ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ފިޔަވަހީގައި އާޖެންޓީނާ ކުޅުނު ތިންވަނަ މެޗުގައި ރޭ އާޖެންޓީނާގެ ކެޕްޓަން ލިއޯ މެސީ ކުރިއަށް ފޮނުވައިލި ޕެނަލްޓީ ނާކާމިޔާބުވުމަކީ ރަނގަޅު ފާލެއްކަމަށް ބެލެވެން ފަށައިފިއެވެ.

ވޯލްޑްކަޕުގެ ގްރޫޕް ފިޔަވަހީގައި އާޖެންޓީނާ މީގެ ކުރިން ކުޅެފައިވާ ތިންވަނަ މެޗުގައި ޕެނަލްޓީއެއް ލިބި، އެ ޕެނަލްޓީ ނާކާމިޔާބުވެފައިވަނީ ދެފަހަރުއެވެ. އެދެފަހަރުވެސް ޗެމްޕިއަންކަން ހޯދީ އާޖެންޓީނާއެވެ. އެއީ 1978 ގެ ވޯލްޑްކަޕާއި 1986 ގެ ވޯލްޑްކަޕެވެ. މިހާތަނަށް އާޖެންޓީނާއަށް ކާމިޔާބުކުރެވުނު ދެ ވޯލްޑްކަޕަކީވެސް އެއީއެވެ.

ވޯލްޑްކަޕް 1978 ގައި ގްރޫޕް ފިޔަވަހީގެ ތިންވަނަ މެޗުގައި އާޖެންޓީނާ ނުކުތީ އިޓަލީއާ ދެކޮޅަށެވެ. އެ މެޗުގައި އާޖެންޓީނާއަށް ލިބުނު ޕެނަލްޓީ ކުރިއަށް ފޮނުވައިލީ އޭރު ޓީމުގައި ހުރި އެންމެ އިތުބާރު ފޯވާޑް މާރިއޯ ކެމްޕެސްއެވެ. އިޓަލީގެ ކީޕަރަކީ މަޝްހޫރު ޑިނޯ ޒޮފެވެ. ކެމްޕެސްއަށް ގޯލްގެ ތެރެއަކަށް ބޯޅަ ފޮނުވައެއް ނުލެވުނެވެ. ޕެނަލްޓީ ނާކާމިޔާބުވީއެވެ.

އެ މެޗުން އިޓަލީ މޮޅުވީ އެކެއް ސުމަކުންނެވެ. ގޯލް ޖަހައިދިނީ ޕައުލޯ ރޯސީގެ ޕާހަކުން ބެޓޭގާއެވެ. ކެމްޕެސްގެ ޕެނަލްޓީ ނާކާމިޔާބުވިއަސް މުބާރާތުގެ ފައިނަލްގައި ހޮލެންޑް ކޮޅަށް އޭނާ ދެ ގޯލް ޖަހާފައިވެއެވެ. އެފަހަރުގެ ރަންބޫޓު އޭނާއަށެވެ. ތަށި އާޖެންޓީނާއަށެވެ.

އާޖެންޓީނާ ހިމެނުނީ 1986 ގެ ވޯލްޑްކަޕުގެ ގްރޫޕް އޭގައެވެ. ގްރޫޕްގެ ތިންވަނަ އަދި އެންމެ ފަހު މެޗުގައި އާޖެންޓީނާ ނުކުތީ ބަލްގޭރިޔާއާ ދެކޮޅަށެވެ. އާޖެންޓީނާއަށް އެ މެޗުގައި ލިބުނު ޕެނަލްޓީ ކުރިއަށް ފޮނުވައިލީ ކެޕްޓަން ޑިއޭގޯ މަރަޑޯނާއެވެ. އެކަމަކު ގޯލްގެ ތެރެއަށް ވައްދައެއް ނުލެވުނެވެ. ނާކާމިޔާބުވީއެވެ.

ޕެނަލްޓީ ނާކާމިޔާބުވިއަސް ދޭއްސުމަކުން މެޗު ކާމިޔާބުކުރީ އާޖެންޓީނާއެވެ. ވަލްޑާނޯ އާއި ބުރުޝާގާގެ ގޯލްތަކުންނެވެ. ފައިނަލްގައި ޖަރުމަނީއާ ދެކޮޅަށްވެސް ގޯލްޖަހައިދިނީ ހަމަ އެދެމީހުންނެވެ. ތަށި އުފުލައިލީ އާޖެންޓީނާއެވެ.