ގާތްވެފައިވާ ގދ. ގައްދޫ، މުހައްމަދު ޖަމީލު (މާވަޑި ޖަމީލުބެ)ގެ ހިތުގައި އަނބިމީހާ ކަމަނާއްތައަށް (ގައްދޫ މީހުން ކިޔާ ގޮތް) އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކަމަނާއްތަ ބަލި އެނދުގައި އޮންނަތާ މިހާރު ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނުހިނގޭ ހާލުގައި މުސްކުޅިބަލީގައި އޮތް، ކަމަނާއްތަގެ ހުރިހާވެސް ކަމެއް ބެލެހެއްޓީ ޖަމީލުބެއެވެ. ދެމެފިރިން އެކުގައި އުޅުނީ ވަރަށް ލޯބިންނެވެ. ބައެއް ފަހަރު އުރާލައިގެން އުޅެއެވެ. އަނެއްބައި ފަހަރު އަމިއްލަ އަތުން ލަވައިދީގެން ކާންދީ ހަދާނެއެވެ. ފެންވަރުވައިދީ ނަލަކޮށްދީ ހުރިހާ ކަމެއްވެސް ކޮށްދިނީ ޖަމީލުބެއެވެ.
ޖަމީލުބެ އާއި ކަމަނާއްތަގެ ކައިވެންޏަށް ތިން ފިރިހެން ދަރިން ލިބިފައިވާ އިރު، އެ އެންމެންވެސް މިހާރުވަނީ ބޮޑެތިވެފައެވެ. ޖަމީލުބެ އާއި ކަމަނާއްތައަށް މާމަ، ކާފަ ކިޔާ ކުދިންވެސް އެބަތިއްބެވެ. ޖަމީލުބެއަކީ، ގައްދޫގައި އުފެދުނު އެންމެ މޮޅު ވަޑީންގެ ތެރެއިން އެކެކެވެ. ޖަމީލުބެ އެންމެ ފަހުން މަސައްކަތް ކުރީ އެރަށު ކުރީގެ ހުކުރު މިސްކިތުގެ މުދިމަކަށެވެ. މިދިޔަ އަހަރާ ޖެހެންދެންވެސް އެ މިސްކިތުގެ މުދިމުކަން ޖަމީލުބެ ކުރިއެވެ. އެހެންވެ، ލިބޭ އެއްޗަކުން ފުދިގެން، ކަމަނާއްތައާއެކު ޖަމީލުބެ ދިރިއުޅެމުން އައީވެސް ވަކީންނެވެ.
ޖަމީލުބެ އާއި ކަމަނާއްތައަށް ކައްކައިދީ ހަދައިދެނީ، އެ މީހުންގެ ދަނބިދަރިއެކެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގިރެއަކީ އޭނާވެސް ރަށުގައި ނެތް ރެޔެކެވެ. ބޭސްވަރެއްގައި މާލެއަށް ދިޔަތާ އެއިރު ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންވެ، ގިނައިން ކައްކައިވެސް އުޅެނީ ޖަމީލުބެއެވެ. ޖަމީލުބެގެ ގައިގައި މީގެ ދެ ރޭ ކުރިން ހުޅުހިފީވެސް ގަރުދިޔަ ހޫނުކުރަން އުޅުމުގެ ތެރޭގައެވެ.
"ސައި ހަދަންވެގެން ގަރުދިޔަ ހޫނުކުރަން އުޅެނިކޮށް މިކަމެއް މި ދިމާވީ. ރަނގަޅަށް އުނދުން ރޯނުކުރެވި ގޭސް ލީކްވާ ގޮތަށް ހުއްޓައި ދެވަނަ ފަހަރަށް ރޯކުރުމުގެ ތެރޭގައި ހުޅުގަނޑު ފަޅައިގެން ދިޔައީ، ދެން ޖަމީލުބެ އާއި އެތަނާ އެއްކޮށް ހުޅުހިފީ" ގައްދުއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ގެއާ ވަކިން ހަދާފައި ހުރި ކުޑަ ބަދިގޭގައި، އަލިފާނުގެ ހާދިސާ ހިނގި އިރު، ޖަމީލުބެގެ މުޅި ގައިގައިވެސް ހުޅު ހިފިއެވެ. ލައިގެން ހުރި އަންނައުނު ވެސް އެނދީއެވެ. ގައިގައި ހަންހުރީ މަދުތަނެއްގައެވެ. ނަމަވެސް އެ ހާލަތުގައިވެސް ޖަމީލުބެ ވަނީ ކަށީން ހިތްވަރު ނެރެ، ރޯވި އަލިފާންގަނޑު އަމިއްލައަށް ނިއްވާލައި ފަރުވާއަށް އަމިއްލައަށް ސިއްހީ މަރުކަޒަށް ގޮސްފައެވެ. ޖަމީލުބެ ގެއިން ނުކުމެގެން ސިއްހީ މަރުކަޒަށް ދިޔަ މަގުމަތީ ފުރަތަމަ ދިމާވީ އެރަށު އަބްދުﷲ އިމާދު ބިން ސައީދަށެވެ. އިމާދު ބުނި ގޮތުގައި އެއިރު ޖަމީލުބޭގެ ސިފަ ވަކިކުރަންވެސް ނޭނގެއެވެ.
"ޖަމީލުބެގެ ގެ ކުރިމަތީގައި ހުރި މިސްކިތް ކައިރިން ދިމާވީ. ފުރަތަމަ ނޭނގުނު ކާކުކަން ވަކިކުރަންވެސް. އެވަރަށް ހަންގަނޑު އަނދާފަ ހުރީ. ސިފަވެސް ވަކިނުވޭ ޖަމްބޯ ގޯންޏެއް ކަހަލަގެ އެއްޗެއް އަނދެގެން ހުރީ އެއިރު. އަޅުގަނޑަށްވެސް އެނގުނީ ޖަމީލުބެ އައިސް އެއީ ޖަމީލުބޭކަން ބުނުމުން. ދެން އަޅުގަނޑާއި އެހެން ބަޔަކާ ވެގެން ޖަމީލުބެ ކައިރީ ތިބެގެން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައީ، އެއީ ހަންގަނޑުގައި އަތްލައިފިއްޔާ އިންފެކްޓް ވެދާނެތީ އަތްލުމަށް އެކޮޅުން (ސިއްހީ މަރުކަޒުން) ލަފާނުދޭތީ،" އިމާދު ބުންޏެވެ.
އިމާދު ބުނި ގޮތުގައި ސިއްހީ މަރުކަޒަށް ގެންގޮސް ގިނަ އިރުތަކެއް ނުވެ، އިތުރު ފަރުވާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ޖަމީލުބެ ގެންދިޔައެވެ. އެ ހޮސްޕިޓަލުގައި ޖަމީލުބެއަށް ފަރުވާ ދީފައިވަނީ އައިސީޔޫގައެވެ. ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވި ގޮތުގައި ޖަމީލުބޭގެ ހަށިގަނޑުގެ 50 ޕަސަންޓް އޮތީ ފިހިފައެވެ. އަލިފާނުގެ ހާދިސާގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް ޖަމީލުބެ ވަނީ ރޭގެ އިރާކޮޅުގެ ވަގުތެއްގައި މަރުވެފައެވެ.
"ވަން" އަށް ވަނީ، އަލިފާން ރޯވި ބަދިގޭގެ ވީޑިއޯއެއް ލިބިފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ނޫކުލައިގެ ތަރުފާލިގަނޑުގެ ބައެއްވެސް ވަނީ އަނދައިފައެވެ. އަދި ޖަމީލުބެގެ ފައިވާންވެސް އެތަނުގައި އޮތްއިރު އޭގެވެސް ބައެއް ވަނީ އަނދައިފައެވެ. އަލިފާން ރޯވި ބަދިގެއަށް އެންމެ ފުރަތަމަ ވަން މީހުންގެ ތެރޭގައި ހިމެނޭ އިމާދު ބުނި ގޮތުގައި ބަދިގޭގެ އެކި ތަންތަނަށް ފެން ޖަހާފައިވެއެވެ. އެއީ އަލިފާން ނިއްވުމަށް ޖަމީލުބެ މަސައްކަތްކުރި ކަމުގެ ހެއްކެކެވެ.
"ސިންކުގެ އަށިމަތީގެ އެކި ދިމަދިމާލުގައި ހުރި ޖަމީލުބެގެ ގައިން ނެއްޓުނު ހަންތައް ތަތްލަވާފައި، ދެތިން ތަނެއްގައި ހުރި އެގޮތަށް. ޖަމީލުބެގެ މުންޑުގެ ބައެއްވެސް އޮތް އެތާނގައި،" އިމާދު ކިޔައިދިނެވެ.
ޖަމީލުބޭގެ މަރާއެކު، މުޅި ގައްދުއަށް ވަނީ ފުން ހިތާމައެއް ވެރިވެފައެވެ. ހިދުމަތްތެރި ޖަމީލުބޭގެ ވަކިވުމުން ގިނަ ބައެއް އަދިވެސް ތިބީ ޝޮކެއްގައެވެ. ރަށުގެ ރައްޔިތުންގެ މެދުގައި ލޯބީގެ މިސާލު ދައްކަމުން އައި ޖަމީލުބޭގެ މަރާއެކު އެންމެ ހިތްދަތިވާނީ ބަލި އެނދުގައި ނުހިނގޭ ހާލުގައި އޮތް އަނބިމީހާ، ކަމަނާއްތައެވެ. ޖަމީލުބެގެ ގައިގައި ރޯވި ރޭގައިވެސް ކަމަނާއްތަ ސިއްހީ މަރުކަަޒުގައި އެނދުމަތި ކުރިއެވެ. ހިތައް ކެތްނުވެ، ފުން އަސަރުތަކެއް ކޮށްފައިވާތީއެވެ. އެކުގައި ހޭހަންކޮށްދޭން އުމުރު ހުސްކުރި ލާމަސީލު ފިރިމީހާ ވަކިވެގެން ދިއުމުން ކަމަނާއްތައަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް