ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެކަމުގެ އެއްބަސްވުމުގައި ހައުސިން އެންޑް އިންފްރާްންސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫއުގެ އަގަކީ 79.9 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 600 ދުވަހެވެ.
މި މަޝްރޫއުގެ ދަށުން 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 70,400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އާ ހާބަރު ބޭސިން ފުންކުރުމާއި 8,400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 15 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެއެވެ.
އޭގެ އިތުރުން 583 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 93 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 311 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހެދުމާއި ކޮންކްރީޓް ދެ ބްރިޖް ހެދުމާއި 3,789 އަކަ މީޓަރުގެ ސަރަހައްދެގައި ހާބަރު ޕޭވްމަންޓް ހެދުން އަދި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫއުގެ ދަށުން ހައި ސްޕީޑް ފެރީ ނެޓްވޯކަށް ބޭނުންވާ އެކްސަސް ޕްލެޓްފޯމެއް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ.