ގަތަރު ވޯލްޑް ކަޕް 2022

ބްރެޒިލްގެ ނެށުމަށް ފާޑުކިޔުން، ކޯޗު ބުނަނީ އެއީ މިހާރު އޮތް ޒުވާން ޓީމުގެ "ލޭންގުއޭޖް"ގެ ބައެއް ކަމަށް!

މުޙައްމަދު ޝަމްޢޫން

ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16ގައި ރޭ ބްރެޒިލުން ކުޅުނު މެޗުގައި ދެކުނު ކޮރެއާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލުން ގޯލްތައް ޖެހި އިރު، އެޓީމު ފެނުނީ އާދަޔާހިލާފު އެޓޭކިން ފޯމެއްގައެވެ. ކުރިއަށް ކުޅުނު ކުޅުންތެރިންގެ ފަރާތުން ހުނަރުވެރިކަން ފެނިގެން ގޮސްފައިވާ އިރު، ކޮންމެ ގޯލަކަށްފަހު ކުރިޔަށް ގެންދިޔަ ނަށާލުންވެސް ޗާލެވެ.

އެ ނެށުމަށް މީގެ ކުރިންވެސް ޔޫރަޕްގެ ބައެއް ކޯޗުންނާއި ކުޅުންތެރިން ފާޑު ކިޔާފައިވާ އިރު، ރޭގެ މެޗުގައި ނެށި ނެށުމަށްވެސް ޓީވީ އެނަލިސްޓުން ވަނީ ފާޑު ކިޔާފައެވެ. ކުރީން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރޮއި ކީން ބުނީ ކޮންމެ ގޯލަކަށްފަހު ނެށުން އޭނާއަށް ރަނގަޅު ނޫން ކަމަށާއި، އެ ނެށުމަކީ އިދިކޮޅު ޓީމަށް އިހުތިރާމު ކުޑަކުރާ ކަމެއް ކަމަށެވެ.

ބްރެޒިލްގެ ނެށުމުގައި ކޯޗު ޓީޓޭވެސް ރޭ ބައިވެރިވެފައިވެއެވެ. އެޓީމުގެ ތިންވަނަ ގޯލަށްފަހު ރިޗާލިސަން ކޯޗު ކައިރިއަށް ގޮސް، ކޯޗާއެކު މުޅި ބެންޗް އެކީ ނަށާފައިވެއެވެ. ޓީޓޭގެ ނަޒަރުގައި މިހާރު އޮތް ޒުވާން ޓީމުގެ "ލޭންގްއޭޖް" ގެ ބޮޑު ބަޔަކީ ނެށުމެވެ. އެކަމަށް އޭނާވެސް ހޭނި، ކުޅުންތެރިންނާއެކު އުފަލުގައި ބައިވެރިވެވޭ ކަމަށެވެ. އެކަމަކީ އިހުތިރާމު ކުޑަކުރުމަށް ކުރާ ކަމަށް ނޫން ކަމަށްވެސް ޓީޓޭ ބުންޏެވެ.

"ކުޅުންތެރިންގެ މިޒާޖަށް ހޭނެން މަސައްކަތް ކުރަން ޖެހޭނެ. މިއީ ވަރަށް ޒުވާން ސްކޮޑެއް. ނެށުމަކީ ވެސް މި ސްކޮޑު މުއާމަލާތް ކުރާ ގޮތެއް. އެ ނެށުމުން ދައްކައިދެނީ ގޯލާއެކު އަންނަ އުފާވެރިކަން. ޓީމަށް އެކަމުން އަންނަ ހިތްހަމަޖެހުން. އެއީ އިދިކޮޅު ޓީމަށް އިހުތިރާމު ކުޑަކުރަން ކުރި ކަމެއްވެސް ނޫން. ދެކުނު ކޮރެއާ އަށާއި އެ ޓީމުގެ ކޯޗަށް އަހަރެން ފުރިހަމައަށް އިހުތިރާމު ކުރަން،" ޓީޓޭ ރޭގެ މެޗަށްފަހު ބުންޏެވެ.

ބްރެޒިލުން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލަށް ނުކުންނާނީ ހުކުރު ދުވަހުގެ ރޭ 8:00 ގައެވެ.