ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ ކުއާޓާ ފައިނަލް މެޗުގެ ފުރަތަމަ 11 ނުނެރެވުމަކީ އެކަމާ ހިތާމަކުރާ ކަމެއް ނޫން ކަމަށް ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.
ޕޯޗުގަލުން ވޯލްޑް ކަޕުން ކަޓައިގެން ދިޔައީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި މޮރޮކޯ ކައިރިން 1-0 އިން ބަލިވެގެންނެވެ. ރޭގެ މެޗުގެ ފުރަތަމަ 11 އަށްވެސް ރޮނާލްޑޯ ނެރެފައެއް ނުވެއެވެ. ގަދަ 16ގައި ޕޯޗުގަލުން ސްވިޒަލޭންޑްގެ މައްޗަށް 6-1 އިން ކުރި ހޯދި އިރު، އެ މެޗަށްވެސް ސަންޓޯސް ރޮނާލްޑޯ ފުރަތަމަ 11 އަށް ނެރެފައެއް ނުވެއެވެ.
ސްވިޒަލޭންޑް މެޗުގައި ރޮނާލްޑޯގެ ބަދަލުގައި ނުކުތް ފޯވަޑް ގޮންސާލޯ ރާމޯސް ހެޓްރިކް ހެދި އިރު، ރޭގެ މެޗަށްވެސް ސަންޓޯސް ނެރުނީ އޭނާއެވެ. ރޭގެ މެޗުގެ ދެވަނަ ހާފަށް ކޯޗު ސަންޓޯސް ރޮނާލްޑޯ ނެރެފައިވީ ނަމަވެސް މެޗު ނަތީޖާ ބަދަލުކޮށް ނުލެވި، ޖެހުނީ ކަޓައިގެންދާށެވެ.
"އަހަރެން ރިގްރެޓެއް ނުކުރަން ރޮނާލްޑޯ ބެންޗު ކުރެވުނީމަކާ. އަހަރެން ފުރުސަތު އަލުން ލިބުނަސް ޓީމަށް ބަދަލެއް ނުގެންނާނަން. އެއީ ޓީމު ނެގުމަކީ ހިތުގެ ޖަޒުބާތަށް ކުރަން ޖެހޭނެ ކަމެއް ނޫން. އަހަރެން ބޭނުންކުރީ ސްވިޒަލޭންޑާ ދެކޮޅަށް ރަނގަޅަށް ކުޅުނު ޓީމެއް. އެ ޓީމު ބަދަލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް،" ސަންޓޯސް ބުންޏެވެ.
ސަންޓޯސް ބުނީ ރޮނާލްޑޯ ބެންޗު ކުރުމަކީ ޓެކްޓިކަލް ނިންމުމެއް ކަމަށާއި އެއީ އުނދަގޫވިވެސް ނިންމުމެއް ކަމަށެވެ.
"(ރޮނާލްޑޯ ބެންޗް ކުރުމަކީ) ވަރަށް އުނދަގޫވި ޓެކްޓިކަލް ނިންމުމެއް. ހިތުގެ ޖަޒުބާތަށް ގޮތް ނިންމުމުގެ ބަދަލުގައި ގޮތް ނިންމަން ޖެހޭނީ ސިކުނޑިން. ރޮނާލްޑޯ ދަށް ކަމަކުންވެސް ނޫން. އެކަމަކު ޓީމުގެ ޓެކްނިކަލް ވިސްނުމަކަށް އޭނާ ބެންޗު ކުރަން ޖެހުނީ،" ސަންޓޯސް ބުންޏެވެ.
ރޭގެ މެޗަށްފަހު ސަންޓޯސް ބުނީ ޕޯޗުގަލްއަށް ނަސީބު ނެތްތަންކޮޅުވެސް ދެއްކި ކަމަށެވެ. ޓީމަށް ގޯލު ޖަހާނެ އެތައް ފުރުސަތެއް ލިބި، އެ ފުރުސަތުތަކުގައި ރަނގަޅު ހަމަލާތައްވެސް ފޮނުވާލެވުނު ކަމަށް ސަންޓޯސް ބުންޏެވެ. އޭނާ ބުނީ މަދުވީ ނަސީބު ކަމަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022