ގދ. ގައްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އުމުރުން ދުވަސްވީ މީހާ ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ އެ މީހާއަށް ފަރުވާދެމުން ދަނިކޮށް މިރޭ މަރުވެފައިވާ ކަމަށެވެ. އެމީހާ މަރުވެފައިވަނީ މިރޭ 8:50 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާގައި ފިހިފައިވަނީ ގާތްގަނޑަކަށް 80 އަހަރުގެ ފިރިހެނެކެވެ. އޭނާ ފިހިފައިވަނީ ގޭސް އުނދުން ރޯކުރަން އުޅުމުގެ ތެރޭގައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އެ ހާދިސާ ހިނގުމުން އަލިފާން ނިއްވާލާފައި ވަނީވެސް އެ ފިރިހެން މީހާ އަމިއްލައަށެވެ. އަދި ފަރުވާއަށް ސިއްހީ މަރުކަޒަށް ދިޔައީވެސް އަމިއްލައަށެވެ.

އެ މީހާ އިތުރު ފަރުވާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ފަރުވާ ދީފައިވަނީ އައިސީޔޫގައެވެ. އޭނާގެ ހަށިގަނޑުގެ 50 ޕަސަންޓް ފިހިފައިވާ ކަމަށް ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ.

އެނގިފައިވާ ގޮތުގައި އަލިފާން ރޯވި ގޭގައި ދިރިއުޅެނީ ފިހުނު ފިރިހެން މީހާ އާއި އޭނާގެ އަނބިމީހާއެވެ. އަލިފާނުގެ ހާދިސާގައި އަނބިމީހާއަށް އެއްވެސް އަނިޔާއެއްވެފައެއް ނުވެއެވެ. ނަމަވެސް އެ ގޭގެ ބަދިގެއަށް ގެއްލުންތަކެއްވެފައިވެއެވެ.