ޚަބަރު

އަހަރަކު 20 މިލިއަން ސަލާމަތްކުރަން ހުޅުލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ފަށައިފި

ސިނަމާލެ ބުރިޖާއި ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ މި މަސައްކަތަކީ ވޯލްޑް ބޭންކާއި އެންވަޔަރަމަންޓު މިނިސްޓްރީ ގުޅިގެން ހިންގާ އެކްސްލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މި މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އެންސިސް ކޯ ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ހައިވޭގައި މިހާރު ގާއިމުކުރަމުން އަންނަ ސޯލާ ޕެނަލް ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަސައްކަތް ފައްޓަވައިދެއްވައި ފުރަތަމަ ޕެނަލް ބޯޑު ހަރުކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ވޯލްޑް ބޭންކްގެ ސައުތު އޭޝިއާ ރީޖަންގެ ވައިސް ޕްރެޒިޑެންޓް މާޓިން ރެއިސާ އާއި ސްޓެލްކޯގެ ޗެއާމަން އިބްރާހިމް ދީދީ އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ އިތުރުން ވޯލްޑް ބޭންކާއި ސްޓެލްކޯ އަދި އެޗްޑީސީގެ އިސްވެރިންނެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނީ ހައިވޭގައި ގާއިކުރާ ސޯލާ ޕެނަލްތަކުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވެގެން ދާނެ ކަމަށެވެ. އެގޮތުން މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެންސިސް ކޯ ލިމިޓެޑުން، ސޯލާ ޕީވީ ޖެހުމަށް ލިންކް ރޯޑުގެ މެދުގައި އޮންނަ އައިލެންޑް ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅިގައި ސްޓީލް ސްޓްރަކްޗާ އެއް ގާއިމުކޮށްފައިވާ ކަމަށެވެ. މި ސްޓްރަކްޗާގެ މަތީގައި ސޯލާ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި، ޕެނަލްތަކުން ކަރަންޓް އުފެއްދަށް ފަށާނެ ކަމަށް އަންދާޒާ ކުރެވެނީ އަންނަ އަހަރުގެ ދެވަނަ ކުއާޓާ ނިމުމުގެ ކުރިން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ސްޓްރަކްޗާތައް ޑިޒައިންކޮށްފައިވަނީ ގަޑިއަކު 115 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހުނަސް، ވަޔަށް ހިފެހެއްޓޭނެ މިންވަރަށް ކަމަށެވެ. އެގޮތަށް ވައިގަދަވިޔަސް، މި ސްޓްރަކްޗާ ހަލާކުވެ، ވަޔާ އެއްލައިނުލާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް، ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 1 ރުފިޔާ 68 ލާރި ނުވަތަ 10.09 ޔޫއެސް ސެންޓަށެވެ. އެސްޕަޔާގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓުތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކާނީ 21 ޔޫއެސް ސެންޓަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ފަސް މެގަވޮޓް ސޯލާ ޕީވީން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ގަންނަން ލިބެނީ މީގެ ކުރީން ސޯލާ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.