ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗުން ސަލާމަތްވެވުނީ އެންމެ ފަހު ސިކުންތާ ޖެހެންދެން ކުރި ހިތްވަރުން ކަމަށާއި، ގަދަ 16 ގައި ބްރެޒިލް ބަލިކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ދެކުނު ކޮރެއާގެ ކެޕްޓަން ހިއުން-މިން ސޮން ބުނެފިއެވެ.

ދެކުނު ކޮރެއާއިން ކުޅުނު ގްރޫޕް އެޗްގެ ފަހު މެޗުގައި ޕޯޗުގަލް ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މޮޅުވާން މަޖުބޫރުވެފައި އޮތް އެމެޗަށް ނުކުމެ، ކޮރެއާއިން ޕޯޗުގަލް ބަލިކުރީ ފަހަތުން އަރައި ދެ ގޯލް ޖަހައިގެންނެވެ. ފަހު ގޯލް ކޮރެއާއިން ޖެހީވެސް އިތުރު ވަގުތުގެ ތެރޭގައެވެ. އެ ނަތީޖާއާއެކު ފައިދާ ގޯލުން ކޮރެއާ އުރުގުއާއީއަށްވުރެ ކުރިއަށް ޖެހިލި އިރު، އުރުގުއާއީން ގާނާއާ ދެކޮޅަށް ކުޅެމުން ދިޔަ މެޗު ނިމެންދެން ހަތް ވަރަކަށް މިނެޓް ކޮރެއާއަށް ދަނޑުމަތީގައި އިންތިޒާރު ކުރަން ޖެހުނެވެ.

އެ މެޗު ނިމުމާއެކު ކޮރެއާއަށް ގަދަ 16 ޔަގީންވެ، އުފާފާޅުކުރަން ފެށިއެވެ. ސޮން ފެނުނީ އުފަލުން ރޮއެގަތް ތަނެވެ. ޖަޒުބާތީ މަންޒަރުތަކާއެކު ސޮން ބުނީ ކުޅުންތެރިންނާ މެދު ފަހުރުވެރިވާ ކަމަށާއި، ގަދަ 16 ކާމިޔާބުކުރަން އުންމީދުގައި ތިބި ކަމަށެވެ.

"މިއީ އުނދަގޫކަމެއް. އުނދަގޫ ނަތީޖާއެއް. ކުޅުންތެރިން އުންމީދު ކަނޑާނުލައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ. މި ކުޅުންތެރިންނަށް އަހަރެން ފަހުރުވެރިވޭ،" ދެވަނަ ގޯލަށް އެސިސްޓް ކޮށްދިން ސޮން ބުންޏެވެ.

ދެކުނު ކޮރެއާ އެ މެޗުން މޮޅުވި ނަމަވެސް، ގާނާއިން އުރުގުއާއީ ބަލިކުރި ނަމަވެސް އުންމީދެއް ނެތެވެ. އެހެންކަމުން ރޭގެ ނަތީޖާތައް ވެގެން ދިޔައީ އެޓީމުން އެންމެ ބޭނުންވި ގޮތަށް ނިމިގެން ދިޔަ ނަތީޖާތަކަކަށެވެ. ސޮން ބުނީ މިހާރު ފޯކަސް ހުރީ ގަދަ 16 އަށް ކަމަށެވެ.

"ފުރަތަމަ ގޯލް ހާސިލްވެއްޖެ. ދެން އޮތީ ގަދަ 16 ގެ ޗެލެންޖް. އެއްވެސް މީހަކަށް މިހާރުގެ ފުޓުބޯޅަ އަންދާޒާކުރާކަށް ނޭނގޭނެ. އަހަރެމެން ދެން ބްރެޒިލާ ކުޅެން ޖެހުމުގެ ފުރުސަތު އޮތް އިރު، އެ މެޗުގައި ބްރެޒިލް ބަލިކުރުމަށް އުންމީދު އެބައޮތް. އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ސޮން ބުންޏެވެ.

ޓޮޓެންހަމްއަށް ކުޅެމުން އަންނަ ސޮންއަށް މިއީ އުނދަގޫ ވޯލްޑް ކަޕެކެވެ. ވޯލްޑް ކަޕަށް ކުޑަ ދުވަސްކޮޅަށް ވެފައި ވަނިކޮށް އޭނާގެ މޫނަށް ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕަށް ފިޓްވާނެތޯ ސުވާލުތަކެއް އުފެދިފައި ވަނިކޮށް، ފިޓްވެ، ކުޅެން ޖެހުނީ މާސްކް އަޅައިގެންނެވެ. އެކަމުގައި ހުރި އުނދަގޫތަކެއް ސޮން ވަނީ ކުރިންވެސް ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ގަދަ 16 އާއެކު ސޮންއަށް ވަނީ އާދަޔާހިލާފު އުފާވެރިކަމެއް ގެނުވައިފައެވެ.