ޖެންޑާ މިނިސްޓްރީއަށް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޫބަރު މަހު އެ މިނިސްޓްރީއަށް 208 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. މިއީ އޭގެ ކުރީ މަހާ އަޅައި ބަލާއިރު 40 ކޭސް މަދު އަދަދަކެވެ.

ތަފާސް ހިސާބު ދައްކާގޮތުން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލައެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 79 މައްސަލަ އޮކްޓޫބަރު މަހު ރިޕޯޓުކޮށްފައިވާ އިރު، މިއީ އޭގެ ކުރީ މަހާ އަޅައި ބަލާއިރު 21 ކޭސް މަދު އަދަދެކެވެ.

އެގޮތުން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އޮކްޓޫބަރު މަހު 23 މައްސަލައެއް ހުށަހަޅާފައިވާ އިރު، އެއީ އޮގަސްޓު މަހާ އަޅައި ބަލާއިރު 10 ކޭސް މަދު އަދަދެކެވެ.

އޮކްޓޫބަރު މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ޖިންސީ ހާނިކައިގެ 22 މައްސަލަ، ޖިސްމާނީ ހާނިކައިގެ 12 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ފަސް މައްސަލަ، ނަފުސާނީ ހާނިއްކައިގެ 11 މައްސަލަ، ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ މައްސަލައިގެ އިތުރުން އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ދެ މައްސަލަ އާއި ބްލެކްމެއިލް ކުރުމުގެ އެއް މައްސަލަ ހިމެނެއެވެ.

އޭގެ އިތުރުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ ހުށަހެޅިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ އޮކްޓޫބަރު މަހު ހުށަހަޅާފައިވާ އިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 15 މައްސަލައެއް ހުށަހަޅާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ނަފުސާނީ އަނިޔާކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާކުރުމުގެ 12 މައްސަލަ އާއި ޖިންސީ ހާނިއްކަ ކުރުމުގެ ތިން މައްސަލަކެވެ. އަދި އިހުމާލުގެ ތިން މައްސަލަ އާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ތަފާސްހިސާބު ދައްކާގޮތުން އާއިލީ މައްސަލަތަކާ ގުޅުންހުރި 33 މައްސަލައެއް އޮކްޓޫބަރު މަހު އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 15 މައްސަލަ، ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 12 މައްސަލައިގެ އިތުރުން ދަރިންގެ ހަރަދު ދިނުމުގައި ޖެހޭ ތިން މައްސަލަ އަދި ހަޟާނާތުގެ ހަތް މައްސަލަ ހިމެނެއެވެ.

ފަހަކަށް އައިސް އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 13 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ އިރު، މިދިޔަ އޮގަސްޓު މަހުވެސް މިފަދަ 12 މައްސަލައެއް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.