ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16 ގައި އާޖެންޓީނާ އާއި އޮސްޓްރޭލިއާ މިރޭ ވާދަކުރާނެއެވެ. ފުޓުބޯޅަ ތާރީހުގައި އާޖެންޓީނާ އާއި އޮސްޓްރޭލިއާ މިހާތަނަށް ވާދަކޮށްފައި ވަނީ ހަތް ފަހަރަކުއެވެ. އޭގެ ތެރެއިން ފަސް ފަހަރެއްގައި އާޖެންޓީނާއިން މެޗު ކާމިޔާބު ކުރި އިރު، އޮސްޓްރޭލިއާ މޮޅުވީ އެންމެ ފަހަރަކުއެވެ. އެއީ 1988 ވަނަ އަހަރު ކުޅުނު ބައިސެންޓެނިއަލް ގޯލް ކަޕްގެ މެޗެއްގައެވެ.
އާޖެންޓީނާއާއި އޮސްޓްރޭލިއާ 1993 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފް މެޗެއް 1-1 އިން އެއްވަރުވި އިރު، އެ މެޗަކީ އޮސްޓްރޭލިއާގައި ކުޅުނު ލެގެވެ. އަނެއް ލެގްގައި އާޖެންޓީނާގައި ވާދަކުރި މެޗުން، އާޖެންޓީނާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އޮސްޓްރޭލިއާ ގައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ މިހާރުގެ ކޯޗު ގްރަހަމް އާނޯލްޑްގެ ހަނދާނުގައި ޑިއޭގޯ މަރަޑޯނާއާ ދެކޮޅަށް ކުޅުނު އެ މެޗުތަކުގެ ހަނދާންތައް އަދިވެސް އެބަހުއްޓެވެ.
"އެމެޗުތަކުގެ ހަނދާން އެބަހުރި. އަހަރެން ކުޅުންތެރިއެއްގެ ގޮތުގައި ކުރި އެންމެ ރަނގަޅު އެއް ތަޖުރިބާއަކީ އާޖެންޓީނާއާ ދެކޮޅަށް އޮސްޓްރޭލިއާ ތަމްސީލުކުރަން ނުކުތުން. ކުރިން ވޯލްޑް ކަޕްގެ ކޮލިފިކޭޝަން މެޗުގައި މަރަޑޯނާއާ ދެކޮޅަށް ނުކުތް ހަނދާންވެސް އެބަހުރި. އެކަހަލަ ހުނަރުވެރި، ދުނިޔޭގެ ތާރީހީ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ އާދަޔާހިލާފު ހިތްވަރެއް ލިބޭ ކަމެއް. އެ ދެމެޗުގައި މަރަޑޯނާގެ އާދަޔާހިލާފުކަމެއް ނުފެނުނު ނަމަވެސް، އެ ދެމެޗުގައިވެސް ފާހަގަވި ކަމަކީ، އޭނާ އަތުވާނެ މީހެއް ނެތްކަން. އޭނާއާ ގާތް ކުރުމަކީވެސް އުނދަގޫ ކަމެއް. މަރަޑޯނާ އެހާވެސް ތޫނުފިލި،" އޭރު އާޖެންޓީނާގެ ސެންޓަ ފޯވަޑް އާނޯލްޑް ބުންޏެވެ.
މިރޭގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން އާނޯލްޑް ބުނީ ޓީމުން މިހާތަނަށް ވޯލްޑް ކަޕްގައި ކުރި ދަތުރަކީ ފަހުރުވެރިވާން ޖެހޭނެ ދަތުރެއް ކަމަށާއި، މިއީ ނިންމާލަންވީ ހިސާބުވެސް ނޫން ކަމަށެވެ. ވަރުގަދަ ޓީމުތައް ކަމަށްވާ، އާޖެންޓީނާ ކަހަލަ ޓީމުތަކާ ދެކޮޅަށް އަބަދުވެސް އޮސްޓްްރޭލިއާއިން ވަރުގަދައަށް ކުޅޭނެ ކަމަށް އާނޯލްޑް ބުންޏެވެ.
"މިފަހަރުގެ ވޯލްޑް ކަޕުން ހާސިލްވި އެއްކަމަކީ މިހާރުވެސް ގައުމުގައި ތިބި އެތައް ރައްޔިތުންނަކަށް ހިނިތުންވުން ގެނެސްދިނުން. އެކަން ކުރެވި، މި ދަތުރު މިހިސާބުން ނިންމާލަން ބޭނުމެއްވެސް ނޫން. އާޖެންޓީނާއާ ދެކޮޅަށް އަބަދުވެސް އަންޑަ ޑޯގުންގެ ގޮތުގައި އޮސްޓްރޭލިއާއިން ރަނގަޅު ކުޅުމެއް ދައްކާނެ. ތާރީހުންވެސް އެކަން ފެންނާނެ،" އާނޯލްޑް ބުންޏެވެ.
އޮސްޓްރޭލިއާ އާއި އާޖެންޓީނާ ވާދަކުރާ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022