ހައި ކޯޓުގެ މުޅި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެ ކޯޓުގެ ބެންޗުގައި އެންމެ ފަނޑިޔާރަކު އިންނަވައިގެން ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ހައި ކޯޓު އުފެދުނު ފަހުން މިއަދާ ހަމައަށް އެއްވެސް މައްސަލައެއްގައި ތިން ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުން ނެތް ހާލަތެއްގައި އެއްވެސް ޝަރީއަތެއް މިހާތަނަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ހައި ކޯޓުން ބުނީ، މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހާއެކު ފުރަތަމަ ފަހަރަށް ހައިކޯޓުގައި އެންމެ ފަނޑިޔާރަކު މައްސަލައެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.
ޖިނާއީ އިޖުރައާތުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގެ ދަށުން އެންމެ ފަނޑިޔާރެއް އިންނަވައިގެން ހައިކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ އަހުމަދު މުޖާހިދު، އަލޯރާ ގދ. ހޯޑެއްދުއަށް ރައްދުވާގޮތަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައެކެވެ. އެއީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގައި، ބަންދު ކުރި މީހަކާމެދު ކުރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އިސްތިއުނާފު ކުރި މައްސަލައެކެވެ.
އެއީ އިތުރު ބަޔަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް މުޖާހިދުގެ މައްޗަށް ތުހުމަތުކޮށް، އޭނާގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކު ކުރުމުގެ ދައުވާގައި އޭނާ ބަންދުގައި ބެހެއްޓުމަށްފަހު، ދޫކޮށްލަން ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރާ ގުޅިގެންނެވެ. ޕީޖީން ބުނެފައި ވަނީ ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ގާނޫނާ ހިލާފު ކަމަށެވެ.
އިޖުރައާތުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ދަށު ކޯޓުތަކުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު މައްސަލަތައް އެންމެ ފަނޑިޔާރަކު އިންނަވައިގެން ހައި ކޯޓުގައި ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
އެގޮތުގެ މަތިން މިއަދުގެ މައްސަލައިގެ އަޑުއެހުމުގައި ހައިކޯޓުގެ ބެންޗުގައި އިންނެވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.