"ވަރަށް އަނިޔާކުރޭ އަބަދުވެސް. އަވަށްޓެރިންނަށް އަޑު އިވިފަވެސް އެބަހުރި އެތައް ދުވަހަކު. އަންހެންމީހާ އަމިއްލައަށްވެސް އެބަ ބުނޭ އަނިޔާކުރެޔޭ. ކުރިން ދުވަހަކު މަރުގެ އިންޒާރު ދިން އަޑުވެސް އިވުނު އަވައްޓެރިންނަށް. އޭނާ އަމިއްލައަށް ބުނި ކަމަށްވޭ ކުރިން ދުވަހަކު މޫނުމަތީގަ ބާލީސް އަޅައިގެން ނޭވާ ހާސްކޮށްގެން މަރާލަން އުޅުނު ކަމަށް،" މިއަދު ހދ. ނޮޅިވަރަމުގައި މަރާލާފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދާ ގުޅޭ ގޮތުން އެރަށުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ މިއަދު 12:30 ގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ މައުލޫމާތު ލިބުމާއެކު ފުލުހުން ސީނަށް އެޓެންޑުވެ، ހޭނެތިފައި އޮތް މީހަކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ.
އެ އަންހެން މީހާ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، ނިޝާމާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ނުވަތަ އޭނާ އޮތީ މަރާލާފައި ކަމެއް ފުލުހުން މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެރަށުން "ވަން" އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ނިޝާމާ އާއި އޭނާގެ ފިރިމީހާ، އަބޫބަކުރު ފައިސަލް ނޮޅިވަރަމަށް ބަދަލުވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. ނިޝާމާ އަކީ އެރަށު މީހެއް ނަމަވެސް ފިރިހެން މީހާއަކީ ރަށުން ބޭރު މީހެއް ކަމަށް އޭނާ ބުންޏެވެ. އެމީހުން ކުރިން އުޅުނީ ފައިސަލްގެ އުފަން ރަށް، އދ. ފެންފުށީގައެވެ.
ނިޝާމާ އާއި ފައިސަލްގެ ކައިވެންޏަށް ތިން ކުދިން ލިބިފައިވާ އިރު، އެންމެ ދޮށި ދަރިފުޅުގެ އުމުރަކީ ފަސް އަހަރެވެ. ދެ އަންހެންކުދިންނާއި ފިރިހެން ކުއްޖެއް ތިބިއިރު، ނިޝާމާ ދިރިއުޅެމުންދަނީ އޭނާގެ އާއިލާ އާއެކުއެވެ. ނިޝާމާ ވަޒިފާއެއް އަދާނުކުރި ނަމަވެސް އޭނާގެ ފިރިމީހާ، ފައިސަލް އުޅެނީ އެރަށު ފެނަކަ ކޯޕަރޭޝަންގެ ޓެކްނީޝަނަކަށެވެ.
އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި ނިޝާމާއަށް އޭނާގެ ފިރިމީހާ ވަރަށް ގިނައިން އަނިޔާ ކުރެއެވެ. ފެންފުށީގައި އެ ދެމަފިރިން ދިރިއުޅުނު އިރުވެސް، ނިޝާމާއަށް ވަރަށް ގިނައިން ފައިސަލް އަނިޔާ ކުރާ ކަމަށްވެއެވެ. އަދި ބައެއް ފަހަރު ދަރިން ކުރިމަތީގައި ނިޝާމާއަށް އަނިޔާކުރާ ކަމަށް އެ ދެ ރަށުންވެސް "ވަން" އާ ވާހަކަދެއްކި މީހުން ބުންޏެވެ.
ނޮޅިވަރަމުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި މީގެ ކުރިންވެސް ނިޝާމާ ނޭވާ ހާސްކޮށް، މަރައިލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް، ނިޝާމާ އެރަށުގެ ބައެއް އަވަށްޓެރިން ކައިރީގައި ބުނެފައިވާ ކަމަށެވެ. އަދި މަރުގެ އިންޒާރުތައްވެސް ވަރަށް ގިނައިން އޭނާއަށް ދީފައިވާ ކަމަށް ނިޝާމާ ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިންވެސް ނިޝާމާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެނިފައިވާ ކަމަށާއި އެގޮތުން އަތާއި ފައިގައިވެސް ނޫފައިގެންފައި ހުރި ތަންތައް ކުރިންވެސް އެރަށު ބައެއް މީހުންނަށާއި އަވަށްޓެރިންނަށް ފެނިފައިވާ ކަމަށް ނޮޅިވަރަމުން ވާހަކަދެއްކި މީހުން ބުންޏެވެ.
ނޮޅިވަރަމުން ލޯންޗެއް ކުއްޔަށް ނަގައިގެން މެންދުރު 12:00 ޖަހަން އުޅެނިކޮށް ނިޝާމާގެ ފިރިމީހާ ފައިސަލް އެ އަތޮޅު ކުޅުދުއްފުއްޓަށް ދިޔައީ ދަތެއްގައި ރިއްސާތީ ކެތްނުވެގެން ޑޮކްޓަރަށް ދެއްކުމަށް ކަމަށް ބުނެއެވެ.
އެރަށުން ވާހަކަ ދެއްކި މީހާ ބުނީ ފައިސަލް ކުޅުދުއްފުއްޓަށް ދިޔައީ ނިޝާމާ އެކަނި ކޮޓަރީގައި ބަހައްޓާފައި ބޭރުން ތަޅުލައިފައެވެ. އަދި އޭނާގެ ދަރިން އެވަގުތު ތިބީ ކޮޓަރިން ބޭރުގައެވެ. ނިޝާމާގެ ހަބަރެއް ނުވެގެން އެންމެ ފަހުން ތަޅުދަނޑިން އެ ކޮޓަރި ދޮރު ހުޅުވީ ނިޝާމާގެ މަންމަ ކަމަށް އޭނާ ބުންޏެވެ. ފެނުނު އިރުވެސް ނިޝާމާ އޮތީ ހަބަރު ހުސްވެގެން ކޮޓަރި ތެރެއަށް ވެއްޓިފައި ކަމަށް އޭނާ ބުންޏެވެ.
"ތިން ކުދިން ކޮޓަރިން ބޭރުގަ އެވަގުތު ތިބީ. މީނަ (ފައިސަލް) ފުރަން ދަމުން ދިޔައީ ކޮޓަރި ބޭރުން ތަޅުލާފަ. ދެން ކުދިންތައް އައިސް މަންމާ މަންމާއޭ ކިޔާފަ ނިޝާމާ އަށް ގޮވައި ދޮރުގައި ޓަކި ޖެހީމަވެސް ދޮރެއް ނުހުޅުވި. ނިދާފަ އޮވެދާނެ ކަމަށް ހީކޮށް އޭނަގެ މަންމަ (ނިޝާމާ މަންމަ) އަތުގައި އޮތް ތަޅުދަނޑިއަކުން ދޮރު ހުޅުވީ. އޭރު ނިޝާމާ އޮތީ ވެއްޓިފަ ކޮޓަރި ތެރޭގަ." ހާދިސާ ހިނގި ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.
ނިޝާމާ މަންމަ ހަޅޭލަވައިގަތުމުން އަވަށްޓެރިންނާއި ގޭގައި ތިބި އެހެން މީހުން އެގެއަށް ވަގުތުން ދިިޔައެވެ. ކޮޓަރި ތެރޭގައި ނިޝާމާ އޮތްއިރު، އޭނާގެ ހަށިގަނޑުން ނޫފައިގެންފައި ހުރި ތަންތަން ފެނުނު ކަމަށް އެވަގުތު އެ ކޮޓަރިއަށް ވަން ބައެއް މީހުން ބުންޏެވެ. ނިޝާމާގެ ހަށިގަނޑު މަރުކަޒަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކުއެވެ. ނިޝާމާގެ މަރުގެ ހަބަރާއެކު އޭނާގެ މަންމަގެ ހާލު ދެރަވެ، ހޭނެތިގެން ވެއްޓުމުން، އޭނާއަށްވެސް ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.
އެރަށުން ވާހަކަދެއްކި ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ނިޝާމާ މަރާލާފައިވަނީ ނޭވާ ހާސްކޮށްގެންނެވެ. އަދި އޭނާގެ ގައިގައި ތަޅައި އަނިޔާކޮށްފައި ހުރި ތަންތަން ފެންނަން ހުއްޓެވެ.
"ނިޝާމާ ފެނުނު އިރުވެސް އެއްވެސް ހަރަކާތެއް ނެތް. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަނިޔާކޮށްފައި ހުރި ނިޝާންތައް ވަރަށް ބައިވަރު ހުރި. ނޫފައިގެންފައިވެސް ހުރި ބައިވަރު ތަންތަން. ބެލެވެނީ ކުރިން އަނިޔާކޮށްފަ ކަމަށް. ކަރުދޮށުގައިވެސް ނިޝާންތައް ހުރި، ބޮޑަށް ބެލެވެނީ ހާސްކޮށްގެން މަރާލާފައި ކަމަށް،" ނިޝާމާގެ އަވަށްޓެރިއަކު ބުންޏެވެ.
ނިޝާމާގެ އާއިލާގެ މީހަކު ބުނި ގޮތުގައި ނިޝާމާ މަރާލާފައިވަނީ ފައިސަލް ކަމަށާއި އަދި އޭނާ މަރާލުމަށްފަހު ފައިސަލް މަސައްކަތް ކުރީ ފިލުމަށް ކަމަށެވެ. އެގޮތުން މިއަދު ލޯންޗެއް ހިފައިގެން ކުއްލިއަކަށް ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ ކުޅުދުއްފުއްޓަށް ދިޔަ ނަމަވެސް އޭނާ ޑޮކްޓަރަށް ދައްކާފައިނުވާ ކަމަށެވެ. އެކަން އެ ސިޓީގެ ބައެއް މީހުންވެސް ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ. -- މިކަމާ ގުޅިގެން ކުޅުދުއްފުށި ހޮސްޕިޓަލް މެނޭޖަރު އަހުމަދު ދާއޫދަށް "ވަން" އިން ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ އާއި މެސެޖު ކުރުމުންވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައިނުވާތީ އެކަން ސާފުވާގޮތް ވަނީ ނުވެފައެވެ.
ނިޝާމާ ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން ފައިސަލް ވަނީ އޭނާ އާއެކު ފެނަކައިގައި މަސައްކަތްކުރާ މީހަކަށް ގުޅާފައި ވެގެން އުޅޭ ގޮތެއް ބެލުމަށް އެދިފައެވެ. އޭގެ ފަހުން އެމީހާއަށްވެސް ފައިސަލް ގުޅާފައެއް ނުވެއެވެ. އަދި ނިޝާމާގެ މަންމައަށް ނުވަތަ އާއިލާގެ މެމްބަރުންނަށް ގުޅައި އޭނާގެ އަންހެނުންނަށް ވެގެން އުޅޭ ގޮތް ސާފު ކުރަން މަސައްކަތް ކޮށްފައިނުވާ ކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.
އޭގެ އިތުރުން މިއަދު ކުޅުދުއްފުއްޓަށް ދިއުމަށްފަހު ފައިސަލް ވަނީ އޭނާގެ ފޭސްބުކް އެކައުންޓުގައި ނިޝާމާ އާއި އޭނާގެ ތިން ކުދިންގެ ފޮޓޯ އާއި ވީޑިއޯތައް ވަރަށް ގިނައިން ޕޯސްޓްކޮށްފައެވެ. އަދި ވަރަށް ލޯބިވާ ކަމަށްވެސް ކެޕްޝަންތަކުގައި ލިޔެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ފައިސަލް މިހާރު ވަނީ އަމިއްލައަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފައެވެ. ނަމަވެސް އޭނާ އަދި ހައްޔަރެއް ނުކުރެއެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ކުޅުދުއްފުށި ޕޮލިސްޓޭޝަނުން ދަނީ ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ނިޝާމާގެ ހަށިގަނޑު މިހާރު ނޮޅިވަރަމު ސިއްހީ މަރުކަޒުގައި އޮތް އިރު، އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންކަން ހުރުމުން އޭނާގެ ހަށިގަނޑު މާލެ ގެންނަން މިހާރު ވަނީ ނިންމައިފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް