ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެފްއެސްއެމް) އަށް 1.6 މިލިން ރުފިޔާ ދައްކަން ރިޝްވާ އެންޓާ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާއި ރ. މީދޫ އަލްފާ، އަހުމަދު ރަޝާދުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ކުރިއަށް ގެންދެވެން ނެތް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
މިއީ ރިޝްވާ އެންޓާޕްރައިސަސްގެ އެދުމުގެ މަތިން، އެފްއެސްއެމް އާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެފްއެސްއެމް އިން ތެލުގެ ބާވަތްތައް ރިޝްވާ އެންޓާޕްރައިސަސްއަށް ދޫކޮށްފައި ވާއިރު، އެއަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ހޯދުމަށް ރިޝްވާ އެންޓާޕްރައިސަސްގެ މައްޗަށް އެފްއެސްއެމް އިން ސިވިލް ކޯޓުގައި ކުރި ދައުވާ އެކެވެ.
މި ދައުވާގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެފްއެސްއެމަށް ދައްކަން ޖެހޭ ކަމަށް އިންވޮއިސްތަކުގައި ހިމެނޭ 1.6 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ރިޝްވާ އެންޓާޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި އަހުމަދު ރަޝާދުއަށް އަންގައި އަމުރުކޮށްފައެވެ،
މި މައްސަލަ އަހުމަދު ރަޝާދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮސްފައި ވަނީ، ޣައިރު ހާޒިރުގައި އެ މައްސަލައިގެ ހުކުމް ކޮށްފައިވާތީއެވެ. އެގޮތުން އިސްތިއުނާފީ ދެ ނުކުތާއެއް ހުށަހަޅާފައިވާ އިރު، މި މައްސަލަ ހައިކޯޓުން ބަލައި މިއަދު ކުރި ހުކުމުގައި ވަނީ، އިސްތިއުނާފީ ބަހުސެއް ކުރިއަށް ގެންދެވޭ ވަރަށް މައްސަލަ ހުށަހެޅި ފަރާތަށް އެ ނުކުތާ ތަފުސީލު ކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، މި ދައުވާގެ އިސްތިއުނާފު ކުރިއަށްގެންދާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު