ގަތަރު ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ހޯދައިފިއެވެ.
ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފްރާންސުން އިންގްލެންޑް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް އިންގްލެންޑުން ނުކުތީ ގަދަ 16 ގައި ސެނެގާލް ފަސޭހަ ކަމާއެކު ކަޓުވާލައިފައި އޮވެގެންނެވެ. އަހަރުތަކެއް ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލަށް އިންގްލެންޑް ދަތުރު ކޮށްފައިވާ އިރު، މިރޭ އެޓީމުގެ އަމާޒުގައި އޮތީ ޖެހިޖެހިގެން ދެވަނަ ސެމީ ފައިނަލެކެވެ. އެހެންނަމަކަށް އެކަށް އޮތީ ބޮޑު ޗެލެންޖެކެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން ފްރާންސެވެ.
ފްރާންސުން ގަދަ 16 ގައި ޕޮލެންޑްގެ މައްޗަށް ކުރި ހޯދައި މިރޭގެ މެޗަށް ނުކުތީ ތަށި ދިފާއުކުރުމުގެ އުންމީދުގައި ކުރިއަށް ދިޔުމަށެވެ. އެޓީމުގެ އެންމެވަރުގަދަ ހަތިޔާރު، ކިލިއަން އެމްބާޕޭއަށް ފުރިހަމައަށް ބަރޯސާ ވެފައިވެެސް އޮވެގެންނެވެ.
މެޗަކީ ޒަމާންވީ ޔޫރަޕްގެ ފުޓުބޯޅައިގެ ވާދަވެރިކަމަށްވެފައި އޮތުމާއެކު މެޗުގައި ފެނިގެން ދާނީ ޔޫރަޕްގެ ސްޓައިލްކަން މާ ކުރިންވެސް އޮތީ އެނގިފައެވެ. ދެޓީމުންވެސް މެޗު ފެށީ ޕާސްތައް ޖަހައި، މެދުތެރޭގެ ކޮންޓްރޯލް ހޯދުމުގެ މަސައްކަތުގައެވެ. އެޓޭކިން ގޭމަކަށް ދެޓީމުންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.
މެޗުގެ ފުރަތަމަ ހަމަލާ 11 ވަނަ މިނެޓުގައި ފްރާންސްގެ ފަރާތުން ފެނިގެން ދިޔަ އިރު، އޮސްމާން ޑެމްބެލޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ވެއްޓިލާފައި، އޮލިވިއާ ޖިރޫ ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑްގެ އަތަށެވެ.
އިންގްލެންޑަށް ނުރައްކާ ކުރަމުން ދިޔަ ފްރާންސުން މެޗުގެ 17 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އޯރެލިއެން ޗުއަމެނީއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ. ހިތްގައިމު ގޯލެކެވެ.
އެ ގޯލަށް ފަހުން ފްރާންސް ހަމަޖެހިލި ނަމަވެސް އިންގްލެންޑުން އެކަމަށް ފުރުސަތެއް ނުދިނެވެ. މެޗަށް އަނބުރާ ވަނުމަށް އެޓީމުން އިތުރު ހިތްވަރަކާއެކު ކުރިއަށްވެސް ޖެހިލިއެވެ. މެޗުގެ 22 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހެރީ ކޭން ފޮނުވާލި ހަމަލާ، ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ބޯޅައަށް ނުކުމެ މަތަކޮށްފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ހެރީ ކޭން ފޮނުވާލި ބާރު ހަމަލާ، ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށްވެސް މަތަކޮށް ބޭރުކޮށްލީ ފްރާންސްގެ ކީޕަރު ލޮރިސްއެވެ.
ފުރަތަމަ ހާފްގެ ފަހުކޮޅުގައި ނުރައްކާ ކުރަމުން ދިޔަ އިންގްލެންޑުން ދެވަނަ ހާފްވެސް ފެށީ އެ ރޫހުގައެވެ. ފްރާންސަށް އިންގްލެންޑްގެ ފޯވަޑް ލައިނުން ނުރައްކާތައް ކުރިމަތިކުރުވިއެވެ. ހާފް ފެށިގެން ތިންވަނަ މިނެޓުގައި ލޫކް ޝޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖޫޑް ބެލިންހަމް ފޮނުވާލި ބާރު ހަމަލާ، ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ޕަންޗުން ބޭރުކޮށްލިއެވެ. އިންގްލެންޑުން ޖެހިލުމެއް ނެތި ކުރަމުންދިޔަ އެޓޭކުގައި އެޓީމުން ފައިދާ ނެގީ 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީގައެވެ.
ޕެނަލްޓީ ކާމިޔާބުކޮށް، އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ކޭންއެވެ. އެ ގޯލާއެކު އޭނާ ވަނީ އިންގްލެންޑަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ވޭން ރޫނީގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ. އެ ގޯލާއެކު ކޭން އަދި ރޫނީ ވެސް އިންގްލެންޑް ގައުމީ ޖާޒީގައި ވަނީ 53 ގޯލު ކާމިޔާބުކޮށްފައެވެ.
އެ ގޯލާއެކު އިންގްލެންޑުން އުންމީދު އާކޮށް، އިތުރަށް ކުރިއަށް ޖެހި ކުޅެންވެސް ފެށިއެވެ. މެޗުގެ 70 ވަނަ މިނެޓުގައި ޖޯޑަން ހެންޑަސަން ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އިންގްލެންޑް ޑިފެންޑަރު ހެރީ މެގުއާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އިންގްލެންޑްގެ ސެޓް ޕީސްތަކުގައި މެޗުގައި އެންމެ ނުރައްކާތެރިކޮށް ފެނުނީ މެގުއާއެވެ. އޭނާ ގިނަ ބޯޅަތަކަކަށް ކުރިއަށް އަރައި ފްރާންސަށް ނުރައްކާ ކުރިއެވެ.
އިންގްލެންޑްގެ އެ ހަމަލާތަކަށްފަހު ދެން އަނެއްކާވެސް ފެނުނީ ފްރާންސްގެ ނުރައްކަލެވެ. ފްރާންސްގެ އެޓޭކްގައި ހުރި ފެންވަރު ދައްކާލަން އެޓީމުން ކުރިއަށް ޖެހިލިއެވެ. މެޗުގެ 78 ވަނަ މިނެޓުގައި ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖިރޫ ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ. ހަމަ އެ ހަމަލާއާ ވިއްދައިގެން ދެން އުފެއްދި ހަމަލާގައި ޖިރޫ ޗެމްޕިއަން ފްރާންސް އަލުން ލީޑު ނެގިއެވެ.
މެޗުގައި ފްރާންސްގެ މެދުތެރެއިން މުހިއްމު ރޯލެއް އަދާކުރަމުން ދިޔަ ގްރީޒްމަން ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖިރޫއެވެ. ފްރާންސްގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ.
ފްރާންސުން ދެވަނަ ފަހަރަށް ލީޑު ނަގައި ހަމަޖެހިލިތަނާ އަނެއްކާވެސް އިންގްލެންޑަށް ލިބުނީ ޕެނަލްޓީއެކެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މޭސަން މައުންޓަށް ފްރާންސްގެ ތިއޯ ހެނާންޑޭޒް ކުރި ފައުލަކާ ގުޅިގެން ވީއޭއާރަށް ބެލުމަށްފަހު އިންގްލެންޑަށް ރެފްރީ ޕެނަލްޓީއެއް ދިން އިރު، އެ ޕެނަލްޓީ ޖަހަންވެސް ނުކުތީ ކޭންއެވެ. އެ ޕެނަލްޓީގައި ކެޕްޓަން ކޭން ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ. އުންމީދެއް ލިބުނު ވަގުތުކޮޅުވީ މާޔޫސް ކަމަކަށެވެ.
އެ ފުރުސަތު ނާކާމިޔާބު ކޮށްލުމުން ފްރާންސުން ވަނީ މެޗުގެ ފަހު ކަށިގަނޑާ ޖެހެންދެން ލީޑު ހިފަހައްޓާ ސެމީ ފައިނަލް ޔަގީން ކޮށްފައެވެ. ފްރާންސުން ސެމީގައި ނުކުންނާނީ މުބާރާތުގެ އެންމެ ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެމުން އަންނަ މޮރޮކޯއާ ދެކޮޅަށެވެ.
އަނެއް ސެމީ ފައިނަލުގައި އާޖެންޓީނާ ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022