ވޯލްޑް ކަޕަކަށް ގޮސް ފުރަތަމަ މެޗުގައި ފޯކަސް ގެއްލުވާލުމަކީ އުނދަގޫތަކާ ކުރިމަތިވާނެ ކަމެއް ކަމަށް، ޖަރުމަނުގެ "ވަން ލަވް" ބޭންޑްގެ މައްސަލައާ ގުޅިގެން ފީފާގެ ވޯލްޑް ކަޕް ޓެކްނިކަލް ގްރޫޕްގެ ހެޑް، އަދި ގްލޯބަލް ފުޓްބޯޅް ޑެވަލޮޕްމަންޓްގެވެސް ހެޑް، އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

އެއްޖިންސުން އުޅުން ޕްރޮމޯޓުކުރުމަށް ބޭނުންކުރާ "ވަންލަވް" ކެޕްޓަން ބޭންޑް އެޅުން މަނާކުރުމުން، ގަތަރު ވޯލްޑް ކަޕް 2022 ގައި ޖަރުމަންގެ ފުރަތަމަ މެޗުގެ ޓީމު ފޮޓޯއިން ފެނިގެންދިޔައީ ކުޅުންތެރިން އަނގަމަތީގައި އަތް އަޅައިގެން ތިބި މަންޒަރެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ޖަރުމަންގެ ޓީމަށް އަމާޒުވިއެވެ. ޖަރުމަނުން ބުނީ އެއީ އަޑު އުފުލުމެއް ކަމަށާއި، "ވަން ލަވް" ބޭންޑް ނޭޅުމަށް އެންގި އެންގުން އެގައުމުން ބަލައި ނުގަންނަ ކަމަށެވެ.

ޖަރުމަން ޓީމު ފޮޓޯގައި ކުޅުންތެރިން ދެއްކި މަންޒަރަށްފަހު، ޖަޕާނާ ދެކޮޅަށް ކުޅުނު ގްރޫޕު ސްޓޭޖުގެ މެޗުން ބަލިވެ، އެޓީމަށް ވަނީ ވޯލްޑް ކަޕްގެ ފެށުން ވެސް ގޯސްވެފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ބުނެފައިވަނީ ޖަރުމަން ޓީމުން ކުޅިވަރާ ނުގުޅޭ ކަންކަމުގައި ނޫޅެ، އެންމެ ރަނގަޅުވާނީ ނަތީޖާ ރަނގަޅުކޮށް، ފުޓުބޯޅައަށް ފޯކަސްކުރުން ކަމަށެވެ. ޖަރުމަނު ޖެހިޖެހިގެން ދެވަނަ ފަހަރަށް ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔުމާއެކު އެކަމަށް ޖަރުމަނަށް އަމާޒުވި ފާޑު ކިޔުންތައް އިތުރުވެފައިވެސްވެއެވެ.

"ވޯލްޑް ކަޕަކަށް ގޮސް ފުރަތަމަ މެޗުން ބަލިވެގެން ނުވާނެ. މިކަހަލަ މުބާރާތްތަކުގައި ރަނގަޅު ތަޖުރިބާއެއް އޮތް ގައުމުތަކަށް ބަލައި، ފްރާންސާއި އިންގްލެންޑް ފަދަ ގައުމުތަކުން ފެށީ ރަނގަޅު ފެށުމަކުން. އެއީ މެންޓަލީ ތައްޔާރުވުމަކީ. އެ މައިންޑްސެޓް ހުންނަންވާނެ. ފޯކަސް ކުރަންވަނީ މުބާރާތަށް. ސިޔާސީ ކަންތައްތަކަކަށް ނޫން. އަޑު އުފުލުމަކަށްވެސް ނޫން. ފުޓުބޯޅައަށް ފޯކަސް ކޮށްގެން ވާނީ،" ޖަރުމަނު ކެޓުމުގެ ވާހަކައާއި ގުޅިގެން ވެންގާ ބުންޏެވެ.

ޖަރުމަނުން "ވަން ލަވް" ބޭންޑްގެ މައްސަލައިގައި އަޑުއުފުލައި، ކޯޓް އޮފް އާބިޓްރޭޝަނަށް މައްސަލަ ލާފައިވާ ނަމަވެސް، އެހެން ޔޫރަޕް ގައުމަކުންވެސް މިހާރު އެކަމުގެ ވާހަތައް ދައްކާތަނެއް ނުފެނެއެވެ. ކުރިން "ވަން ލަވް" އާމްބޭންޑް އަޅަން މަސައްކަތް ކުރި ގައުމުތަކުންވެސް ޖަރުމަނު ހިނގިމަގުން ނުހިނގާނެ ކަމަށް ބުނެ، މިހާރު ވަނީ ގަތަރަށް އިހުތިރާމު ކުރަން ނިންމާފައެވެ.