ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ގުޅިގެން ދެކެވޭ އެކިއެކި ވާހަކަތަކަށް ނިމުން އަންނަން ޖެހޭ ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.
ޕޯޗުގަލުން ވޯލްޑް ކަޕްގެ ގަދަ 16ގައި ސްވިޒަލޭންޑް ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރިން ހުރިހާ ފޯކަސްއެއް އަމާޒުވެފައި އޮތީ ޓީމުގެ ކެޕްޓަން ރޮނާލްޑޯއަށެވެ. އެ ފޯކަސް ރޮނާލްޑޯއަށް އަމާޒުވީ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ކޯޗު ސަންޓޯސް ދެއްކި ވާހަކައެއްގެ ސަބަބުންނެވެ.
ޕޯޗުގަލުން ގްރޫޕް އެޗްގައި ފުރަތަމަ ކުޅުނު މެޗުގައި ގާނާ ބަލިކޮށް، ދެވަނަ މެޗުގައި އުރުގުއާއީވެސް ބަލިކޮށް، ބާކީ އެއް މެޗު އޮއްވައި ގަދަ 16 ޔަގީން ކުރިއެވެ. ފަހު މެޗުގައި ދެކުނު ކޮރެއާ އަތުން ޕޯޗުގަލް ބަލިވި އިރު، އެ މެޗުގެ 65 ވަނަ މިނެޓުގައި ކޯޗު ސަންޓޯސް ވަނީ ރޮނާލްޑޯ ބާލައިފައެވެ.
ރޮނާލްޑޯ މެޗުން ފޭބުމުގެ ކުރިން ދެކުނު ކޮރެއާގެ ޗޯ ގޫ-ސަންގާ ދެމެދު ބަހުގެ ހަމަލާތަކެއް ކޮންމެވެސް ވަރަކަށް ގޮސްފައިވާ އިރު، ފައިބަމުން ކޯޗަށް އަމާޒުކޮށްވެސް ބަހުގެ ހަމަލާއެއް ރޮނާލްޑޯ ދީފައިވެއެވެ. ކޯޗު ސަންޓޯސްއަށް ފުރަތަމަ އެކަން ނޭނގުނު ނަމަވެސް، ޕްރެސްގައި އޭނާ ބުނެފައިވަނީ، ފަހުން އެ މަންޒަރު ބަލައި، ރޮނާލްޑޯ އެއްޗެކޭ ބުނިކަން އެނގުނު ކަމަށެވެ. އެކަމާ ހިތްހަމަނުޖެހި، އެކަމަށް ޓީމު ތެރެއިން ހައްލު ހޯދަން ކަންތައްތަކެއް ކުރި ކަމަށެވެ.
އެވާހަކަތައް މެޗުގެ ކުރިން ދެކެވިފައި ވަނިކޮށް، އަންގާރަ ދުވަހުގެ ރޭގެ މެޗުގެ ފުރަތަމަ 11 އިން ސަންޓޯސް ވަނީ ރޮނާލްޑޯގެ ނަން އުނިކޮށްފައެވެ. ރޮނާލްޑޯގެ ބަދަލުގައި ކޮންސާލޯ ރާމޯސް ފޯވަޑަށް ނެރެފައިވާ އިރު، މެޗުގައި ރާމޯސް ހެޓްރިވެސް ހެދިއެވެ. ރޮނާލްޑޯ މެޗަށް ނުކުތީ ފަހު 15 ވަރަކަށް މިނެޓައެވެ.
ރޮނާލްޑޯ 11 އިން ބޭރުކުރީ އަދަބު ދިނުމަށްތޯ ސުވާލުކުރުމުން މެޗަށްފަހު ސަންޓޯސް ބުނީ އެއީ ޓެކްޓިކަލް ބަދަލެއް ކަމަށާއި ރޮނާލްޑޯއަކީ ކެޕްޓަނެއްގެ ހައިސިއްޔަތުން އަބަދުވެސް ޓީމަށް އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށެވެ. އެހެން ސަންޓޯސް ބުނެފައި ވަނިކޮށް ރޮނާލްޑޯއާ ހެދި ޕޯޗުގަލްގެ ޓީމް ތެރޭގެ މައްސަލަތައް ގޯސްވެފައި އޮތް ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. އެވާހަކަތައް ގިނަވެ، އެކަން ދޮގުކުރަން ޕޯޗުގަލުން ވަނީ ރަސްމީކޮށް ބަޔާނެއްވެސް ނެރެފައެވެ.
މިރޭ ޕޯޗުގަލުން ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅެމުންދާއިރު، މިރޭ މެޗާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަންޓޯސް ބުނީ ރޮނާލްޑޯއާ ގުޅިގެން ދައްކާ ވާހަކަ ހުއްޓާލަން ޖެހޭ ކަމަށެވެ.
"އަހަންނަށް ހީވަނީ މިއީ ރޮނާލްޑޯއާ ކިޔައިގެން ދައްކާ ހުރިހާ ވާހަކައެއް ހުއްޓާލަން ޖެހޭ ވަގުތުހެން. އޭނާ ނުބުނޭ އަހަރެން ގާތުގައި ޓީމު ދޫކޮށް ދާން ބޭނުންވާ ވާހަކައެއްވެސް. މި ދައްކާ ހުރިހާ ވާހަކަތަކެއް ވަގުތުން ހުއްޓާލަން ޖެހޭ. އަހަރެން ރޮނާލްޑޯ ބެންޗުކުރީ އޭނާއާ ވާހަކަވެސް ދައްކާފައި. ރަނގަޅު، އާންމުކޮށް ފަށާ ކުޅުންތެރިޔަކު ބެންޗުގައި އިންނަން ޖެހުމުން މާޔޫސްވާނެ. އެކަމަކު ރޮނާލްޑޯ ހުރީ ނުރުހިފައެއް ނޫން. އޭނާ އަހަރެން ގާތުގައި އެހި އެއީ ރަނގަޅު ވިސްނުމެއްތޯވެސް. އަހަރެމެން ވާހަކަ ދެއްކީ ހަމަ ހަމަޖެހިގެން،" ސަންޓޯސް ބުންޏެވެ.
ޓީމު ތެރޭގައި އެއްވެސް ބައިބައިވުމެއް ނޫޅޭ ކަަމަށް ރޮނާލްޑޯ އާއި ސަންޓޯސްވެ ބުނެފައިވާ އިރު، މިރޭ މެޗާ ގުޅޭ ގޮތުން ސަންޓޯސް އިތުރަށް ބުނީ މޮރޮކޯ އުނދަގޫވާނެ ކަމަށް ވިސްނާނެ ކަމަށާއި މެޗު ފަސޭހަކޮށްލަން ބޭނުން ނުވާ ކަމަށެވެ.
މޮރޮކޯ އާއި ޕޯޗުގަލް ވާދަކުރާ ކުއާޓާ ފައިނަލް މެޗު ވަނީ މިރޭ 8:00 ގައި ފަށައިފައެވެ. މިރޭގެ މެޗްގެ ފުރަތަމަ 11ގައިވެސް ރޮނާލްޑޯ ހިމަނާފައެއް ނުވެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022