ޚަބަރު

ޓޫރިޒަމަށް ދޫކުރާ ތަންތަނުގެ މުއްދަތު އިތުރުކުރުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދޭނެ ގޮތްތައް ކަނޑައަޅައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި އެތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު އާއްމުކޮށްފި އެވެ.

މިއީ ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިޒަމް މިނިސްޓްރީން ތަންތަން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، އެ އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގައި ތަރައްގީކޮށް ނުނިމިހުރި ތަންތަން ނިންމައި ހިންގަން ފެށުމަށް ލުއިތަކެއް ދިނުމަށާއި، ތަރައްގީކޮށް ނިމި، ހިންގަން ފަށައިފައިވާ ތަންތަން މަރާމާތުކުރުމުގައި ނުވަތަ އާބާތުރަފިލުވުމުގައި ލުއިދިނުމުގެ ގޮތުން ކުލި ފަސްކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް ހަދާފައިވާ ގަވާއިދެކެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަނެއްގެ އެއްބަސްވުމުގެ މުއްދަތާއި އެއްގޮތައް ތަރައްގީކޮށް ނިމިފައިނުވާނަމަ އެތަނުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމުގެ އިހުތިޔާރު އެ މިނިސްޓްރީއަށް ލިބެއެވެ. އެފަދަ ތަންތަނުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނީ ހިނގަމުން އަންނަ ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވާ ތާރީހުން ފެށިގެންނެވެ.

ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ރަށެއް ފޭސްތަކަކަށް ބަހާލައިގެން ތަރައްގީކުރަން ހުށަހަޅާނަމަ، މަދުވެގެން އެއް ފޭހުގެ މަސައްކަތް ފުރަތަމަ ކޮންސްޓްރަކްޝަން މުއްދަތުގައި ނުވަތަ އިތުރުކޮށްދޭ މުއްދަތުގައި ނިންމަންޖެހޭއިރު އެ ރަށުގައި ތަރައްގީކޮށްފައިވާ ރިސޯޓު ނުވަތަ ފަޅުގައި ހިއްކައިފައިވާ ރަށްތަކުގެ ތެރެއިން އޮޕަރޭޓިން ލައިސަންސް ދޫކޮށްފައިވާ ރަށް ހިންގަން ފަށާ ތާރީހުން ފެށިގެން ބާކީ ނުނިމި ހުރި ރަށްތައް ތަރައްގީކުރުމަށް ކޮންސްޓްރަކްޝަން ޕާމިޓެއް ދިނުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވެއެވެ. މި ކޮންސްޓްރަކްޝަން ޕާމިޓުގެ ދަށުން އެ ރަށްތަކަށް އަރަމުން އަންނަ ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގެ އިހުތިޔާރުވެސް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އެއްބަސްވުމުގެ ދަށުން ފުރަތަމަ މަސައްކަތް ނިންމަން ދޭ ތާރީހުގެ ކުރިން އެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ އިތުރުން އިތުރުކޮށްދޭ ކޮންސްޓްރަކްޝަން މުއްދަތުގައި ދައްކަން ޖެހޭ ކުލި ދެއްކުން ފަސްކޮށްދޭން ޖެހެއެވެ.

މިގޮތަށް ފަސްކޮށްދޭ ޖޫރިމަނާ އާއި ކުލި ދެއްކުމަށް އިހުތިޔާރީ ދެ ގޮތެއް ވަނީ ކަނޑައަޅާފައެވެ. އެއީ

1. މިނިސްޓްރީން އެ ތަނެއް ހިންގުމަށް އޮޕަރޭޓިން ލައިސަންސް ދޭ ތާރީހުން ފެށިގެން ދެ އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު، ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ފައިސާ ދައްކަން ފަށާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ކޮންމެ އަހަރެއްގެ ވެސް ހަތަރު ކުއާޓަރަށް ހަމަހަމަޔަށް ބަހާލައިގެން އިންޓަރެސްޓެއް ނެތި ދެއްކުން؛

2. ރަށެއް ތަރައްގީކޮށް ނިމިގެން ހުޅުވާ ތާރީހުން ފެށިގެން ދެ އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު، އަރައިފައިވާ ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ކުލީގެ އެއްބަސްވުމުގެ ބާކީ އޮންނަ މުއްދަތުގެ ތެރޭގައި އަހަރަކު ހަތަރު ކުއާޓަރަށް ހަމަހަމަޔަށް ބަހާލައިގެން އަހަރަކު ތިން ޕަސެންޓު ސިމްޕަލް އިންޓަރެސްޓާއެކު ކުއްޔާއި ޖޫރިމަނާ ދެއްކުން

މީގެ އިތުރުން ވެސް ހިންގަމުންގެންދާ ތަނެއްގެ މަރާމާތުކުރުމަށް ރީޑެވެލޮޕްމަންޓް ޕީރިއަޑެއްގެ ގޮތުގައި މުޅި ތަން އެކީގައި ބަންދުކުރާ ނަމަ، މިނިސްޓްރީން ހުއްދަދޭ މުއްދަތުގެ ކުލި ފަސްކޮށްދިނުމުގެ އިހުތިޔާރުވެސް މިނިސްޓްރީއަށް ލިބޭ ކަމަށް ގަވާއިދު ބުނެއެވެ. އެގޮތުން ރީޑިވެލޮޕްމަންޓް ޕީރިއަޑް ހޯދުމަށް އެދި ހުށަހަޅާ ތަނަކީ މިނިސްޓްރީގެ ހުއްދަޔާއެކު ބަންދުކޮށްފައިވާ ތަނެއްނަމަ، އެ ތަނެއް ބަންދުކޮށްފައިވާ މުއްދަތުގައި ނުދައްކައިވާ ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާއެއް އަރައިފައިވާނަމަ އެ ފައިސާއެއް ވެސް، ރީޑިވެލޮޕްމަންޓް ޕީރިއަޑުގެ މުއްދަތަށް ފަސްކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެގޮތަށް ފަސްކުރާ ކުއްޔާއި ޖޫރިމަނާ ދައްކަން ޖެހޭނީ މަރާމާތަށް ބަންދުކުރާ ތާރީހުން ފެށިގެން، ދެ އަހަރުދުވަހުގެ ތެރޭގައި ކުއާޓަލީ އިންސްޓޯލްމަންޓަށް ހަމަހަމަޔަށް ބަހައިލައިގެންނެވެ.