މެޗުގައި ޕޮލެންޑަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިކުރުވީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ކަމަށާއި، ދެ ޑިފެންޑަރުން ވެގެންވެސް އޭނާ ނުހިފެހެއްޓުނު ކަމަށް ޕޮލެންޑްގެ ކޯޗު ޒެސްލޯ މިޗްނިއޭވިޗް ބުނެފިއެވެ.
ޕޮލެންޑުން 1986 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 ގައި ކުޅެ، ރޭ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ޕޮލެންޑް ކައިރީ ރަނގަޅަށް ކުޅެ މެޗު ކާމިޔާބުކުރީ އެމްބާޕޭގެ ބޮޑު އެހީތެރިކަމަކާ އެކުގައެވެ. މިހާތަނަށް ވޯލްޑް ކަޕްގައި ފަސް ގޯލް ޖަހާފައިވާ އެމްބާޕޭ ރޭގެ މެޗުގައި ވެސް ދެ ގޯލް ޖަހައިފައިވެއެވެ. ރޭގެ ދެވަނަ ގޯލަކީ އެމްބާޕޭގެ ކެރިއަރުގައި ކާމިޔާބުކުރި ވޯލްޑް ކަޕްގެ ނުވަވަނަ ގޯލެވެ.
ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޮލެންޑްގެ ކޯޗު މިޗްނިއޭވިޗް ބުނީ މެޗުގައި ޕޮލެންޑުން ކުރި ހިތްވަރަށް އޭނާ ފަހުރުވެރިވާ ކަމަށާއި، ކޮލިޓީ ރަނގަޅު ކުޅުންތެރިންގެ ތަފާތު ފެނުނު ކަމަށެވެ. ހަމައެއާއެކު އޭނާ ވަނީ ވަރަށް ބޮޑަށް އެމްބާޕޭއަށް ތައުރީފު ކޮށްފައެވެ.
"މެސީ، ރޮނާލްޑޯ، ލެވަންޑޯސްކީ، މި ކުޅުންތެރިންގެ މައްޗަށް އިތުރު ކުޅުންތެރިޔަކު އަންނާނެ. އަހަންނަށް ހީވަނީ އެ ކުޅުންތެރިޔަކީ އެމްބާޕޭހެން. އެތައް އަހަރު ދުވަހެއްވަންދެން އެމްބާޕޭ ދުނިޔޭގެ އެއްވަނަ މަގާމުގައި ހިފަހައްޓާނެ،" ރޭގެ މެޗަށްފަހު މިޗްނިއޭވިޗް ބުންޏެވެ.
"އަހަރެމެންނަށް ވަރަށް އުނދަގޫވެއްޖެ އެމްބާޕޭއާ ހެދި. އެއީ ފްރާންސާ ކުޅޭއިރު ދެ ކުޅުންތެރިން އޭނާ ގާތުގައި މަޑުކުރުވަން ޖެހޭ. އެކަމަކުވެސް ނުފެހެއްްޓުނު. އެހެންވީމާ އެމްބާޕޭގެ ފެންވަރު އެދަނީ ފެންނަމުން. އަހަރެން އެމްބާޕޭއަށް ހިތްވަރުވެސް ދެން. ކުރިއަށްދާނެ ކަމަށް އުންމީދުވެސް ކުރަން،" މިޗްނިއޭވިޗް ބުންޏެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022