ގަތަރު ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް ޖާގައެއް ބްރެޒިލުންވެސް ހޯދައިފިއެވެ.

ވަރުގަދަ ބްރެޒިލުން ކުއާޓާ ޔަގީންކުރީ 974 ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 16 ގެ މެޗުގައި 4-1 އިން ދެކުނު ކޮރެއާ ބަލިކޮށްފައެވެ. މެޗުގައި ބްރެޒިލްގެ ހަތަރު ގޯލުވެސް ފުރަތަމަ ހާފުގައި ފެނުނު އިރު، ފުލުފުލުގައި ގޯލު ޖަހައި އެޓީމުން ކުއާޓާއަށް ދިޔައީ ފަސޭހަކަމާއެކުގައެވެ. ނަށާލައިފައެވެ.

މިރޭގެ މެޗަށް ބްރެޒިލް ނުކުތީ ގްރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ސާބިއާއާއި ސްވިޒަލޭންޑް ބަލިކޮށް، ކެމަރޫން އަތް ދަށުވީ ބަދަލުތަކަކާއެކު ނުކުތް މެޗުގައެވެ. އަނެއްކޮޅުން ނުކުތް ދެކުނު ކޮރެއާއަކީ ގްރޫޕް އެޗްގެ ދެވަނަ ޓީމެވެ. އެޓީމު ގަދަ 16 އަށް ދިޔައީ ހަނި ފުރުސަތަކުންނެވެ.

ފުރަތަމަ މެޗުގައި އުރުގުއާއީއާ އެއްވަރުވެ، ދެވަނަ މެޗުގައި ގާނާ އަތުން ކޮރެއާ ބަލިވި އިރު، ގަދަ 16 ޔަގީންކުރީ ޕޯޗުގަލް ބަލިކޮށްގެންނެވެ. އެ ހާލަތުން ގަދަ 16 ހޯދައި، ކޮރެއާއިން ނުކުތީ 2002 ގެ ކާމިޔާބީއަށް ކުރިއަށް ދިއުމަށެވެ. އެހެން ނަމަވެސް އެޓީމަށް ކުރިމަތިވީ އެންމެ ބޮޑު ޗެލެންޖާއެވެ. ފަސްތަރީގެ ބްރެޒިލާއެވެ. އެއީވެސް ނޭމާ ފިޓުވެ، ފުރިހަމަ ވެފައި އޮތް ބްރެޒިލަކާއެވެ.

ފެވަރިޓުންގެ ލިސްޓުގެ އެއްވަނައިގައި އޮތް ބްރެޒިލުން މެޗުގެ ފުރަތަމަ 30 ވަރަކަށް މިނެޓުގައިވެސް އެޓީމުގެ ފެންވަރު ސާބިތުކޮށްދިނެވެ. ބްރެޒިލަށް ޖެހުލުންވާން ޖެހުނު ސަބަބު ދައްކުވައިދިނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ ޒުވާން ތަރި ވިނީޝިއަސް ޖޫނިއާގެ ގޯލުން ބްރެޒިލުން ލީޑު ނަގައި އޭގެ އިރުކޮޅެއް ފަހުން ލީޑު ފުޅާވެސް ކުރިއެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ބްރެޒިލްގެ ދެވަނަ ގޯލު، ޕެނަލްޓީއެއްގައި ޖަހައިދިނީ ނޭމާއެވެ. ނިކަން ހިތްގައިމުކޮށް ނޭމާ ޖެހި ޕެނަލްޓީއާއެކުވެސް ބްރެޒިލް މަޑު ޖެހިލީކީ ނޫނެވެ. އެޓީމުން ދިޔައީ އެޓޭކިން ހިތްގައިމު ކުޅުމެއް ދައްކަމުންނެވެ. ކޮރެއާއިން ކުޑަވެސް އުންމީދެއް ހޯދަމުން ދިޔައީ ދުރުން ޖެހި ބޯޅަތައް ބްރެޒިލްގެ ގޯލަށް އަމާޒުކޮށްލައިގެންނެވެ.

އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން ހުވަންގް ހީ ޗޭން ފޮނުވާލި ހަމަލާ، ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށް، ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ މަތަކޮށްފައެވެ. އަނެއްކޮޅުން ބްރެޒިލްގެ ހަމަލާ އަނެއްކާވެސް ކޮރެއާ ގޯލު ފޫއަޅުވާލިއެވެ. މެޗުގެ 29 ވަނަ މިނެޓުގައި ފެނުނީ "ސާންބާ"ގެ ޖާދުވީ ގޯލެކެވެ. ހިތްގައިމު ހަރަކާކްތަކަކާއެކު ޖެހި ޕާސްތަކުން ތިއާގޯ ސިލްވާ ދުއްވާލި ބޯޅައެއްގައި ބްރެޒިލަށް ތިންވަނަ ގޯލެއް ޖަހައިދިނީ ރިޗާލިސަންއެވެ. އެއީ އޭނާ މި ވޯލްޑް ކަޕްގައި ޖެހި ތިންވަނަ ގޯލެވެ.

ނެށުމުގެ ހަރަކާތްތަކާއެކު ކޮންމެ ގޯލަކަށް ބްރެޒިލުން އުފާފާޅުކުރަމުން ދިޔަ އިރު، ކޯޗު ޓީޓޭވެސް ތިންވަނަ ގޯލާއެކު ރިޗާލިސަންއާއެކު ނަށާލިއެވެ.

ދެކުނު ކޮރެއާއިން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. ގޯލަކުން ހިތްވަރު ހޯދަން ކުރި މަސައްކަތުގައި މެޗުގެ 32 ވަނަ މިނެޓުގައި ހީ ޗޭން ފޮނުވާލި ހަމަލާވެސް މަތަކުރީ އެލިސަންއެވެ. އެ ހަމަލާތަކަށް ކުރިއަށް ޖެހި ކުޅުނު ކުޅުމުގައި އަނެއްކާވެސް ބްރެޒިލް ދެމިގައެވެ. 35 ވަނަ މިނެޓުގައި ބްރެޒިލްގެ ހަތަރުވަނަ ގޯލު ޖެހީ ވިނީޝިއަސް ޖޫނިއާ ދިން ރީތި ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ލޫކަސް ޕަކެޓާއެވެ. ހަތަރު ގޯލަކާއެކު ބްރެޒިލުން ހާފު ނިންމާލީ ހިނިތުންވުމާއެކުގައެވެ.

ދެވަނަ ހާފަށް ނުކުމެ ކޮރެއާއިން ހިތްވަރުކޮށްލައި، ކުޅުން ރަނގަޅުވެސް ކުރިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ޕެނަލްޓީ އޭރިއާ ތެރެއިން މާކީނިއޯސް ކައިރިން ނައްޓާލުމަށްފަހު، ކޮރެއާ ކެޕްޓަން ސޮން ހިއުން މިން ފޮނުވާލި ހަމަލާ، ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ހުވަންގް ހީ ޗޭން ފޮނުވާލި ހަމަލާވެސް ބްރެޒިލް ކީޕަރު އެލިސަން ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅަ، ސޮން ހިއުން މިންއަށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ، ބްރެޒިލް ޑިފެންޑަރު މާކީނިއޯސް ވަނީ ބްލޮކްކޮށްފައެވެ.

އެ ހަމަލާތަކުގެ ތެރެއިން އަނެއްކޮޅުން ބްރެޒިލްގެ ރަފީނިއާއަށް ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

ކޮރެއާއިން ކުރަމުން ދިޔަ ނުރައްކަލުގެ ފައިދާ އެޓީމަށް ފެނުނީ 76 ވަނަ މިނެޓުގައި ޖެހުނު ގޯލުންނެވެ. އެ ގޯލަކީ ފަހަތުން އަރަން ލިބުނު މާ ބޮޑު ހިތްވަރަކަށް ނުވި ނަމަވެސް، ބްރެޒިލްގެ ކްލީންޝީޓް ދިޔުމަކީވެސް އެޓީމަށް މިރޭގެ ފެށުމަށް ހޯދުނު ކާމިޔާބެކެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކޮރެއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޕައިކް ސޫންގް ހޯއެވެ.

އެ ގޯލާއެކު ކޮރެއާއިން ކުރި ހިތްވަރު ފެނުނު ނަމަވެސް ބްރެޒިލަށް ހާސްކަމެއް ނާދެއެވެ. އެލިސަން ބެކާގެ ބަދަލުގައި ތިންވަނަ ގޯލްކީޕަރު ވެވެޓަންސްވެސް ކޯޗު ޓީޓޭ ކުޅުމަށް ނެރެފައިވާ އިރު، އޭނާ ކުޅުމަށް ނުކުމެ، މިހާރު ބްރެޒިލް ސްކޮޑު އެކުގައި މިހާރު މި ވޯލްޑް ކަޕްގައި ކުޅެފައިވެއެވެ. ބްރެޒިލްގެ ޗާލު ޗަރުކޭހާއި ނެށުންތަކާއެކު، ފަސޭހަކަމާއެކު ކުއާޓާ ޔަގީންކުރިއެވެ.