ގަތަރު ވޯލްޑް ކަޕް 2022ގެ ގަދަ 16ގެ ފެށުމަށް މިރޭ އެމެރިކާއިން ނުކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގައި އެމެރިކާއިން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އިރާން ކައިރިން އެކަންޏެވެ. އަނެއް ދެމެޗު ނިމުނީ އެއްވަރުވެގެންނެވެ. ނެދަލޭންޑްސް އެކުއެޑޯ ކައިރިން އެއްވަރުވި ނަމަވެސް، ދެން ކުޅުނު މެޗުތަކުގައި ގަތަރާއި ސެނެގާލް ބަލިކޮށްފައިވެއެވެ.
އެމެރިކާއިން ވޯލްޑް ކަޕްގެ ދެވަނައަށް އެންމެ ޒުވާން ޓީމާއެކު ނުކުތީ 2018 ގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައި އޮތުމަށްފަހުއެވެ. އެމެރިކާގެ ޒުވާން އާޖީލެއްގެ ތައާފަރަކަށް މި ވޯލްޑް ކަޕް ވެފައިވާއިރު، އެކަމުގައި އެންމެ ހާއްސަ ފަރާތަކީ ކުރިން ގައުމީ ޓީމަށްވެސް ކުޅުނު ޑިފެންޑަރު، އަދި މިހާރުގެ ކޯޗު ގްރެގް ބާހޯލްޓާއެވެ.
ބާހޯލްޓާއަކީ ފުޓުބޯޅައިގެ މީހެކެވެ. އޭނާއަކީ ޕްރޮފެޝަނަލް ފުޓުބޯޅައިގެ ތެރެއަށް ނެދަލޭންޑްސްއިން ވަދެ، ޑިފެންޑަރެއްގެ ގޮތުގައި 350 އަށްވުރެ ގިނަ މެޗު ކެރިއަރުގައި ކުޅެފައިވާ، އެ ތަޖުރިބާ ބޮޑު ކޯޗެކެވެ.
"އަހަރެން ކިޔަވާ ނިމުނު ހިސާބުން ދިޔައީ ނެދަލޭންޑްސްއަށް. އަހަރެންގެ ސިކުނޑީގައި ފުޓުބޯޅައިގެ އެއްވެސް މިންވަރެއް އޭރަކު ނެތް. އަހަރެންގެ ފުޓުބޯޅައިގެ ހުރިހާ ވިސްނުމެއް އުފަންވީ ނެދަލޭންޑްސްއިންނޭ ބުނެވިދާނެ. ނެދަލޭންޑްސްއަށް ނުދެވުނު ނަމަ، އަހަރެންގެ ކެރިއަރު އެހެން މިސްރާބަކަށް ދިޔުން ގާތް،" އުމުރުން 49 ވަނަ އަހަރު ބާހޯލްޓާ ބުންޏެވެ.
ބާހޯލްޓާ ކުޅުންތެރިއެއްގެ ކެރިއަރު މީގެ 28 އަހަރު ދުވަސްކުރިން ފެށީ ނެދަލޭންޑްސްގެ ވޮލޭއިންނެވެ. އެއީ އޭނާގެ ކެރިއަރުގައި ފުރަތަމަ ކުޅުނު ކްލަބެވެ. އޭގެ ފަހުންވެސް ނެދަލޭންޑްސްގެ ސްޕާޓާ ރޮޓަަޑާމްއާއި އެފްސީ ކަންބޫރުގައި ބާހޯލްޓާ ދުވަސްތަކެއް ހޭދަކުރިއެވެ. 1994 ވަނަ އަހަރުން 2000 ވަނަ އަހަރާ ހަމައަށް ނެދަލޭންޑްސްގެ ފުޓުބޯޅައިގައި ހޭދަކޮށް ބާހޯލްޓާ ދެން ކުޅުނު އިނގިރޭސި ލީގުގެ ކްރިސްޓަލް ޕެލެސްއަށެވެ. އޭގެ ފަހުން ޖަރުމަނުގެ ދެ ކްލަބަކަށްވެސް އޭނާ ކުޅެފައިވާ އިރު، ކެރިއަރު ނިންމާލީ އަމިއްލަ ގައުމުގެ އެލްއޭ ގެލެކްސީންނެވެ.
"ތިން މީހުންގެ ތިނެސްކަންތަކަށް އެތުރި ޑިފެންސް ޕޮސިޝަން ކުރުން އެއީ ނެދަލޭންޑްސްގެ ސިސްޓަމެއް. އަހަރެން ކުރިން ކުޅުނު ޓީމުތަކުގައިވެސް ހުރިހާ ކަމެއް ދަސްކުރަން ޖެހޭނެ. ޑަޗް ފުޓުބޯޅަ ވަރަށް ޑީޓެއިލްވާނެ. އަހަރެން ޓީމަކަށް ކުޅުނު ހަނދާން އެބަހުރި، އެމީހާގެ ބަލި ފަޔަށް ޕާސްދިނަސް އެހިސާބުން ހަޅޭ ލަވަން ފަށާނެ" ބާހޯލްޓް ބުނެފައިވެއެވެ.
ބާހޯލްޓާ މިރޭ ނުކުންނަން ޖެހޭނީ ނެދަލޭންޑްސް ފުޓުބޯޅައިގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކޯޗު، ވެން ހާލް އާ ދެކޮޅަށެވެ. އެއީ ވޯލްޑް ކަޕްގައިވެސް ހުރި އެންމެ ގިނަ ދުވަސްވީ ކޯޗެވެ. ވެން ހާލްގެ އުމުރަކީ މިހާރު 71 އަހަރެވެ. އެހެންކަމުން އެ ތަޖުރިބާ ބަލިކުރުން ވެގެންދާނީ ބާހޯލްޓާއަށް ބޮޑު ޗެލެންޖަކަށެވެ.
ނެދަލޭންޑްސްއާއި އެމެރިކާގެ ކުރިމަތިލުން އޮންނާނީ މިރޭ 8:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022