ގަތަރު ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލް ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ރޭ ހޯދީ ކުއާޓާ ފައިނަލްގައި އިންގްލެންޑް ބަލިކޮށްފައެވެ. ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފްރާންސުން އިންގްލެންޑް ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ފްރާންސްގެ އޯރެލިއެން ޗުއަމެނީ ގޯލެއް ޖަހައި ލީޑު ނަގައިފައި ވަނިކޮށް، އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން ހެރީ ކޭންގެ ޕެނަލްޓީއަކުންނެވެ. އެ ގޯލާއެކު ކޭން ވަނީ އިންގްލެންޑަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ވޭން ރޫނީގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ. ކޭން އަދި ރޫނީ ވެސް އިންގްލެންޑް ގައުމީ ޖާޒީގައި ވަނީ 53 ގޯލު ކާމިޔާބުކޮށްފައެވެ.
ފްރާންސުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ އޮލިވިއޭ ޖިރޫ ޖެހި ގޯލުންނެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަ ކުރުމަށް އިންގްލެންޑަށް ދެވަނަ ޕެނަލްޓީއެއް ލިބުނު ނަމަވެސް، ކޭން ޖެހި ޕެނަލްޓީ ދިޔައީ މަތިން ބޭރަށެވެ.
"މިއީ އަހަންނަށް ޕާސަނަލީވެސް އަދި މި ޓީމަށްވެސް އުނދަގޫ ބައްޔެއް. ނަމަވެސް މި ބައްޔާއެކުވެސް ކުރިއަށްދާން ޖެހޭނެ. އަހަރެމެންގެ ޓީމުން ދެއްކި ހިތްވަރާއި ކުޅުމަށް ތައުރީފު ހައްގު. މެޗުގައި މޮޅަށް ކުޅެވުނު، ރަނގަޅު ފުރުސަތުތައްވެސް ހޯދުނު، އެކަމަކު ފުޓުބޯޅައިގައި ތަފާތު އަންނާނީ ވަރަށް ކުދިކުދި ކަންތައްތަކުން. ކެޕްޓަނެއްގެ ހައިސިއްޔަތުންނާއި ޕެނަލްޓީ ނާކާމިޔާބު ކޮށްލި މީހާގެ ހައިސިއްޔަތުން ބަލިވުމުގެ ޒިންމާ ނަގަން،" ކޭން ރޭގެ މެޗަށްފަހު ބުންޏެވެ.
ކޭން ބުނީ ރޭގެ މެޗަށް ފުރިހަމައަށް ތައްޔާރުވި ނަމަވެސް، ޕެނަލްޓީ ނާކާމިޔާބުވުމުގައި ހާލަތްތައް އަންނާނެ ކަމަށެވެ.
"އަހަރެން މެޗުގެ ކުރިންވި ތައްޔާރީތައް ގޯހީކީ ނޫން. އަހަރެން ކޮންފިޑެންސާއެކު ޕެނަލްޓީ ޖެހީވެސް. އެކަމަކު އެ ވަގުތު ބޯޅަ ދާންޖެހޭ ގޮތަށް ނުދިޔައީ. އެއީ ޕެނަލްޓީގައި ވާނެ ގޮތަކީވެސް،" ކޭން ބުންޏެވެ.
އިންގްލެންޑުން މިދިޔަ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލްގައި ކުޅުނު އިންގްލެންޑަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ގިނަ ފަހަރު ކުއާޓާ ފައިނަލުން ކަޓައިގެން ދިޔަ ޓީމެވެ. އެ ޓީމު ވަނީ ރެކޯޑު ހަތް ކުއާޓާ ފައިނަލަކުން ކަޓައިގެން ގޮސްފައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022