ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އެކަމަށް ޝައްކުކުރާނެ ބަޔަކު ހަގީގަތުގައި ތިބެގެން ނުވާނެއެވެ. ރޮނާލްޑޯ ދަނޑުމަތީގައި ގާއިމުކުރި ހުރިހާ ރެކޯޑަކާއި ލިޔެފައިވާ ތާރީހީ އެތައް ސޮފުހާތަކަކަށް އިހުތިރާމް ނުކުރާނެ މީހަކުވެސް ހުރެގެން ނުވާނެއެވެ. ފަސް ބެލޮންޑިއޯ އެވޯޑަކީ އެކަމުގެ ރަމްޒެކެވެ.

ރޮނާލްޑޯ ވަނީ ޔޫރަޕްގެ ރަން ބޫޓު ހަތަރު ފަހަރަށް ކާމިޔާބުކޮށްފައެވެ. ކްލަބު ކެރިއަރުގައި ރެކޯޑް 700 އަށްވުރެ ގިނަ ގޯލު ޖަހާފައިވާއިރު، ގައުމީ ޓީމަށް ރެކޯޑް 118 ގޯލު ޖަހައިދީފައިވެއެވެ. އެއީ ދުނިޔޭގެ ތާރީހުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

ހުނަރަށް ޝައްކެއް ނެތެއް ނޫންތާއެވެ. ދިރިއުޅުމުގައި ގެންގުޅޭ ޑިސިޕްލިންގެ ސަބަބުން އުމުރުން 37 އަހަރުގައިވެސް ރޮނާލްޑޯ ހުރީ ނިކަން ފިޓްކޮށެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރަށް ބުނާ ބައެއް ބަސްބަހުން ރޮނާލްޑޯއަކީ "ހިތްމަތި" މީހެކޭ ބަޔަކު ބުނާ ނަމަވެސް، އޭނާގެ ހިތްތިރިކަންވެސް އެތައް ފަހަރަކު ވަނީ ސާބިތުކޮށްދީފައެވެ. އެހީތެރިކަމުގައެވެ. ދީލަތިކަމުގައިވެސް މެއެވެ. އުނދަގޫ ދިރިއުޅުމަކުން ކެރިއަރުގެ އެންމެ އުހަށް ނުކުތް "ސީއާރު 7" އަކީ ފުޓްބޯޅައިގެ އެންމެ ބޮޑު ބްރޭންޑެވެ.

ކެރިއަރުގެ ފަހުކޮޅަށް އެޅިފައިވާ ރޮނާލްޑޯއަށް މިހާރު ކޯޗުންނާ ދެމެދު މައްސަލުތަކެއް އުޅެ، ކްލަބުތަކުގައި އެންމެ ރަނގަޅު ފޯމު ދަމަހައްޓަން އުނދަގޫވެފައިވީ ނަމަވެސް އޭނާގެ ކެރިއަރަކީ ހިތްވަރު ހޯދަން ނަމޫނާ ކެރިއަރެކެވެ.

ސްޕޯޓިން ލިސްބަންއިން ކެރިއަރު ފަށައި، މެންޗެސްޓާ ޔުނައިޓެޑްގައި ވިދާލި ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާއި ޔުވެންޓަސްއަށް ކުޅެ، ޖުމުލަ 32 ތަށި ކެރިއަރުގައި ހޯދައިފައެވެ. ޗެމްޕިއަންސް ލީގުގައި 140 ގޯލު ޖަހާފައިވާ ރޮނާލްޑޯއަކީ އެ މުބާރާތުގެވެސް ރެކޯޑު ގޯލު ޖެހުންތެރިޔާއެވެ. ޕޯޗުގަލުން 2016 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރުމުގައި އެންމެ އިސްދައުރެއް އަދާކުރި ރޮނާލްޑޯގެ ކެރިއަރުގައި މަދުވީ ވޯލްޑް ކަޕެކެވެ. އެ ވޯލްޑް ކަޕް ނުލިބި ރޮނާލްޑޯގެ ކެރިއަރު ވަކިވެގެން ދާނެހެންވެސް ހީވެއްޖެއެވެ. ޕޯޗުގަލް މި ފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ އަތުން ބަލިވެ ކުއާޓާއިން ކަޓައިގެން ގޮސްފިއެވެ. ރޮނާލްޑޯ ދަނޑުން ފައިބައި ޑްރެސިން ރޫމަށް ދިޔައީ ކަރުނަ އަޅަމުންނެވެ.

ދެން ވޯލްޑް ކަޕް އޮންނާނީ 2026 ވަނަ އަހަރުއެވެ. އެ ވޯލްޑް ކަޕަށް ޕޯޗުގަލް ނުކުންނަ ނަމަ، ރޮނާލްޑޯއަށް ހުންނާނީ 41 އަހަރާ ގާތްވެފައެވެ. އެހެންކަމުން ރޮނާލްޑޯ ސީދާސީދަލަށް ނުބުނެ އޮތް ނަމަވެސް، އޭނާގެ ވޯލްޑް ކަޕް ތާރީހަށް މިއީ ނިމުން އައީ ކަމަށް ބެލެވިދާނެއެވެ.

އުމުރުން އެންމެ 21 އަހަރުގައި ރޮނާލްޑޯގެ ވޯލްޑް ކަޕްގެ ތާރީހު އޭނާ ލިޔަން ފެށިއެވެ. 2006 ވަނަ އަހަރު ޖަރުމަނުގައި އޮތް ވޯލްޑް ކަޕްގައި ޕޯޗުގަލް ޓީމަށް ނުކުމެ ރޮނާލްޑޯ ގޯލުވެސް ޖެހިއެވެ. އިރާން ކޮޅަށެވެ. ޕޯޗުގަލް އެ މުބާރާތުގެ ސެމީ ފައިނަލަށް ގެންގޮސް ދިނުމުގައި ރޮނާލްޑޯ ބޮޑު ދައުރެއް އަދާކުރި އިރު، އެއީ ރޮނާލްޑޯއަށް ވޯލްޑް ކަޕްގެ ތައްޓާ އެންމެ ގާތަށް ދެވުނު ވޯލްޑް ކަޕެވެ.

އެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލްއާއި އިންގްލެންޑް ޕެނަލްޓީއަށް ގޮސް ޕޯޗުގަލް މޮޅުވި އިރު، އެ މެޗުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީ އޭނާ ހާއްސަކުރީވެސް ބައްޕަ ޑިނިސް އަވެއިރޯއަށެވެ. ރޮނާލްޑޯ ބުނީ ކޮންމެ މޮޅަކާއެކު ބައްޕަގެ ހާއްސަ ހަނދާނެއް އޭނާ ހުންނަ ކަމަށެވެ.

އޭގެ ފަހުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ރޮނާލްޑޯ ނުކުތީ އެންމެ ރަނގަޅު ފޯމެއްގައި ހުރެފައެއް ނޫނެވެ. ގައުމީ ޓީމަށްވެސް ގޯލެއް ނުޖަހާތާ ދެ އަހަރެއްހާ ދުވަސްވެފައި އޭރު އޮތް ނަމަވެސް، ޕޯޗުގަލްއާއެކު ވޯލްޑް ކަޕަށް ނުކުމެ އޭނާ ފުރަތަމަ މެޗުގައި އައިވޮރީ ކޯސްޓް ކޮޅަށް ގޯލު ޖެހިއެވެ. ގަދަ 16 އިން ޕޯޗުގަލް ކެޓީ އެ ފަހަރުގެ ޗެމްޕިއަން ސްޕެއިން ކައިރިންނެވެ.

ދެން ޖެހިގެން އައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ރޮނާލްޑޯގެ ކެރިއަރުގައި އެންމެ މާޔޫސީ ވޯލްޑް ކަޕެވެ. ކަކުލުގެ އަނިޔާއެއްގައި ހުރެ ރޮނާލްޑޯ ވޯލްޑް ކަޕަށް ނުކުތް އިރު، ޕައުލޯ ބެންޓޯ އިރުޝާދު ދިން ޕޯޗުގަލް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ރޮނާލްޑޯ އެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ގޯލު ޖެހީ ގާނާ ކޮޅަށެވެ.

އުމުރުން 33 އަހަރުގައި ރަޝިއާ 2018 އަށް ނުކުމެ، ރޮނާލްޑޯ އެންމެން ހައިރާން ކޮށްލީ ސްޕެއިން ކޮޅަށް ގްރޫޕް ސްޓޭޖުގައި ހެޓްރިކް ހަދައިގެންނެވެ. އޭގެ އިތުރުން މޮރޮކޯ ކޮޅަށްވެސް ގޯލު ޖަހައި، މި ފަހަރުގެ ވޯލްޑް ކަޕަށް ރޮނާލްޑޯ ނުކުތީ ތާރީހު ލިޔެލުމަށެވެ. އެއީ ފަސް ވޯލްޑް ކަޕެއްގައި ކުޅެ، ފަސް ވޯލްޑް ކަޕެއްގައި ގޯލު ޖެހުމަށެވެ.

ރޮނާލްޑޯ މި ވޯލްޑް ކަޕްގައި ގާނާ ކޮޅަށް ގޯލު ޖެހުމާއެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ފަސް މުބާރާތެއްގައި ގޯލު ޖެހި ހަމައެކަނި ފިރިހެން ކުޅުންތެރިޔާއަށެވެ. މިހާތަނަށް ހަތަރު ވޯލްޑް ކަޕެއްގައި ގޯލު ޖެހި ކުޅުންތެރިންނަކީ ރޮނާލްޑޯގެ އިތުރުން ލިއޮނަލް މެސީއާއި ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ޕެލޭގެ އިތުރުން މިރްސްލާވް ކްލޯސާ އަދި ޖަރުމަނުގެ އައިކަން އޫވޭ ސީލާއެވެ.

ޖުމުލަ 18 މެޗެއް ވޯލްޑް ކަޕްގައި ކުޅެ އަށް ގޯލް ރޮނާލްޑޯ ޖަހާފައިވާ އިރު، އޭނާއާއެކު ފަސް ވޯލްޑް ކަޕެއްްގައި ކުޅުމުގެ ޝަރަފުވެސް ލިބުނީ މަދުކުޅުންތެރިޔަކަށެވެ. ރޮނާލްޑޯގެ އިތުރުން ފަސް ވޯލްޑް ކަޕެއްގައި ކުޅެފައި ވަނީ ލިއޮނަލް މެސީއާއި މެކްސިކޯގެ އެންޓޯނިއޯ ކާބަޖާލްއާއި އަންދްރާ ގުއަޑާޑޯ އަދި އެގައުމުގެ ޑިފެންޑަރާއި ރަފޭލް މާކޭޒްގެ ޖަރުމަނުގެ ލޯތާ މެތައުސްއެވެ. އޭގެ އިތުރުން ފަސް ވޯލްޑް ކަޕެއްގައި ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރޭގައި މެކްސިކޯގެ ގޯލްކީޕަރު ގުއިލާމޯ އޮޗޮއާ އަދި އިޓަލީގެ ގޯލްކީޕަރު ޖިއާން ލުއީޖީ ބުފޮން ހިމެނެއެވެ.

ރޮނާލްޑޯގެ ކެރިއަރުން ފެންނަނީ ތާރީހީ މަންޒަރުތަކެކެވެ. ވޯލްޑް ކަޕްގެ ތައްޓެއް ނެތި ކެރިއަރު ނިންމާލަން ޖެހުނަސް، ރޮނާލްޑޯއަކީ ލެޖެންޑަރީ ނަމެއްކަން ހަނދާނުން އެއްފަރާތް ކޮށްލެވޭކަށްވެސް ނެތެވެ.