ނެދަލޭންޑްސްއާއި އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ނުކުންނާނެއެވެ. ހަމަ ޔަގީނުންވެސް އާޖެންޓީނާގެ ކޮންމެ މެޗެއްގެ ކުރިންވެސް އެންމެ ބޮޑު ފޯކަސްއެއް އަމާޒުވަނީ ލިއޮނަލް މެސީއަށެވެ. މެސީ މިހާތަނަށް މި ވޯލްޑް ކަޕްގައި ތިން ގޯލު ޖަހާފައިވާ އިރު، އާޖެންޓީނާގެ ތަރިއަކީވެސް އޭނާއެވެ. މިރޭ އަނެއްކޮޅުން މެސީ ހުއްޓުވުމުގެ ޒިންމާއާއެކު ނުކުންނާނީ ނެދަލޭންޑްސްގެ ކެޕްޓަން، އެންމެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކެވެ. ވެން ޑައިކްގެ ނަޒަރުގައި މެސީއަކީ އަދިވެސް ނުރައްކަލެކެވެ.

"މެސީގެ އެންމެ އުނދަގޫ ކަމަކީ، އަހަރެމެން އެޓޭކް ކުރާ ގަޑީގައި އޭނާ ހުންނާނީ ކޮންމެވެސް ކަނަކާ ދިމާލަށް ގޮސް، ނޫނީ އަހަރެމެން ޑިފެންސް ތެރޭގެ ކޮންމެވެސް ހިސާބެއްގައި ހަމަޖެހިލައިގެން ހިނގާލަ ހިނގާލައި. އެހެންވީމާ އެ މީހުން އެޓޭކަށް ބަދަލުކުރާ ގަޑީގައި ވަރަށް ބޮޑަށް ސަމާލުވެގެން ނޫނީ މެސީއަށް އެކުޅޭ ބޯޅަ ނުހުއްޓުވޭނެ. ޑިފެންސް އޯގަނައިޒް ވާން ޖެހޭނެ،" ވެން ޑައިކް ބުންޏެވެ.

މެސީގެ ހިނގުމަށް ވެން ޑައިކް ވާހަކަދައްކާފައިވާ އިރު، މެސީ މެޗުގެ ބޮޑުބައެއްގައި ހިނގާލަ ހިނގާލާ ހުންނަ ހުރުމަކީ އާކަމެއްވެސް ނޫނެވެ. މި ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގައި މެސީގެ ފަރާތުން ތިން ގޯލެއް ފެނިގެން ދިޔައިރު، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެސީ ވަނީ މެޗެއްގެ މައްޗަށް އެވަރެޖް ހަތަރު ކިލޯމީޓަރުގެ ސަރަހައްދެއްގައި ހިނގާފައެވެ.

މެސީ ހިނގާފައި އެ ހޭދަކުރާ ވަގުތަކީ މެޗުން ބޭރުން ހޭދަކުރާ ވަގުތު ނޫން ކަމަށް ކުރިން އޭނާއަށް ކޯޗުކަން ކޮށްދިން ކޯޗުންނާއި ބައެއް އިދިކޮޅަށް ނުކުތް ކޯޗުންގެ ފަރާތުންވެސް ފާހަގަވެފައިވެއެވެ. 2017 ވަނަ އަހަރު ޑިސެންބަރު މަހު ބާސެލޯނާއިން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު އެލް ކްލެސީކޯ ބާސާއިން 3-0 އިން ކާމިޔާބުކުރި އިރު، އެ މެޗުގައި މެސީ ގޯލް ޖަހައި އެސިސްޓެއްކޮށް ފައިދާ ހުރި ކުޅުމެއް ކުޅުނެވެ.

އެ މެޗުގައި އަށް ކިލޯމީޓަރުގެ ދުރުމިނެއްގެ ޑިސްޓެންސް މެސީ ކަވަރު ކުރި ނަމަވެސް، އޭގެ ތެރެއިން 83 ޕަސެންޓް އެއީ ހިނގާފައި ކަވަރު ކުރި ދުރުމިނެކެވެ. މެސީގެ ހިނގުމާއި ގުޅިގެން ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ މެސީ މަޑުމަޑުން ހުންނަނީ އިދިކޮޅު ޓީމުގެ ޑިފެންސްގެ ހުރިހާ ކަމެއް ސިކުނޑިއަށް ނަގައިގަނެވޭތީ ކަމަށެވެ. ގާޑިއޯލާގެ ނަޒަރުގައި މެސީ ހުންނަނީ މެޗުން ބޭރުގައެއް ނޫނެވެ.

"މެސީ ހިނގާ ހިނގުން އަހަރެން އެންމެ ގަޔާވަނީ. އެއީ ގޭމުން ބޭރުވަނީއެއް ނޫން. މެޗުގައި ބައިވެރިނުވަނީއެއްވެސް ނޫން. އެ ބަލަނީ އެކިކޮޅުކޮޅަށް. ހުރިހާ ފަރާތަކަށް. އޭނާއަށް އެނގޭނެ ވާންވީ ގޮތް ވަރަށް ސާފުކޮށް. އަބަަދުވެސް ދަނޑުމަތި ސްކޭން ކުރަމުން އެދަނީ،" ގާޑިއޯލާ ކުރިން ބުނެފައިވެއެވެ.

ގާޑިއޯލާގެ ނަޒަރުގައި ޖާގަހޯދަން މެސީ ބޭނުންކުރާ އުކުޅަކީ މަޑުމަޑުން ހުރެ އިދިކޮޅު ޑިފެންސްގެ ހުރިހާ ކަމެއް ދަސްކުރުމެވެ. އެއީ މެސީ ޑިފެންސްތައް ފޫއަޅުވާލާ ގޮތެވެ. މީގެ ކުރިން 2017 ވަނަ އަހަރު އެއިބާގެ ކޯޗުކަމުގައި ހުރި ޖޯސޭ ލުއިސް މެންޑިލިބާ ބުނެފައި ވަނީ މެސީ މެޗު ތެރެއިން ރެސްޓްކޮށް އޭނާގެ ޓީމަށް ބޮނޑިދިން ކަމަށެވެ.

"މެސީ މެޗު ތެރެއިން ކުރަނީ ރެސްޓް. އޭނާއަށް އެނގޭ މެޗުގައި އޭނާ ބައިވެރިވާންޖެހޭ ވަގުތު. ރެސްޓް ކުރަންވީ ވަގުތުވެސް. އެ ވަގުތުތަކުގައި އޮފްކޮށް ހުރެފައި، ދެން ފެންނާނީ އެންމެ ނުރައްކާކޮށް. ދެން ދާ ބޯޅައިގައި ނުހިފެހެއްޓޭނެ،" ލުއިސް ބުންޏެވެ.

މެސީގެ ނުރައްކާ އެކިއެކި ގޮތްގޮތުން ބޮޑުކޮށް އޮތް ނަމަވެސް ނެދަލޭންޑްސް ކޯޗު ލުއިސް ވެން ހާލް ބުނީ، މެސީ މަޑުޖައްސާލެވޭނެ ވިސްނުމެއް އޭނާއަށް އެނގޭ ކަމަށާއި އެކަން ފެންނާނީ މެޗުގައި ކަމަށެވެ. ވެން ހާލް ބުނީ މެސީއަކީ އެންމެ އުފެއްދުންތެރި، އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާ އެކީ އެކައްޗަކަށް ހުއްޓުވާ ނުލެވޭނެ ކަމަށެވެ. މެސީގެ ނުރައްކަލުން ސަލާމަތްވާން ޖެހޭނީ މެސީ މަޑުޖައްސަން އުކުޅުތަކެއްް ބޭނުންކޮށްގެން ކަމަށް ވެން ހާލް ބުންޏެވެ.

އާޖެންޓީނާއާއި ނެދަލޭންޑްސް ވާދަކުރާ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.