ގަތަރު ވޯލްޑް ކަޕް 2022ގެ ކުއާޓާ ފައިނަލް ޔަގީންކުރި ފުރަތަމަ ޓީމަކަށް ނެދަލޭންޑްސް ވެއްޖެއެވެ.

ނެދަލޭންޑްސްއިން ކުއާޓާ ފައިނަލް ޔަގީންކުރީ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 16ގެ މެޗުގައި 3-1 ގެ ނަތީޖާއަކުން އެމެރިކާ ބަލިކޮށްގެންނެވެ.

މިރޭގެ މެޗަށް ނެދަލޭންޑްސް ނުކުތީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެމެރިކާ ނުކުތީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ މަގާމުގައި ގަދަ 16 ޔަގީންކޮށްގެންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގައި ދެޓީމުވެސް ބަލިވެފައި ނުވާ އިރު، ނެދަލޭންޑްސް ވަނީ ގަތަރާއި ސެނެގާލް ބަލިކޮށްފައެވެ. އެޓީމަށް ޕޮއިންޓް ގެއްލުނީ އެކުއެޑޯ ކައިރިންނެވެ. އެމެޗު ވީ އެއްވަރެވެ.

އެމެރިކާއިން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުން ނަމަވެސް އަނެއް ދެ މެޗު އެޓީމުން އެއްވަރު ކުރިއެވެ. އެމެރިކާ، އިރާން ކައިރިން 1-0 އިން މޮޅުވި އިރު، އިންގްލެންޑް ކައިރިން 0-0 އިން އެއްވަރުކުރިއެވެ. ވޭލްސްއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ވޯލްޑް ކަޕްގެ ތަޖުރިބާ ބޮޑު ނެދަލޭންޑްސް މިރޭ ނުކުތީ އެގައުމުގެ ތާރީހުގައި 11 ވަނަ ފަހަރަށް ދެވަނަ ބުރު ކުޅުމަށެވެ. އެމެރިކާއަށް މިއީ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ކުޅޭ ހަވަނަ ފަހަރެވެ. ދެ ގައުމަށްވެސް 2018 ގެ ވޯލްޑް ކަޕް ގެއްލިފައި އޮތް އިރު، މިއީ އާ ފެށުމަކުން ފަށަން ލިބުނު ފުރިހަމަ ފުރުސަތެކެވެ.

މިހާތަނަށް މުބަރާތުގައި އެޓޭކިން ރަނގަޅު ފުޓުބޯޅައެއް ދައްކަމުން އައި އެމެރިކާއިން މެޗު ފެށީވެސް އެޓީމުގެ އެޓޭކިން ސްޓައިލްގައެވެ. ރަނގަޅު ޕާސްތަކެއް ކުރިއަށް ޖަހައި މެޗުގެ ކުރީކޮޅުގައި ނުރައްކާތެރި ހަމަލާއެއްވެސް ފޮނުވާލިއެވެ. އޭރިއާ ތެރެއިން ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ހަމަލާ ހުޝިޔާރުކަމާއެކު މަތަކުރީ ގޯލްކީޕަރު އެންޑްރިއަސް ނޮޕާޓެވެ. އޭގެ ފަހުން ޓިމޮތީ ވެއާގެ ހަމަލާއެއްވެސް ނޮޕާޓް ހުޝިޔާރުކަމާއެކު މަތަކުރި ތަން ފެނިގެން ދިޔައެވެ.

ފުރަތަމަ ހަމަލާއާއެކު އެމެރިކާއިން އިތުރަށް ކުރިއަށް ޖެހިލި ވަގުތު ނެދަލޭންޑްސް ތަޖުރިބާގައި ފައިދާ ނެގިއެވެ. ޑިފެންސް އެޓޭކަށް ބަދަލުކޮށްލި ވަގުތު ބާރު ދުވެލީގައި ކުރިއަށް އަރައި ޑެންޒެލް ޑަމްފްރީސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން 10 ވަނަ މިނެޓުގައި ނެދަލޭންޑްސް ލީޑު ނެގިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ މެންފިސް ޑިޕާއީއެވެ.

ނެދަލޭންޑްސްގެ ކައުންޓާ ސްޓައިލްގައި ޖެހި އެ ގޯލަށްފަހު އަނެއްކާވެސް ފެނުނީ ހަމަޖެހިލައިގެން ޑިފެންސް ކުރި ތަނެވެ. އެޓީމުން މަޑުކުރަމުން ދިޔައީ ކައުންޓާގެ ފުރުސަތަކަށެވެ. އެ ފުރުސަތު އެޓީމަށް ލިބިގެން ދިޔައީ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ހުޅުވިގެން ދިޔަ ފުރުސަތަކުންނެވެ. ފުރަތަމަ ގޯލާ ދާދި އެއްގޮތް ކަމެއް ހުރި ދެވަނަ ގޯލު ޖެހީ ޑެލީ ބްލިންޑެވެ. އެ ގޯލަށްވެސް އަރިމަތިން ބޯޅަ ތަނަވަސްކޮށްދިނީ ޑަމްފްރީސްއެވެ.

މެޗުގެ ދެވަނަ ހާފުގައި ހަމަލާތައް ފެނުނީ ދާދި ހަމަހަމަކޮށެވެ. ހާއްސަކޮށް ފުރަތަމަ 15 ވަރަކަށް މިނެޓުގައި ދެކޮޅަށްވެސް ހަމަލާތައް އުފުއްދިއެވެ. މެޗުގެ 49 ވަނަ މިނެޓުގައި ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޓިމް ރީމް ފޮނުވާލި ހަމަލާ، ގޯލަށް ވަންނަން ދަނިކޮށް ގޯލު ލައިން މަތިން، ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ ވަނީ ދިފާއުކޮށްފައެވެ. އަނެއްކޮޅުން 71 ވަނަ މިނެޓުގައި މާޓިން ޑި ރޫންގެ ބާރު ހަމަލާއެއް ދިފާއުކުރީ އެމެރިކާގެ ގޯލްކީޕަރު ޓާނާއެވެ. ޓާނާ އަތުގައި ޖެހިފައި ނުކުތް ބޯޅައަށް އަރައި ޑިޕާއީ ބޮލުން ބޯޅަ ފޮނުވާލުމުންވެސް މަތަކުރީ ޓާނާއެވެ.

މެޗުގެ ފަހުކޮޅަށް ގޮސް އެމެރިކާއިން ގެނައި ބަދަލުތަކާއެކު އެޓީމުގެ އެޓޭކް ލައިންގެ ކުޅުން ރަނގަޅު ވެގެން ދިޔަ އިރު، 75 ވަނަ މިނެޓުގައި ހާޖީ ރައިޓަށް ރަނގަޅު ފުރުސަތެއް ލިބި ބާކާރުވިއެވެ. ޑިޕާއީ ފަހަތަށް ދިން ޕާހެއް ހޯދައި ރައިޓް، ކީޕަރު ނޮޕާޓް ނައްޓުވާލައި ހަނި އޭންގަލުން ގޯލަށް ފޮނުވާލި ނަމަވެސް އެ ހަމަލާ، ގޯލް ރޮނގުމަތިން ޑަމްފްރީސް ވަނީ ބޭރު ކޮށްލައިފައެވެ.

އެމެރިކާއިން ގޯލަކަށް ކުރި މަސައްކަތް 76 ވަނަ މިނެޓުގައި ކާމިޔާބުވެސް ކުރިއެވެ. ޕުލިސިޗްގެ ބޯޅައަކުން އެ ގޯލު ކާމިޔާބުކޮށްދިނީ ރައިޓެވެ. އެ ގޯލާއެކު އުންމީދުގައި އެމެރިކާ ކުޅެން ފެށި ނަމަވެސް އަނެއްކާވެސް ނެދަލޭންޑްސްއިން ގޯލު ޖަހައި ހަމަޖެހިލިއެވެ. މެޗުގެ 81 ވަނަ މިނެޓުގައި ގޯލު ޖަހައި ނެދަލޭންޑްސްއަށް ކުއާޓާ ފައިނަލް ޔަގީން ކޮށްދިނީ ޑަމްފްރީސްއެވެ. ޑަމްފްރީސްއަކީ މެޗުގެ ކުރީ ދެ ގޯލަށް އެސިސްޓްވެސް ކޮށްދިން ކުޅުންތެރިޔާއެވެ.

މިރޭ ކުރިއަށް އޮތް ގަދަ 16ގެ މެޗުގައި ވާދަކުރާނީ އާޖެންޓީނާއާއި އޮސްޓްރޭލިއާއެވެ. އެ މެޗު ފަށާނީ 12:00 ގައެވެ.