ގަތަރު ވޯލްޑް ކަޕްގެ 2022ގެ ގްރޫޕް ސްޓޭޖާއި ގަދަ 16 ނިމިގެން ދިޔަ ގޮތުން، މި ވޯލްޑް ކަޕަކީ ތާރީހުގައިވެސް އެންމެ ފުރިހަމަ ވޯލްޑް ކަޕަށް ވެގެންދާނެކަން އެނގިއްޖެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

ގަތަރު ވޯލްޑް ކަޕްގެ ކުރިން ހުޅަނގުގެ މީޑިއާތަކުން ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގޮވާލައި ހާއްސަ ބައެއް ކެމްޕޭންތައް ކުރިއަށް ގެންގޮސްފައިވެއެވެ. ހާއްސަކޮށް ގަތަރުގެ އިންސާނީ ހައްގުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އެކަމުގެ ސަބަބުން ގަތަރަށް ދާނެ މީހުން ބޮޑުތަނުން މަދުވާނެ ކަމަށް ބުނެވެސް ހުޅަނގުގެ ބޮޑެތި މީޑިއާތަކުން ވަނީ ފާޑު ކިޔައިފައެވެ. އެހެން ނަމަވެސް އެ މަންޒަރު ވަނީ ބަދަލުވެފައެވެ. ގަތަރު ވޯލްޑް ކަޕްގެ އޯޑިއަންސް ކުރީ ވޯލްޑް ކަޕް ތަކަށްވުރެ ބޮޑުކޮށް ފާހަގަކުރެވިގެންދާ އިރު، މެޗުތައް ބެލުމަށް ދަނޑަށް ވަންނަ މީހުންގެ އަދަދުވެސް އުޅެނީ ވަރަށް ބޮޑަށް މަތީގައެވެ. ވޯލްޑް ކަޕަށް ދާ އެތައް ބައެއްގެ ތަޖުރިބާވެސް ހީކުރި ގޮތާ މުޅިން ހިލާފެވެ. ގަތަރުގެ އިންތިޒާމުތަކަށް ހުޅަނގުގެ އެތައް ބަޔަކު ތައުރީފު ކުރަމުން އަންނައިރު، ފީފާގެ ރައީސް އިންފަންޓީނޯ ވަނީ އޭނާގެ ތައުރީފު ތަކުރާރު ކުރައްވާފައެވެ.

"އަހަރެން ހުރިހާ މެޗެއް ކަހަލަ ގޮތަކަށް ބަލައިފިން. ވަރަށް ކުރުކޮށް ފޮނިކޮށް ބުނާނަމަ މިއީ ތާރީހުގައިވެސް ފެނުނު އެންމެ ހިތްގައިމު ގްރޫޕް ސްޓޭޖު. މެޗުތައް ފެނުނީ ކޮލިޓީ ރަނގަޅު މެޗުތަކެއްގެ ގޮތުގައި. ހާއްސަކޮށް ސްޓޭޑިއަމްތަކުގެ ހިތްގައިމުކަމާއެކު އެކަން އިތުރަށް ފުރިހަމަވެސް ވެއްޖެ. އެހުރިހާ ކަމަކަށް ބަލާއިރު، ސަޕޯޓަރުންގެ ފަރާތުންވެސް ފެންނަނީ ވަރަށް ތަފާތު އުފާވެރިކަމެއް. މެޗަކަށް އެވަރެޖް 51،000 ސްޕޯޓަރުން ވަދެފައިވޭ،" އިންފަންޓީނޯ ވިދާޅުވިއެވެ.

މިފަހަރުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގަދަ 16 އަށް ދިޔަ ޓީމުތަކުގެ ތެރޭގައި ހުރިހާ ބައްރެއްގެ ޓީމުތައް ހިމެނޭ އިރު، އެއީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް ހުރިހާ ބައްރެއްގެ ގައުމުތައް ވޯލްޑް ކަޕްގެ ގަދަ 16 ގައި ހިމެނުނު ފުރަތަމަ ފަހަރެވެ. އެކަމަށް ވާހަކަ ދައްކަމުން އިންފަންޓީނޯ ބުނީ މިހާރު ފުޓުބޯޅައިގައި "ކުޑަ ޓީމުތަކާއި ބޮޑެތި ޓީމުތަކާ ކިޔެން ނެތް،" ކަމަށާއި، ޓީމުތަކުގެ ފެންވަރު ހަމަހަމަވަމުންދާތަން ފެންނަ ކަމަށެވެ. އެ މަންޒަރުން ދައްކުވައިދެނީ މުޅި ދުނިޔޭގައި ފުޓުބޯޅަ އެކީއެކައްޗަކަށް ފެތުރެމުންދާ ހަލުވިމިން ކަމަށްވެސް އިންފަންޓީނޯ ފާހަގަކުރެއްވިއެވެ.

އިންފަންޓީނޯ ވިދާޅުވީ މިހާރުވެސް ވޯލްޑް ކަޕް ބެލި އޯޑިއަންސް ދެ ބިލިއަނަށް އަރާފައިވާ ކަމަށާއި، ދޯހާގެ މަގުތަކުގައި ފޯރި ނަގަމުން އަންނަ މީހުންގެ އަދަދުވެސް ދެމިލިއަން ކަޑައްތު ކޮށްފި ކަމަށެވެ. އަދި ބެލުންތެރިންގެ އަދަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަސް ބިލިއަނަށްވުރެ މައްޗަށް، މި ވޯލްޑް ކަޕްގައި އަރައިގެންދާނެ ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.

"އަހަންނަށް ޔަގީންކަން އެބައޮތް ފަސް ބިލިއަނަށްވުރެ މައްޗަށް ވޯލްޑް ކަޕްގެ ވިއުވާޝިޕް އަރައިގެންދާނެ ކަމަށް. ސްޓޭޑިއަމަށް ވަންނަ މީހުންގެ އަދަދުވެސް ރެކޯޑު އަދަދަކަށް އަރައިގެންދާނެ. މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައިވެސް ސްޓޭޑިއަމްތައް އޮތީ ގާތްގަނޑަކަށް ފުރިފައި. ކުރިއަށްހުރި މެޗުތައް އަދި މާ ފޯރިގަދަވާނެ. އެހެންވީމަ ސްޓޭޑިއަމްތައް ފުރޭނެ،" އިންފަންޓީނޯ ފާހަގަކުރެއްވިއެވެ.