ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޕޯޗުގަލްއާއި ސުވިޒަރލެންޑް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ޕޯޗުގަލްގެ ކެޕްޓަން އަދި ސުޕަރ ސްޓަރ ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނުމުން ވަރަށް ގިނަ ބަޔަކު ތިބީ ހައިރާންވެފައެވެ. އޭނާގެ ބަދަލުގައި ފުރުސަތު ދިނީ އުމުރުން 21 އަހަރުވީ ފޯވާޑް ރާމޯސްއަށެވެ. މި މެޗުގައި ރާމޯސް މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދުމުން ކޯޗު ސަންތޯޝްގެ ނިންމުމަށް ސަޕޯޓަރުންވެސް މިހާރު ދެމުން ގެންދަނީ ސާބަހެވެ.
ރޮނާލްޑޯ ބެންޗުގައި ބޭންދީ އޭނާ ފިޓްނުވެގެނަކުން ނޫނެވެ. ރޮނާލްޑޯގެ އެޓިޓިއުޑާމެދު ކޯޗު ސަންތޯޝް ހިތްހަމަނުޖެހިގެންނެވެ. މިއީ ބޮޑު މުބާރާތެއްގައި ރޮނާލްޑޯ ސްޓާޓްނުކޮށް ސާދަ އަހަރުގެ ތެރޭގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗެވެ. އެހެންވީމާ ކޯޗު ސަންތޯޝް ނެގީ ވަރަށް ބޮޑު ރިސްކެކެވެ.
ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން ބޮޑު މުބާރާތެއްގައި ޕޯޗުގަލް އެންމެ ފަހުން މެޗެއް ކުޅުނީ 2008 ވަނަ އަހަރުގެ ޔޫރޯގައެވެ. ކަންދިމާކުރި ގޮތުން އެއީވެސް ސުވިޒަރލެންޑާ ދެކޮޅަށް ކުޅުނު މެޗެކެވެ. އެފަހަރު ދޭއް ސުމަކުން ބަލިވީއެވެ. ވޯލްޑްކަޕް މެޗެއް ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން ޕޯޗުގަލް އެންމެ ފަހުން ކުޅުނީ 2006 ވަނަ އަހަރުއެވެ. އެ މެޗުން ޕޯޗުގަލް މޮޅުވީ ދޭއް އެކަކުންނެވެ.
ރޮނާލްޑޯ އާއި ކޯޗު ސަންތޯޝްގެ ގުޅުމަކީ އިހު ވަރަށް ބަދަހިކޮށް އޮތް ގުޅުމެކެވެ. ކަންކަން ގޯސްވީ މިފަހަރު ގްރޫޕް ފިޔަވަހީގައި ދެކުނު ކޮރެޔާ އާއި ޕޯޗުގަލް ކުޅުނު މެޗުގެ ފަހު ހާފުގައި ރޮނާލްޑޯ ބޭލުމުންނެވެ. ރޮނާލްޑޯ ފޭބީ ކުދިކިޔަމުން ނުރުހުން ފާޅުކުރަމުންނެވެ. ބޭއަދަބީ ބަސްބަސް ވެސް ބޭނުންކުރިއެެވެ. މީގެ ރައްދުގައި ސަންތޯޝް ބުންޏެވެ. ފުރަތަމަ އެގާރަޔާއި ކެޕްޓަން ބޭންޑު އަޅާނެ މީހާ ކަނޑައެޅުމަކީ އަހަރެންގެ ޒިންމާއެކެވެ. އެކަންކަން ނިންމާނީ އަހަރެންނެވެ. ރޮނާލްޑޯގެ މައްސަލަޔަކީ އެތެރޭގެ މައްސަލައެކެވެ. އެމައްސަލަ މިހާރު ހައްލުކޮށްފީމެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު