އިންގްލެންޑް ބަލިކުރެވުނީ ނަސީބު އެހީވެގެން ކަމަށާއި ދެން އޮތީ ތައުރީފު ހައްގުވާ މޮރޮކޯގެ ޗެލެންޖު ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.
އެންމެފަހުގެ ޗެމްޕިއަން ފްރާންސުން މި ފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް ޖާގައެއް ރޭ ހޯދީ އިންގްލެންޑް ކައިރިން 2-1 އިން މޮޅުވެގެންނެވެ. އެ މޮޅާއެކު ފްރާންސަށް ވަނީ ތަށި ދިފާއުކުރުމަށް ކުރާ މަސައްކަތުގެ އުންމީދު އާވެފައެވެ. މީގެ ކުރިން އެންމެފަހުން ވޯލްޑް ކަޕް ތަށި ދިފާއުކޮށްފައި ވަނީ 1962 ވަނަ އަހަރު ބްރެޒިލުންނެވެ. އެއީ ޕެލޭއާއެކު މީގެ 60 އަހަރު ކުރިންނެވެ.
ރޭގެ މެޗުގައި ފްރާންސަށް ފުރަތަމަ ގޯލު ޖަހައިދިނީ އޯރެލިއެން ޗުއަމެނީއެވެ. އޭނާގެ ހިތްގައިމު ގޯލާއެކު ލީޑު ނަގައިފައި ވަނިކޮށް، އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން ހެރީ ކޭންގެ ޕެނަލްޓީއަކުންނެވެ. ފްރާންސުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ އޮލިވިއޭ ޖިރޫ ޖެހި ގޯލުންނެވެ. މެޗުގެ ފަހު ކޮޅުގައި ޖިރޫ ޖެހި ގޯލާއެކު ފްރާންސް މޮޅުވާން ދަނިކޮށް، ނަތީޖާ ހަމަހަމަ ކުރުމަށް އިންގްލެންޑަށް ދެވަނަ ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ކޭން ޖެހި ޕެނަލްޓީ ދިޔައީ މަތިން ބޭރަށެވެ.
"ބޮޑު މެޗަކުން ހޯދުނީ ބޮޑު މޮޅެއް. ޓެކްޓިކަލީ އަދި ފިޒިކަލީވެސް ވަރަށް ވަރުގަދަ އިންގްލެންޑް ޓީމަކާ ދެކޮޅަށް ކުޅެ މޮޅެއް ހޯދުނީ. ސެމީ ފައިނަލުން ޖާގަ ހޯދުމަކީ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވި ކަމެއް. މި ވަގުތުގައި މޮޅުގެ އުފާފާޅުކުރާނެ ޓީމު. އަހަރެމެންނަށް ނަސީބުވެސް އެހީވި، އެއީ ދެ ޕެނަލްޓީއެއް ދިނުމުން އޭގެ ތެރެއިން އެއް ޕެނަލްޓީ އިންގްލެންޑަށް ނާކާމިޔާބުވުމުން. އަހަރެމެން ލީޑުގައި އޮތީ ރޫހުގައި ކުޅެމުން ދިޔުމުގެ ސަބަބުން،" ޑިޝޭމްޕްސް ރޭގެ މެޗަށްފަހު ބުންޏެވެ.
ފްރާންސާއެކު ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައިވެސް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ކޯޗު ޑިޝޭމްޕްސް ބުނީ މޮރޮކޯއާ ދެކޮޅަށް ވަރަށް ތައްޔާރުވާން ޖެހޭނެ ކަމަށާއި މޮރޮކޯ ސެމީއަށް ދިއުން ހައްގު ކަމަށެވެ.
"ދެން އޮތް މެޗަށް އަހަރެމެން ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ. މޮރޮކޯއަކީ ތައުރީފުވެސް ހައްގު ޓީމެއް. މޮރޮކޯ އެ ހިސާބަށް ނުދެވޭނެ ކަމަށްވެސް ބަޔަކު އަންދާޒާ ކޮށްފައި އޮވެދާނެ. އެކަމަކު މޮރޮކޯ އެ ހިސާބަށް ދިޔައީ ހައްގުވާތީ. މޮރޮކޯ މުޅި މުބާރާތުގައި ކޮޅަށް ވައްދާފައިވަނީ އެންމެ ގޯލެއް، އެހެންވީމާ އެ ޓީމުގެ ވަރުގަދަކަން އެނގޭ،" ޑިޝޭމްޕްސް ބުންޏެވެ.
ފްރާންސާ ދެކޮޅަށް ސެމީގައި ނުކުންނަ މޮރޮކޯ ރޭ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ކަޓުވާލީ 1-0ގެ ނަތީޖާ އަކުންނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022