ވައްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު ފުރަގަހަށް ބިޑިއަޅުވައި މޫނުގައި މާސްކެއް އަޅުވައި، ގަޑިއިރެއް ވަންދެން ބިންމަތީގައި ބޭއްވިކަމަށް އޭނާ ތުހުމަތުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. އިންނަމާދޫ، އަތިރީގެ އަހުމަދު ސާނީޒް 36އ އެެވެ. ފުލުހުން އޭނާއަށް ތުހުމަތުކުރަނީ އިތުރު ދެ މީހަކާ ބައިވެރިވެގެން ވައްކަމެއް ކުރަން ރާވައި، ވައްކަން ކުރުމުގެ ތުހުމަތެވެ. ވަގަށް ނެގިކަމަށް ތުހުމަތުވާ ތަކެތި ގެންގޮސްފައިވަނީ އޭނާ ދުއްވި ކާރުގައި ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެއެވެ.

ނަމަވެސް އޭނާ ބުނެފައިވާ ގޮތުގައި ތުހުމަތުވާ އަނެއް ދެމީހުންނަކީ އޭނާ ދުއްވި ކާރަށް އަރައިގެން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަނިކޮށް އެ ސަރަހައްދުން ދަތުރެއް ނެގި ބައެކެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ކާރުގެ ޑިކީގެ ތެރެއިން ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނިފައިވީ ނަމަވެސް ޑިކީއަށް އެއްވެސް އެއްޗެއް އަރުވާފައި ނުވާ ކަމަށް އޭނާ ބުނެފައިވެއެވެ. ކާރުގެ ޑިކީއިން ފެނުނު ތަކެއްޗަކީ، އެތަކެތި ވަގަށް ނެގި އޮފީހަށް ނިސްބަތްވާ ތަކެތިކަން ވެރިފަރާތުގެ ސިޓީން އެނގޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރުމުގެ ކުރީން ފުލުހުންގެ ފަރާތުން އޭނާ ފުރަގަހަށް ބިޑި އަޅުވައި، މޫނުގައި މާސްކެއް އަޅުވައި، އެއް ގަޑިއިރުވަންދެން ބިންމަތީގައި ބޭއްވިކަމަށް ބުނެ ޝަކުވާކޮށްފައިވެއެވެ.

އޭނާއަކީ ކުށުގެ ރެކޯޑް އޮތް މީހެއް ނޫނެވެ. އަދި އޭނާއަކީ ޑްރައިވަރެއްގެ ވަޒީފާ އަދާކުރާ މީހެއް ކަމަށާއި ގިނަ ދަރީންތަކެއްގެ ޒިންމާ އަދާކުރާ މީހަކަށް ވުމުން ހަރުކަށި ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އޭނާ އެދިފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ. ނަމަވެސް ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރު ނެރޭނެ ތަނެއް

ނެތް ކަމަށް ނިންމައި އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހައިފައެވެ.

މިކަމާ ގުޅިގެން "ވަން" އިން ފުލުހުންގެ ބަހެއް ހޯދުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ، އެކަމުގެ މައުލޫމާތު ސާފުކުރުމަށްފަހު ހިއްސާކުރައްވާނެ ކަމަށެވެ. ނަމަވެސް މި ހަބަރު ޝާއިއުކުރުމާއި ހަމަޔަށްވެސް އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ. ފަހުން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީއާއި މެސެޖަށްވެސް ޖަވާބު ދެއްވާފައިނުވާތީ ފުލުހުންގެ ބަހެއް މިކަމުގައި ލިބިފައެއް ނުވެއެވެ.