ޚަބަރު

މުޖާހިދު ދޫކޮށްލި އަމުރު ބާތިލުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފި

އިބްރާހިމް ޒަކީ

މިދިޔަ އަހަރު މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ހޯދި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ގދ. ހޯނޑެއްދޫ/ އަލޯރާ، އަހުމަދު މުޖާހިދު (29އ) ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

މަސްތުވާތަކެތި ޓްރެފިކިންގެ މައްސަލައިގައި މުޖާހިދުގެ މައްޗަށް ދައުލަތުންކުރާ ދައުވާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރިން އޮތީ އަމުރުކޮށްފައެވެ. ނަމަވެސް އޭނާގެ މައްސަލަ ބަލައި ސެކްޝަނުގައި ދާއިމީ ފަނޑިޔާރެއް ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަަށް ނުފެންނާތީ ކަމަށް ބުނެ މިދިޔަ ހަފުތާގައި އެ ކޯޓުން ވަނީ މުޖާހިދު ބަންދުން ދޫކޮށްލައިފައެވެ.

އެކަމާ ހިތްހަމަނުޖެހިގެން އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުގައި ދައުލަތުން ބުނެފައި ވަނީ މުޖާހިދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުއަސާސީގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާން ކޮށްފައިވާ އުސޫލާ ހިލާފަށް ކަމަށެވެ.

އެހެންކަމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ދައުލަތުން ހުށަހަޅައިފި ނަމަ، ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައިގައި ނިންމާ ނިންމުމުގެ އަލީގައި މުޖާހިދުގެ ބަންދާމެދު ގޮތެއް ނިންމަންވާނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ހައިކޯޓުގައި އެދުނެވެ.

އެ މައްސަލަ ބެލުމަށްފަހު މީގެ އިރުކޮޅެއް ކުރިން ހައިކޯޓުން ކުރި ހުކުމުގައި ވަނީ، މުޖާހިދު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްފައެވެ. އަދި މުޖާހިދުގެ މައްޗަށް ކުރާ މަސްތުވާތަކެތި ޓްރެފިކިންގެ މައްސަލައިގެ ދައުވާގައި ހުކުމް ކުރަންދެން ނުވަތަ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުނުވެ ދެމި އޮތް ކަމަށްވެސް ހުކުމުގައިވެއެވެ.