ވޯލްޑް ކަޕްގެ މެޗް ޝެޑިއުލް އިންސާފުވެރި ނޫން ކަމަށް ދެކުނު ކޮރެއާގެ ކޯޗު، ޕޯޗުގަލްގެ ޕައުލޯ ބެންޓޯ ބުނެފިއެވެ.
ދެކުނު ކޮރެއާއިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ފަހުވަގުތު ޕޯޗުގަލް ބަލިކޮށް ވޯލްޑް ކަޕްގެ ގަދަ 16 ޔަގީންކުރި އިރު، އެޓީމުން ގަދަ 16 ގައި މިރޭ ނުކުންނާނީ ވަރުގަދަ ބްރެޒިލާ ދެކޮޅަށެވެ. ދެކުނު ކޮރެއާއިން ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކުޅެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އެމެޗަށްފަހު 72 ގަޑިއިރު ފަހުން އިތުރު މެޗެއް ކުޅެން ޖެހުމާއެކު ބެންޓޯ ވަނީ އެކަމަށް ފާޑު ކިޔައިފައެވެ.
"އަހަރެންގެ ނަޒަރުގައި ވޯލްޑް ކަޕްގެ ޝެޑިއުލް އިންސާފުވެރިއެއް ނޫން. 72 ގަޑިއިރު ތެރޭގައި މެޗުތައް ކުޅެން ޖެހުމަކީ އެކަން އޮންނަންވާނެ ގޮތް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން،" ބެންޓޯ ބުންޏެވެ.
ޕޯޗުގަލް ގައުމީ ޓީމާއެކު ކުޅުންތެރިއެއްގެ ގޮތުގައި ވޯލްޑް ކަޕްގައި ކުޅެ، އެގައުމުގެ ގައުމީ ޓީމަށް ކޯޗުކަންވެސް ކޮށްދިން ބެންޓޯގެ އިތުރުން ގަދަ 16 ގެ ކުރިން އާޖެންޓީނާގެ ކޯޗު، ލިއޮނެލް ސްކޮލާނީވެސް ވަނީ މެޗުތައް ގާތްގާތުގައި ކުޅެން ޖެހުމުގެ ޝަކުވާ ކޮށްފައެވެ. ސްކޮލާނީ ބުނީ އާޖެންޓީނާއަށް 48 ގަޑިއިރު ތެރޭ ގަދަ 16 ގައި ކުޅެން ޖެހުމަކީ އުނދަގޫވި ކަމެއް ކަމަށާއި، އެއީ ވޯލްޑް ކަޕްގައި ޝެޑިއުލް ހެދިފައި އޮންނަންވާނެ ގޮތް ނޫން ކަމަށެވެ.
ޝެޑިއުލްގެ ވާހަކައަށްފަހު ދެކުނު ކޮރެއާގެ ކޯޗު ބެންޓޯ އިއްޔެ ބްރެޒިލް މެޗާ ގުޅޭ ގޮތުންވެސް ވާހަކަ ދެއްކިއެވެ. އެވާހަކައިގައި އޭނާ ބުނެފައި ވަނީ ބްރެޒިލަކީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އޭނާއަށް ލަފާކުރެވޭ އެއް ޓީމު ކަމަށާއި، ބްރެޒިލާ ދެކޮޅަށް ކުޅެން ޖެހުމަކީ އުނދަގޫވާނެ ކަމެއް ކަމަށެވެ.
"ބްރެޒިލް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުމަކީ އުނދަގޫވާނެ ކަމެއް. ބްރެޒިލަކީ އަހަރެން ގަބޫލުކުރާ ގޮތުގައި މުބާރާތް ނަގާނެކަހަލަ ޓީމެއް. އެހެންވީމަ މެޗުގެ އުނދަގޫކަން ބޮޑުވާނެ،" ބެންޓޯ ބުންޏެވެ.
ދެކުނު ކޮރެއާއިން ގްރޫޕް ސްޓޭޖުގައި ގާނާ ކައިރިން ބަލިވި މެޗަށްފަހު ރެފްރީއާ ދިމާލަށް ދިޔުމާއެކު ބެންޓޯއަށް ރަތް ކާޑުވެސް ދެއްކިއެވެ. އެމެޗުގައި ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނާއެކު ކޮރެއާއިން ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެންޓޯ އިންނަން ޖެހުނީ ބެންޗު ފަހަތު ގޮނޑިތަކުގައެވެ. އެހެން ނަމަވެސް މިރޭގެ މެޗަށް އޭނާ ބެންޗަށް ނުކުންނާނެއެވެ.
ބްރެޒިލަށް މިރޭގެ މެޗަށް އޮތް ހިތްވަރަކީ ޓީމުގެ ތަރި، ނޭމާ ފިޓްވެ މެޗަށް ނުކުންނާނެކަމުގެ އުންމީދު އޮތުމެވެ. އެ އުންމީދާއެކު ބެންޓޯ ބުނީ، ނޭމާ ހުއްޓާ ކުޅެން ޖެހޭނެކަމަށް ބުނުން ވާނީ ދޮގަކަށް ކަމަށާއި، ބްރެޒިލާ ކުޅޭއިރު ނޭމާ ނެތުމަކީ އިދިކޮޅަށް އަބަދުވެސް ފަސޭހަވާނެ ކަމެއް ކަމަށެވެ.
ދެކުނު ކޮރެއާއާއި ބްރެޒިލް ވާދަކުރާ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022