ބްރެޒިލުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުގައި ކްރޮއޭޝިއާ ކައިރިން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު، ގޯލެއް ނުޖެހި އޮތުމުން، އިތުރު ވަގުތުގެ ކުޅުމަށް ގޮސް އެއްވަރުވީ، 1-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މެޗު ޕެނަލްޓީއަށް ގޮސް، ކްރޮއޭޝިއާއިން މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މިފަހަރުގެ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ނުކުތް ބްރެޒިލްގެ ހިތި ނިމުމާއެކު އެގައުމު ކޯޗުކަމުގައި ހުރި ޓީޓޭ ވަނީ ރޭގެ މެޗަށްފަހު މަގާމުން އިސްތިއުފާ ދީފައެވެ. ރޭގެ މެޗުގެ ހިތްދަތިކަމުގައި މުޅި ބްރެޒިލް ޓީމުވެސް ޖެހިފައިވާ އިރު، އެންމެ ބޮޑަށް މާޔޫސްކޮށް ފެނުނީ ޓީމުގެ ތަރި ނޭމާއެވެ. ދަނޑުމަތީގައި އެތައް އިރެން ވަންދެން ރޯން ހުރި ނޭމާ މެޗަށްފަހު ބުނެފައި ވަނީ ނަތީޖާއާމެދު ބުނާނެ އެއްޗެއްވެސް ނޭނގޭ ކަމަށެވެ.

"މިއީ އުނދަގޫ އިހުސާސެއް. މިއީ މިދިޔަ ފަހަރުގެ ވޯލްޑް ކަޕަށްވުރެވެސް ދެރަވި ދުވަހެއް. އަހަންނަށް މި އިހުސާސް ކިޔައިދޭން ބުނާނެ އެއްޗެއްވެސް ނޭނގެ. ޓީމު ވަރަށް ބުރަކޮށް މަސައްކަތް ކުރި، އެކަމަށް ފަހުރުވެރިވެސް ވަން. ހާއްސަކޮށް ޕެނަލްޓީ ޖަހަން ހިތްވަރާއެކު ނުކުތް ކުޅުންތެރިން،" ރޭގެ މެޗުގައި ބްރެޒިލަށް ގޯލް ޖަހައިދިން ނޭމާ ބުންޏެވެ.

އަނިޔާގެ ސަބަބުން ބްރެޒިލާއެކު ބައެއް މުބާރާތްތައް ގެއްލުނު ނޭމާއަށް ނިމިގެން ދިޔައީ އޭނާގެ ތިންވަނަ ވޯލްޑް ކަޕެވެ. 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕްގައިވެސް ނޭމާއަށް އަނިޔާވެ ބޮޑުބައެއް ގެއްލުނު އިރު، އެފަހަރު މުބާރާތް ބްރެޒިލަށް ނިމިދިޔައީ ސެމީ ފައިނަލްގައި ޖަރުމަނު ކައިރިން 7-1 އިން ބަލިވެގެންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ބްރެޒިލް ކުއާޓާއިން ކެޓީ ބެލްޖިއަމް ކައިރިން 2-1 އިން ބަލިވެގެންނެވެ.

އެ ހުރިހާ ބައްޔެއްގެ މާޔޫސްކަމުގައި ހުރި ނޭމާ ރޭ ބުނީ ގައުމީ ޓީމަށް އިތުރަށް ކުޅުމާމެދު ގޮތެއް ނިންމާނީ ވިސްނުމަށްފަހުގައި ކަމަށެވެ.

"އަހަރެން އެއްވެސް ގޮތެއް އަދި ނުނިންމަން. އެކަމަކު އަހަރެން 100 ޕަސެންޓެއް ނުދޭނަން ގައުމީ ޓީމަށް އެނބުރި އަންނާނެ ކަމުގެ. އަހަރެން ވަގުތު ބޭނުންވޭ ވިސްނާލަން. ގައުމީ ޓީމާއި އަހަންނަށް އެންމެ ރަނގަޅު ގޮތަކަށް ނިންމާނީ،" އުމުރުން 18 އަހަރުގައި ގައުމީ ޓީމަށް ކުޅެން ފެށި، އުމުރުން 30 އަހަރުގެ ނޭމާ ބުންޏެވެ.

ރޭގެ މެޗުގައި ނޭމާ ޖެހި ގޯލާއެކު އޭނާ ވަނީ ބްރެޒިލަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ޕެލޭގެ ރެކޯޑާ އެއްވަރު ކޮށްފައެވެ. 124 މެޗު ގައުމީ ޓީމަށް ކުޅެދިން ނޭމާ އާއި ޕެލޭވެސް ވަނީ ގައުމީ ޖާޒީގައި 77 ގޯލް ޖަހައިފައެވެ.