ވޯލްޑް ކަޕަކީ އަބަދުވެސް ހުވަފެނީ މުބާރާތެއް ކަމަށާއި، މުޅި ސީޒަނުގައިވެސް ތައްޔާރުވީ ވޯލްޑް ކަޕަށް ކަމަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.

ފްރާންސުން މުބާރާތުގެ ކުއާޓާ ފައިނަލް ޔަގީންކުރީ ރޭ ކުޅުނު ގަދަ 16 ގެ މެޗުގައި 3-1 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިކޮށްފައެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިނުމުގައި އިސްރޯލެއް އަދާކުރި އެމްބާޕޭއަކީ މިހާތަނަށް މި ވޯލްޑް ކަޕްގައިވެސް ފްރާންސްގެ ތަރިއެވެ. މިހާތަނަށް ފަސް ގޯލު އެމްބާޕޭ ޖަހާފައިވާ އިރު، އޭނާއަކީ މިހާނަތަށް މި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ.

ރޭގެ މެޗުގައި ދެ ގޯލް ޖަހައި، އުމުރުން އެންމެ 23 އަހަރުގައި އެމްބާޕޭ ވަނީ ދެ ވޯލްޑް ކަޕުން ނުވަ ގޯލް ޖަހައިފައެވެ. އޭނާއާއި އެއްވަރަށް ދެން ގޯލް ޖަހާފައި ވަނީ ލިއޮނަލް މެސީ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވޯލްޑް ކަޕްތަކުގައި މިހާތަނަށް ޖެހިފައި ވަނީ އަށް ގޯލެވެ. އޭގެ އިތުރުން ނޮކްއައުޓް ބުރުގައި އެމްބާޕޭ ފަސް ގޯލް ހަމަކުރި އިރު، އޭނާ ވެފައި ވަނީ އުމުރުން 24 އަހަރު ނުވަނީސް ނޮކްއައުޓް ބުރުގައި އެ އަދަދަށް ގޯލް ޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެކަމުގެ ޝަރަފު އޮތީ އުމުރުން 24 ނުވަނީސް ހަ ގޯލް ނޮކްއައުޓް ބުރުގައި ޖެހި ޕެލޭ އަތުގައެވެ.

"ވޯލްޑް ކަޕަކީ އަބަދުވެސް އަހަރެން ދެކޭ ހުވަފެނީ މުބާރާތް. މިއީ އަހަރެން އަބަދުވެސް ވަރަށް ހިތްހަމަޖެހިގެން ކުޅޭ މުބާރާތެއް. އަހަރެން މިދިޔަ ސީޒަނުގައި އެއްކޮށްވެސް ތައްޔާރުވީ މި މުބާރާތަށް،" އެމްބާޕޭ ރޭގެ މެޗަށްފަހު ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި ފްރާންސުން ކުޅުނު ދެ މެޗުގައިވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެމްބާޕޭ އޭރު ނޫސްވެރިންނާ ވާހަކަ ދައްކަން އިންކާރު ކުރުމުން އެކަމާ ގުޅިގެން ފްރާންސް އެފްއޭ ޖޫރިމަނާ ކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ. އެމްބާޕޭ ބުނީ އެ ޖޫރިމަނާ އޭނާ ދައްކާނީ އަމިއްލަ ޖީބުން ކަމަށެވެ. އެއީ އޭނާގެ ޒިންމާއަކަށް އެކަންވީމަ ކަމަށެވެ.

"އަހަރެން ގްރޫޕް ސްޓޭޖުގައި މީޑިއާއާ ވާހަކަ ނުދެއްކީ އަހަރެން ބޭނުންވީ ފޯކަސް ގެއްލުވައިނުލަން. އަހަރެން ކަމަކަށް ސަމާލުކަންދީ އެކަމަށް ފޯކަސް ކުރީމަ މީޑިއާއާވެސް ދުރަށް ދާނެ. އެއީ އަހަރެންގެ މިޒާޖު. ފްރާންސް އެފްއޭ ޖޫރިމަނާކުރިކަންވެސް އަހަންނަށް އޮތީ އެނގިފަ، އެކަމުގެ ޒިންމާ ނަގައި އަމިއްލައަށް ޖޫރިމަނާވެސް ދައްކާނަން. ޕްރެސްއާ ވާހަކަ ނުދެއްކީ އެއްވެސް ނޫސްވެރިޔަކު ދެކެ ރުޅިއަކުން ނޫން. އަހަރެން މިވަގުތު ފޯކަސް ގެއްލުވައިނުލަންވެގެން. އެކަމަށް މައާފަށްވެސް އެދެން،" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ އިތުރަށް ބުނީ މިވަގުތު އޭނާގެ ފޯކަސް ހުރީ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމަށް ކަމަށާއި، އެކަމަށް އެންމެ ފުރަތަމަ ފޯކަސް ކުރާނީ ކުއާޓާ ފައިނަލް މެޗަށް ކަމަށެވެ.

ފްރާންސުން ކުއާޓާ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ނުކުންނަން ޖެހޭނީ ހޮނިހިރު ދުވަހުގެ ރޭ 12:00 ގައެވެ.