ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލެއް ހިންގަން ވިޔަސް އެކަމަށް ނުރުހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ, މީގެ ހަތަރު އަހަރު ކުރިން ފެށިގެން ކޮރަޕްޝަނާ ދެކޮޅަށް ގައުމީ ފެންވަރުގައި މުހިންމު މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް, އެކަމުގައި އިތުރަށް ކުރަން ހުރި ކިތަންމެ ކަމެއް އަދިވެސް އެބަހުރި ކަމަށެވެ.
އެގޮތުން ކޮރަޕްޝަން ހުއްޓުވުމުގައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ އެފަދަ މައްސަލަތައް ރިޕޯޓްކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ކަނޑައެޅިފައި އޮތުމާއި ދައުލަތުގެ މާލީ އަދި އިދާރީ ހިންގުންތެރިކަމުގެ ހާމަކަމާއި ފާޅުކަން މިހާރަށްވުރެ އިތުރުކުރުން ކަމަށް ވިދާޅުވިއެވެ.
"ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލެއް ހިންގާކަށްވެސް އަޅުގަނޑުމެން ނުރުހެމެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން, ގާނޫނީ އިމުގެ ތެރެއިން, ފުރިހަމަ ނަޒާހަތްތެރިކަމާއެކުގައި ކުރުމަށާއި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ މުއާމަލާތްތައް ހިންގުމަށް އަބަދުވެސް މިއަންނަނީ އިރުޝާދު ދެމުންނެވެ," ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ, ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުމަށް ވެބް ޕޯޓަލްއެއް ގާއިމުކޮށް, ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރާ މީހުންނަށް ފުރިހަމަ ގާނޫނީ ހިމާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.
އެގޮތުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުން އިތުރުވާ ވަރަކަށް, ކޮރަޕްޝަނަށް މަގުފހަިވާ އަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ, މިނިވަންކަމާއެކު އެފަދަ މައްސަލަތައް ތަހުގީގުކުރާ ކަމުގެ ޔަގީންކަން އޮތުމުން, ކޮރަޕްޝަންގެ އަމަލުތައް ހިންގުން މަދުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ, ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ހާސިލުކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެން ކަމަށާއި މިއީ ގައުމީ މައްސަލައެއް ކަމަށް ދެކި, ގައުމީ ފެންވަރުގައި މިކަމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށެވެ.
އަދި ކޮންމެ މީހަކީ އެމީހެއްގެ އަމިއްލަ ނަފުސުން ފެށިގެން އާއިލާއާއި މުޖުތަމައުގައިވެސް ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށްވެއްޖެ ނަމަ, މި ނުރައްކާތެރި ވަބާއިން މުޖުތަމައު ސަލާމަތްކުރުމަކީ އުދަނގޫ ކަމަކަށް ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު