ހުޅުމާލޭ ހޮސްޕިޓަލުގެ ވޭނެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ބައެއްގެ ގައިގައި ޖެހި އަނިޔާވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލެ ހޮސްޕިޓަލްގެ އެމަޖެންސީ ޓްރާންސްޕޯޓް ސައިޑުން ދުއްވާފައި ނުކުތް ވޭނެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ބޯގަންވިލާ މަގުގެ ޕޭމަންޓް މަތީގައި ތިބި ތިން މީހެއްގެ ގައިގައި ޖެހިފައިވާ ކަމަށެވެ.

އެ މީހުންގެ ގައިގައި އެ ވެހިކަލުން ޖެހި ކޮންޓްރޯލް ނުވެ ދެން ގޮސް އެރީ ބޯގަންވިލާ މަގާ ވީ ފަޅިން 168 ވަނަ ފްލެޓްގެ އިރުމަތީ ފަރާތުން ކަނަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއަދު 15:40 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ވެހިކަލް ދުއްވަން އިން މީހާއެކު ހަތަރު މީހަކަށް އަނިޔާވި ކަމަށެވެ. އެއީ ތިން އަންހެނަކާއި އެއް ފިރިހެނަކަށް ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގާ އެކްސިޑެންޓުވި ވޭނުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި ފްލެޓްގައި ވެހިކަލް ޖެހިފައި އޮތްއިރު، ކުރީ ފުރޮޅު ކައިރީގައި މީހަކު ބިންމައްޗަށް ވެއްޓިފައި އޮތެވެ. އަނިޔާ ލިބުނު އަންހެނަކު ވެހިކަލާ ދުރަށް ގެންދާތަން ފެންނައިރު، ގިނަ ބަޔަކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ މަންޒަރުވެސް ވީޑިއޯއިން ފެނިގެންދެއެވެ.