ޕޯޗުގަލުން ރޭ ކުޅުނު ގަދަ 16ގެ މެޗުގައި ސްވިޒަލޭންޑް ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރިން ހުރިހާ ފޯކަސްއެއް އަމާޒުވެފައި އޮތީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އެ ފޯކަސް ރޮނާލްޑޯއަށް އަމާޒުވީ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ކޯޗު ފެނާންޑޯ ސަންޓޯސް ދެއްކި ވާހަކައެއްގެ ސަބަބުންނެވެ.

ޕޯޗުގަލުން ގްރޫޕް އެޗްގައި ފުރަތަމަ ކުޅުނު މެޗުގައި ގާނާ ބަލިކޮށް، ދެވަނަ މެޗުގައި އުރުގުއާއީވެސް ބަލިކޮށް، ބާކީ އެއް މެޗު އޮއްވައި ގަދަ 16 ޔަގީން ކުރިއެވެ. ފަހު މެޗުގައި ދެކުނު ކޮރެއާ އަތުން ޕޯޗުގަލް ބަލިވި އިރު، އެ މެޗުގެ 65 ވަނަ މިނެޓުގައި ކޯޗު ސަންޓޯސް ވަނީ ރޮނާލްޑޯ ބާލައިފައެވެ.

ރޮނާލްޑޯ މެޗުން ފޭބުމުގެ ކުރިން ދެކުނު ކޮރެއާގެ ޗޯ ގޫ-ސަންގާ ދެމެދު ބަހުގެ ހަމަލާތަކެއް ކޮންމެވެސް ވަރަކަށް ގޮސްފައިވާ އިރު، ފައިބަމުން ކޯޗަށް އަމާޒުކޮށްވެސް ބަހުގެ ހަމަލާއެއް ރޮނާލްޑޯ ދީފައިވެއެވެ. ކޯޗު ސަންޓޯސްއަށް ފުރަތަމަ އެކަން ނޭނގުނު ނަމަވެސް، އިއްޔެގެ ޕްރެސްގައި އޭނާ ބުނީ، ފަހުން އެ މަންޒަރު ބަލައި، ރޮނާލްޑޯ އެއްޗެކޭ ބުނިކަން އެނގު ކަމަށެވެ. އެކަމާ ހިތްހަމަނުޖެހި، އެކަމަށް ޓީމު ތެރެއިން ހައްލު ހޯދަން ކަންތައްތަކެއް ކުރި ކަމަށެވެ.

އެވާހަކަތައް މެޗުގެ ކުރިން ދެކެވިފައި ވަނިކޮށް، ރޭގެ މެޗުގެ ފުރަތަމަ 11 އިން ސަންޓޯސް ވަނީ ރޮނާލްޑޯގެ ނަން އުނިކޮށްފައެވެ. ރޮނާލްޑޯގެ ބަދަލުގައި ކޮންސާލޯ ރާމޯސް ފޯވަޑަށް ނެރެފައިވާ އިރު، މެޗުގައި ރާމޯސް ހެޓްރިވެސް ހެދިއެވެ. ރޮނާލްޑޯ މެޗަށް ނުކުތީ ފަހު 15 ވަރަކަށް މިނެޓައެވެ.

ރޮނާލްޑޯ 11 އިން ބޭރުކުރީ އަދަބު ދިނުމަށްތޯ ސުވާލުކުރުމުން މެޗަށްފަހު ސަންޓޯސް ބުނީ އެއީ ޓެކްޓިކަލް ބަދަލެއް ކަމަށާއި، ރޮނާލްޑޯއަކީ ކެޕްޓަނެއްގެ ހައިސިއްޔަތުން އަބަދުވެސް ޓީމަށް އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށެވެ.

"ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ވީ ކަންތައް ނިމިއްޖެކަމަށް އަހަރެން މާކުރިންވެސް ބުނިން. ރޮނާލްޑޯއަކީ ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، އަދި އޭނާއަކީ އަހަރެންގެ ކެޕްޓަން. އަހަރެމެން ދެމީހުންވެސް މި ޓީމާމެދު ވިސްނަނީ އެއްކޮށް. އަހަންނާ ރޮނާލްޑޯއަކީ ވަރަށް ބަދަހި ދެމީހުން. އުމުރުން އެންމެ 19 އަހަރުގައި ރޮނާލްޑޯ ސްޕޯޓިންނަށް ކުޅުނު އިރުއްސުރެ އަހަރެން ރޮނާލްޑޯއާ ގާތުން މަސައްކަތްކުރިން. ރޮނާލްޑޯއާއި އަހަންނާ ޒާތީ ކަންކަމެއް ފުޓުބޯޅައަކަށް ނުވައްދާނެ. އެއީ އަހަންނަށް މި ޓީމުގައި އެންމެ މުހިއްމު ކުޅުންތެރިޔާ،" ސަންޓޯސް ބުންޏެވެ.

ރޭގެ މެޗަށްފަހު އުމުރުން 21 އަހަރުގެ ރާމޯސްވެސް ވަނީ ރޮނާލްޑޯގެ އެހީތެރިކަމަށް ތައުރީފު ކޮށްފައެވެ. އޭނާ ބުނީ ރޮނާލްޑޯގެ ގޯސް ހާލަތެއްގެ ވާހަކަ ޓީމުގައި ނުވެސް ދައްކާ ކަމަށާއި، ކެޕްޓަނެއްގެ ފަރާތުން ޓީމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ރޮނާލްޑޯ ކުރާނެ ކަމަށެވެ.

"ކެޕްޓަނެއްގެ ގޮތުގައި ރޮނާލްޑޯ ނަމޫނާ ދައްކާނެ. މުޅި ޓީމާވެސް އަހަންނާވެސް ވާހަކަ ދައްކާ، މި ޓީމް ލީޑް ކުރާނީ އޭނާ. ރޮނާލްޑޯއަކީ އަހަރެންގެ އައިޑަލް، ރޯލް މޮޑެލް. އެއީ އެތައް ބައެއްގެ އައިޑަލް،" ރާމޯސް ރޭގެ މެޗަށްފަހު ބުންޏެވެ.

ޕޯޗުގަލުން ކުއާޓާ ފައިނަލްގައި ނުކުންނަން ޖެހޭނީ ސްޕެއިން ބަލިކުރި މޮރޮކޯއާ ދެކޮޅަށެވެ.