ގަތަރު ވޯލްޑް ކަޕް 2022

ބަދަލުކުރުމުން ރޮނާލްޑޯގެ އަމަލުތައް ހުރި ގޮތުން ޕޯޗުގަލް ކޯޗުގެ ހިތްހަމެނުޖެހުންތަކެއް!

މުޙައްމަދު ޝަމްޢޫން

ޕޯޗުގަލުން ގްރޫޕް ސްޓޭޖުގެ ކުޅުނު ފަހު މެޗުގެ ދެވަނަ ހާފްގައި ކްރިސްޓީއާނޯ ރޮނާލްޑޯ ބަދަލުކުރުމުން، އޭނާގެ ފަރާތުން ފެނުނު މަންޒަރުތަކުން ހިތްހަމަ ނުޖެހުނު ކަމަށް ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

ޕޯޗުގަލުން ގްރޫޕް އެޗްގައި ފުރަތަމަ ކުޅުނު މެޗުގައި ގާނާ ބަލިކޮށް، ދެވަނަ މެޗުގައި އުރުގުއާއީވެސް ބަލިކޮށް، ބާކީ އެއް މެޗު އޮއްވައި ގަދަ 16 ޔަގީން ކުރިއެވެ. ފަހު މެޗުގައި ދެކުނު ކޮރެއާ އަތުން ޕޯޗުގަލް ބަލިވި އިރު، އެ މެޗުގެ 65 ވަނަ މިނެޓުގައި ކޯޗު ސަންޓޯސް ވަނީ ރޮނާލްޑޯ ބާލައިފައެވެ.

ރޮނާލްޑޯ މެޗުން ފޭބުމުގެ ކުރިން ދެކުނު ކޮރެއާގެ ޗޯ ގޫ-ސަންގާ ދެމެދު ބަހުގެ ހަމަލާތަކެއް ކޮންމެވެސް ވަރަކަށް ގޮސްފައިވާ އިރު، ފައިބަމުން ކޯޗަށް އަމާޒުކޮށްވެސް ބަހުގެ ހަމަލާއެއް ދީފައިވެއެވެ. ކޯޗު ސަންޓޯސްއަށް ފުރަތަމަ އެކަން ނޭނގުނު ނަމަވެސް، އިއްޔެގެ ޕްރެސްގައި އޭނާ ބުނީ، ފަހުން އެ މަންޒަރު ބަލައި، ރޮނާލްޑޯ އެއްޗެކޭ ބުނިކަން އެނގު ކަމަށެވެ.

"ރޮނާލްޑޯއާ ގުޅޭ ކަންތަކުގައި އަހަރެން ދެ ޖަވާބެއް ދޭނަން. ފުރަތަމަ ކަމަކަށް މެޗަށްފަހު އަހަރެން ޕްރެސްގައި ބުނި ވާހަކަ ބުނާނަން، ރޮނާލްޑޯ ކީ އެއްޗެއް އަހަންނަކަށް އަޑެއް ނީވޭ. އަހަންނަށް ފެނުނީ ރޮނާލްޑޯ ކޮރެއާ ކުޅުންތެރިޔަކާ ހިތްހަމަ ނުޖެހި ވާހަކަ ދެއްކިތަން. ދެން އަނެއް ޖަވާބު.. އަހަރެން އެ ފުޓޭޖް އަލުން ބެލިން. ބެލި ބެލުމުގައި ފެނުނު މަންޒަރުން އަހަރެން ހިތްހަމަނުޖެހުނު. އަހަރެން އެކަމަށް އެއްވެސް ގޮތަކަށް ހިތްހަމައެއް ނުޖެހުނު. އެއީ އެތެރޭން ހައްލުކުރަންވެސް ޖެހޭ ކަމެއް. އެކަން ޓީމް ތެރެއިން ހައްލުވެސް ކޮށްފިން. ދެން ފޯކަސް ހުރީ މާދަމާގެ މެޗަށް. އެންމެންގެ ފޯކަސް ވެސް ހުރީ އެގޮތަށް،" ސަންޓޯސް ބުންޏެވެ.

އެ ވާހަކަތަކާއެކު ނޫސްވެރިން ވަނީ ރޮނާލްޑޯ ފުރަތަމަ 11 އިން ފެންނާނެތޯވެސް ޕޯޗުގަލް ކޯޗާ ސުވާލުކޮށްފައެވެ. އޭނާގެ ޖަވާބު އެކަމުގައިވެސް ސާފެވެ.

"މެޗަށް ނުކުންނަން ސްޓޭޑިއަމަށް ގޮސް ޑްރެސިން ރޫމްގައި އަހަރެން ބުނަނީ ފަށާނެ 11 ކުޅުންތެރިން. އެއީ އެކަން ޕޯޗުގަލް ޓީމުގައި އަހަރެންގެ ދަށުން އަބަދުވެސް އޮންނަ ގޮތް. ސީދާ މެޗު ނިންމި ގޮތަށް ފިޔަވަޅެއް އަޅަން ޖެހުނު ނަމަ، އެ ގޮތް ތަފާތުވެސް ވެދާނެ. އެކަމަކު މި ވަގުތަށް އޮތީ އެހެން. އަރާނެ ކުޅުންތެރިން އެނގޭނީ މެޗަށް ދިޔުމުން،" ސަންޓޯސް ބުންޏެވެ.

ޕޯޗުގަލުން ގަދަ 16ގައި މިރޭ ސްވިޒަލޭންޑާ ދެކޮޅަށް ނުކުންނަ އިރު، ސަންޓޯ ބުނީ އެޓީމުގެ ނުރައްކަލަށް ފޯކަސް ކުރާނެ ކަމަށާއި، ދަނޑު ބޭރަށް ފޯކަސް ހިންގަން މިއީ އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ރޮނާލްޑޯ ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑާ ޖެހުނު މައްސަލަތައްވެސް ފެންމަތިވެފައިވާ އިރު، އޭރުވެސް ސަންޓޯސް ބުނީ އެކަމުގެ ސަބަބުން ޓީމަށް އަސަރު ނުކުރާނެ ކަމަށެވެ. ރޮނާލްޑޯ މިހާރު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި އިރު، އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ސައުދީ އަރަބިއާގެ އަލް ނަސްރުންނެވެ. އިއްޔެގެ ޕްރެސްގައި ސަންޓޯސް ބުނީ އެކަމަށްވެސް ރޮނާލްޑޯއާ އެއްވެސް ކޯޗަކު، އަދި ކުޅުންތެރިޔަކު ވާހަކަ ނުދައްކާ ކަމަށެވެ.

ޕޯޗުގަލްއާއި ސްވިޒަލޭންޑް ވާދަކުރާ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.