ސްވިޒަލޭންޑަކީ ބޮޑެތި ޓީމުތައް ކައިރީ ހިފަހައްޓާލެވޭނެ ޓީމެއްކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށާއި، ޕޯޗުގަލުންވެސް އެޓީމާ ދެކޮޅަށް ނުކުންނަން ޖެހިލުންވާނެ ކަމަށް ކޯޗު މުރަޓް ޔަކީން ބުނެފިއެވެ.

ގްރޫޕް ޖީގެ ދެވަނަ ޓީމުގެ ގޮތުގައި ސްވިޒަލޭންޑް ގަދަ 16 އަށް ދިޔައީ ފުރަތަމަ މެޗުގައި ކެމަރޫން ބަލިކޮށް، ފަހު މެޗުގައި ސާބިއާ ކައިރިންވެސް މޮޅުވެގެންނެވެ. އެ ގްރޫޕްގައި ސްވިޒަލޭންޑް ބަލިވީ ބްރެޒިލް އަތުން އެކަންޏެވެ. މިރޭގެ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލާ ދެކޮޅަށް ސްވިޒަލޭންޑް ނުކުންނަ އިރު، ކޯޗުގެ ނަޒަރުގައި ސްވިޒަލޭންޑަކީ ވަރުގަދަ ޓީމުތައް ކައިރީ ހިފަހައްޓާލެވޭނެ ޓީމެކެވެ.

"އަހަރެމެން ހައްގު ނަތީޖާތަކެއް ހޯދައިގެން ގަދަ 16 އަށް ނުކުތީ. ޕޯޗުގަލުންވެސް އަހަރެމެންނާ ދެކޮޅަށް ކުޅެން ޖެހިލުންވާނެ. ޔަގީނުންވެސް ޕޯޗުގަލްއަކީ މެޗުގެ ފެވަރިޓުން. އެކަމަކު ނޮކްއައުޓް މެޗެއްގައި ކޮންމެ ނަތީޖާއަކަށްވެސް ގޮސްދާނެ. އަހަރެން ގަބޫލުކުރަނީ ސްވިޒަލޭންޑް އޮތީ މި ޗެލެންޖަށް ތައްޔާރަށް ކަމަށް،" ޔަކީން ބުންޏެވެ.

މީގެ ކުރިން ސްވިޒަލޭންޑުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ކުޅެފައި ވަނީ ޖުމުލަ ތިން ފަހަރަކުއެވެ. އެއީ 1934، 1938 އަދި 1954 ވަނަ އަހަރުގައެވެ. އޭގެ ފަހުން ގަދަ 16 ފަހަނައަޅައި ދެވިފައި ނުވާ އިރު، ޔަކީންގެ ނަޒަރުގައި މިއީ ތާރީހު ލިޔެލަން ކުޅުންތެރިންނަށް ލިބޭ ފުރުސަތެކެވެ.

"ކުޅުންތެރިންގެ އަމާޒަކީ ތާރީހު ލިޔެލުން. މި ދަތުރު އަދި ނުނިމޭ. ޓީމު އޮތީ ވަރަށް ބޮޑަށް އެކުވެފައި. ތަޖުރިބާވެސް މިހާރު ޓީމުގައި އެބަހުރި. މި ފުރުސަތުގެ ބޭނުން ހިފައި، އުފާވެރި ރެއަކަށް މިރޭ ހެދުން މުހިއްމު. ފުޓުބޯޅައިގައި އެންމެ ހާއްސަ ވާނީ މިފަދަ ބޮޑެތި މުބާރާތްތަކުގެ، ބޮޑެތި މެޗުތައް،" ކުރިން ގައުމީ ޓީމަށް ކުޅުނު ޔަކީން ބުންޏެވެ.

އެންމެފަހުން ނިމިދިޔަ ޔޫރޯގައި ޕެނަލްޓީގެ ހާއްސަ ޓީމެއްގެ ގޮތުގައި ސްވިޒަލޭންޑް ފާހަގަކުރެވުނު އިރު، އެ މުބާރާތުގެ ގަދަ 16 ގައި ސްވިޒަލޭންޑުން ފްރާންސް ކަޓުވާލީ ޕެނަލްޓީ ޖަހައިގެންނެވެ. އެ ނަތީޖާއާއެކު ކުއާޓާ ފައިނަލަށް ގޮސް، ކުއާޓާގައި ސްޕެއިން އަތުންވެސް ސްވިޒަލޭންޑް ބަލިވީ ޕެނަލްޓީގައެވެ. އެހެންކަމުން އެޓީމަކީ ޕެނަލްޓީގެ އުފާވެރިކަމާއި ހިތްދަތިކަންވެސް ތަޖުރިބާ ކޮށްފައިވާ ޓީމެކެވެ.

ކޯޗު ޔަކީން ބުނީ ޕެނަލްޓީއަށް ނުގޮސް ނަތީޖާ ނެރެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، އެހެން ނަމަވެސް ޕެނަލްޓީއަށް ދާން ޖެހިއްޖެނަމަ، އެކަމަށް މިފަހަރުވެސް ސްވިޒަލޭންޑް ތައްޔާރުވެ އޮންނާނެ ކަމަށެވެ.

ސްވިޒަލޭންޑުން ޕޯޗުގަލްއާ ދެކޮޅަށް ނުކުންނާނީ މިރޭ 12:00 ގެ މެޗުގައެވެ.