ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16ގެ ފަހު މެޗުގައި 6-1 އިން ސްވިޒަލޭންޑް ބަލިކޮށް، ޕޯޗުގަލް ފަސޭހަކަމާއެކު ކުއާޓާ ފައިނަލް ޖާގައެއް ހޯދައިފިއެވެ.
ގަތަރުގެ އެންމެ ޝަރަފުވެރި ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އުމުރުން 21 އަހަރުގެ ބެނިފީކާ ފޯވަޑް، ކޮންސާލޯ ރާމޯސް ވަނީ ޕޯޗުގަލްއަށް ހެޓްރިކް ހަދައިދީފައެވެ.
މިރޭގެ މެޗަށް ޕޯޗުގަލް ނުކުތީ ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެންމެފަހުން ބޭއްވި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ގަދަ 16 އިން ކެޓި ޕޯޗުގަލް މިރޭ ނުކުތީ އެ ހަނދާން ފިލުވާލުމަށެވެ. އެކަމަށް އެޓީމުން ނުކުތީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 ގައި ނުހިމަނައެވެ.
މެޗުގެ ކުރިން މީޑިއާގައި ދެކެވުނު ވާހަކަތަކަށް ބަލާ އިރު، މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ކޯޗު ފެނާންޑޯސް ސަންޓޯސް ރޮނާލްޑޯ ނުނެރުނީ، އެންމެފަހުން މެޗުގައި ބޭލުމުން ރޮނާލްޑޯގެ އަމަލުތައް ހުރި ގޮތުން ހިތްހަމަ ނުޖެހިގެންނެވެ. ރޮނާލްޑޯގެ ބަދަލުގައި ފުރަތަމަ 11 އިން ފޯވަޑް ލައިނުން ސަންޓޯސް ޖާގަ ދިނީ އުމުރުން 21 އަހަރުގެ ކޮންސާލޯ ރާމޯސްއަށެވެ.
މީގެ ކުރިން ސްވިޒަލޭންޑުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ކުޅެފައި ވަނީ ޖުމުލަ ތިން ފަހަރަކުއެވެ. އެއީ 1934، 1938 އަދި 1954 ވަނަ އަހަރުގައެވެ. އޭގެ ފަހުން ގަދަ 16 ފަހަނައަޅައި ދެވިފައި ނުވާ އިރު، މެޗުގެ ކުރިން ކޯޗު ބުނީ ތާރީހު ލިޔެލަން އެގައުމުގެ ކުޅުންތެރިން ތައްޔާރު ކަމަށެވެ.
މެޗުގެ ފުރަތަމަ ދިހަ ވަރަކަށް މިނެޓް ތެރޭގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު، އެވަގުތު ކޮޅު ރަނގަޅު ހަމަލާތަކެއްވެސް ނުފެނުނެވެ. އެހެން ނަމަވެސް ކުއްލިއަކަށް ޕޯޗުގަލުން ކުޅުން ރަނގަޅުކޮށް 17 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ޖޮއާ ފީލިކްސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ޕޯޗުގަަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރާމޯސްއެވެ. ރާމޯސް ބޯޅަ އަމާޒުކޮށްލީ ހަނި އޭންގަލުން ސީދާ މަތީ ކަނަށެވެ. ހިތްގައިމު ގޯލެކެވެ.
އޭގެ ފަހުން ޕޯޗުގަލްގެ އޮޓޯވިއާއާއި ރާމޯސްގެ އިތުރު ހަމަލާއެއް ސްވިޒަލޭންޑްގެ ގޯލްކީޕަރު ޔޭން ސޮމާ މަތަކޮށްފައިވާ އިރު، އަނެއްކޮޅުން 30 ވަނަ މިނެޓުގައި ސްވިޒަލޭންޑްގެ ޒާޑަން ޝަކީރީ ފޮނުވާލި ހިތްގައިމު ހިލޭ ޖެހުން ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޭގޯ ކޮސްޓާ ވަނީ މަތަކޮށްފައެވެ.
އޭގެ ތިން މިނެޓްފަހުން ޕޯޗުގަލުން ލީޑު ފުޅާކުރިއެވެ. ފި. ބްރޫނޯ ފެނާންޑޯޒް ނަގައިދިން ކޯނަރަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އުމުރުން 39 އަހަރުގެ ޑިފެންޑަރު ޕެޕޭއެވެ. އޭނާ ވެފައި ވަނީ ވޯލްޑް ކަޕް ނޮކްއައުޓް ބުރުގައި ގޯލް ޖެހި އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާއަށެވެ.
ހާފު ނިންމާލުމުގެ ގޮތުންވެސް ރާމޯސްއަށް އިތުރު ފުރުސަތެއް ލިބުނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ރާމޯސް ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ރާމޯސްގެ މޮޅު ހާފެއް ނިންމާލީ ހިތްހަމަ ޖެހިލައިގެންނެވެ.
ދެވަނަ ހާފްވެސް ޕޯޗުގަލް ފެށީ ފުރަތަމަ ހާފްގެ އެޓޭކިން ކޮލިޓީގައެވެ. މެޗުގެ 51 ވަނަ މިނެޓުގައި އެޓީމުން ތިންވަނަ ގޯލެއް ޖަހައި މެޗު ނެގުމާ ގާތަށް ޖެހިލިއެވެ. ޑިއޯގޯ ޑަލޮޓް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޕޯޗުގަަލަށް ދެވަނަ ގޯލެއް ޖަހައިދީ ރާމޯސް އޭނާގެ ހެޓްރިކަށް އުންމީދު ބޮޑުކުރިއެވެ. ބެނިފީކާގެ ފޯވަޑްގެ ފަރާތުން ފެނިގެން ދިޔައީ ހިތްގައިމު ނިންމާލުކެވެ.
ޕޯޗުގަލުން ތިންވަނަ ގޯލެއް ޖަހައި މަޑު ޖެހުމެއް ނެތި 55 ވަނަ މިނެޓުގައި ހަތަރު ވަނަ ގޯލެއްވެސް ޖެހިއެވެ. ރާމޯސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރަފައެލް ގުރޭރޯއެވެ.
ޕޯޗުގަލް ފޯރީގައި އެޓޭކް ކުރަމުން ދަނިކޮށް، ކޯނަރެއްގައި ސްވިޒަލޭންޑުން އެޓީމުގެ ހަމައެކަނި ގޯލް ޖެހިވެސް މެއެވެ. 58 ވަނަ މިނެޓުގައި ޝަކީރީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މެނުއެލް އަކާންޖީއެވެ.
އެ ގޯލާއެކުވެސް ޕޯޗުގަލް މަޑު ޖެހިނުލައި އެޓޭކަކަށްފަހު އެޓޭކެއް އުފެއްދި އިރު، ރާމޯސް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 67 ވަނަ މިނެޓުގައެވެ. މެޗުގައި މޮޅަށް ކުޅެމުން ދިޔަ ޖޮއާ ފީލިކްސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއާއެކު ރާމޯސް އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ތާރީހު ލިޔެލިއެވެ. އޭނާ ވެފައި ވަނީ 2002 ވަނަ އަހަރު ޖަރުމަނުގެ މިރްސްލާވް ކްލޯސާއަށްފަހު، ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މެޗުގެ ފަހު 15 ވަރަކަށް މިނެޓަށް ކެޕްޓަން ރޮނާލްޑޯވެސް ކުޅެން ނުކުމެފައިވާ އިރު، ޕޯޗުގަލް މެޗު ނެގީ ފަސޭހަކޮށެވެ. އެޓީމުގެ ފަރާތުން ފެނިގެން ދިޔައީ ނުރައްކާތެރި އެޓޭކެއްގެ ވަރުގަދަ ކުޅުމެކެވެ. މެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލުން އިތުރު ގޯލެއްވެސް ޖަހައިފައިވާ އިރު، އެ ގޯލް ޖެހީ ބަދަލަކަށް ނުކުތް ރަފޭލް ލެއާއޯއެވެ.
މިއީ ޕޯޗުގަލުން 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް ގަދަ 16 އަށް ދިޔަ ފުރަތަމަ ފަހަރެވެ.
ޕޯޗުގަލްއިން ކުއާޓާ ފައިނަލްގައި ކުޅެން ޖެހޭނީ މޮރޮކޯއާ ދެކޮޅަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022