ބްރެޒިލްގެ ތަރި ނޭމާ، އަނިޔާއިން ރަނގަޅުވެ، ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭނެ ކަމަށް ކޯޗު ޓީޓޭ ބުނެފިއެވެ.

ބްރެޒިލްގެ ތަރި ނޭމާގެ ކުޑަހުޅަށް އަނިޔާވީ ބްރެޒިލުން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ނޭމާއަށް ވަނީ ގްރޫޕް ސްޓޭޖުގެ އަނެއް ދެ މެޗު ގެއްލިފައެވެ.

އުމުރުން 30 އަހަރުގެ ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވެގެން ސާބިއާ މެޗުގައި ބާލަން ޖެހިފައިވާ އިރު، އޭނާގެ ކުޑަހުޅަށް އަނިޔާވީ ފަހު ހާފުގައެވެ. އާންމުކޮށްވެސް އަނިޔާގެ މައްސަލަތާ ދިމާވާ ނޭމާގެ އެންމެ އަނިޔާ ބޮޑީވެސް ކުޑަހުޅުގައެވެ. ބްރެޒިލްގެ ޑޮކްޓަރު ރޮޑްރީގޯ ލާސްމާ ބުނީ ނޭމާގެ ކުޑަހުޅުގެ ލިގަމެންޓަށް ގެއްލުންވެފައިވާ ކަމަށެވެ.

އެ އަނިޔާގެ ސަބަބުން ނޭމާ އަސަރުގަދަ މެސެޖެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ އިރު، ޓީމާ ވަކިން އިއްޔެ ތަމްރީނުކުރި ފޮޓޯތަކެއް ރޭ ހިއްސާ ކޮށްފައިވެއެވެ. ނޭމާގެ ފިޓްނަސްއާ ގުޅޭގޮތުން ވާހަކަދައްކަމުން މިއަދު ކޯޗު ޓީޓޭ ބުނީ އޭނާ ފިޓް ކަމަށާއި، އިތުރު ކަމެއް ގޯސްކޮށް ނުދާނަމަ، ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭނެ ކަމަށެވެ.

"ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗުގައި ނޭމާ ބޭނުން ކުރެވޭނެ. އޭނާ އަހަރެމެންނާއެކު އަދި އިތުރު ތަމްރީނުތައް ފުރިހަމަ ކުރާނެ. އެ ތަމްރީނުތައް ރަނގަޅަށް ގޮސްފިނަމަ، މެޗުގައި ނޭމާ ފެންނާނެ. ނޭމާ ހުރީ ފިޓްކޮށް،" ޓީޓޭ ބުންޏެވެ.

ނޭމާއަކީ އަނިޔާގެ މައްސަލަތަކާ ގިނަ ފަހަރެއްގެ މަތިން ކުރިމަތިލާން ޖެހިފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ބްރެޒިލުން ކާމިޔާބުކުރި 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައިވެސް އަނިޔާގެ ސަބަބުން ނޭމާ ކުޅެފައެއް ނުވެއެވެ. އޭގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ބޮޑުބައެއްގައިވެސް ނޭމާ ހުންނަން ޖެހުނީ އަނިޔާގައެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އަނިޔާގެ ކުރިންވެސް ނޭމާއަށް ކުރި 53 ފައުލެއް ފާހަގަވިއެވެ. އެއީ މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ފައުލް އަމާޒުވި ކުޅުންތެރިޔާއަށް ވުރެ 11 ފައުލް އިތުރު އަދަދެކެވެ. ހަމައެކަނި ސާބިއާގެ މެޗުގައިވެސް ނޭމާއަށް އަމާޒުކޮށް ނުވަ ފައުލެއް ކޮށްފައިވެއެވެ. އެއީ ގަތަރު ވޯލްޑް ކަޕްގައިވެސް އެއް ކުޅުންތެރިޔަކަށް އަމާޒުކޮށް މިހާތަނަށް ކޮށްފައިވާ އެންމެ ގިނަ ފައުލެވެ.