ގަތަރު ވޯލްޑް ކަޕް 2022

ޖަޕާނުން ޔޫރަޕުގެ ގަދަ ދެ ބާރު "މުށުތެރެއަށް"، ސިއްރަކީ ކޮބާ؟

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ބޮޑެތި ޓީމުތަކުގެ ސަޕޯޓަރުންގެ ހިތަށް އަސަރު ގެނުވާ ނަތީޖާތަކެއް ފެނިގެން ދިޔައެވެ. މުޅި ފުޓުބޯޅަ ދުނިޔެއަށް ސިހުން ގެނުވި ނަތީޖާތަކެކެވެ. ފުޓުބޯޅައިގެ ގަދަ ބާރުންގެ ހިތްތައް "ކުދިކުދި" ކޮށްލާ ވަރުގެ ނަތީޖާތަކެވެ. އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ތިން މެޗެއް މިހާތަނަށް ފެނިފައިވެއެވެ.

އެ ތިން މެޗުގައި ވެސް އެއް ގޮތް ކަންތައްތަކެއް އެބަހުއްޓެވެ. އެންމެ މުހިންމު އެއް ކަމަކީ އިދިކޮޅުން ނުކުތީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ ޓީމުތަކެވެ. އަނެއް ކަމަކަށް ސިހުން ގެނުވީ އޭޝިއާގެ ޓީމުތަކަށްވުމެވެ. އޭގެ އިތުރުން މެޗުގެ ނަތީޖާއަށް ބެލިޔަސް، ހަމަ އެއް ނަތީޖާތަކެކެވެ. އަދި ތިން މެޗުގައި ވެސް މޮޅު ހޯދީ ފަހަތުން އަރައެވެ. އެ ތިން މެޗުގައި ވެސް ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ފެނުނު އިރު، ފަހު ދެ ގޯލު ފެނުނީ ދެވަނަ ހާފުގައެވެ. އޭގެ ތެރެއިން ދެ މެޗުގައި އިދިކޮޅު ޓީމުން ލީޑު ހޯދީ ލިބުނު ޕެނަލްޓީއަކުންނެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ސިހުން ގެނުވި ފުރަތަމަ ނަތީޖާއަކީ "ގްރޫޕު ސީ" ގައި އާޖެންޓީނާއަށް ސައުދީ އަރަބިއާ އަތުން ލިބުނު ނާކާމިޔާބީއެވެ. އެ މެޗުގެ ކުރީކޮޅުގައި ކެޕްޓަން ލިއޮނެލް މެސީގެ ޕެނަލްޓީން އާޖެންޓީނާ އިން ލީޑު ހޯދައި، ހަމަޖެހިލިއެވެ. ނަމަވެސް ދެވަނަ ހާފުގައި ސައުދީން ޖެހި ދެ ގޯލުން އާޖެންޓީނާގެ ހިތް "ކުދިކުދި" ވިއެވެ.

ދެން ސިހުން ގެނުވި ޓީމަކަށްވީ ޖަޕާނެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ޖަޕާން ހިމެނުނު ގްރޫޕު ވަރުގަދަކަމުން ގިނަ ބަޔަކަށް އެޓީމު، ސަޕްރައިޒިން ޓީމަކަށް ވާނެ ކަމަށް ކުރިން ގަބޫލެއް ވެސް ނުކުރެއެވެ. ޖަޕާނާއެކު "ގްރޫޕު އީ" ގައި ހަތަރު ފަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން ޖަރުމަނާއި 2010 ގެ ވޯލްޑް ކަޕް ޗެމްޕިއަން ސްޕެއިން ހިމެނުނެވެ. އަދި އޭގެ އިތުރުން ދެން އެ ގްރޫޕުގައި ހިމެނުނީ ކޮސްޓަ ރީކާއެވެ.

ވަރުގަދަ ގްރޫޕުން ޖަޕާނަށް ގްރޫޕުގެ އެއްވަނަ!

މިފަހަރުގެ މުބާރާތުގައި ޖަޕާނުން ގެނުވީ އެންމެ ސިހުމެއް ނޫނެވެ. ޖަޕާނުން ވަނީ ގްރޫޕުގެ އެންމެ ވަރުގަދަ ކަމަށް ބެލެވުނު ޖަރުމަނާއި ސްޕެއިން ބަލިކޮށްފައެވެ. އެކަން ޖަޕާނުން ހާސިލުކުރީ ވެސް ގޯލެއް ޖަހާފައިވަނިކޮށް، ފަހަތުން އަރައި ކުރި ހޯދައިގެންނެވެ. ޖަޕާނުން ގްރޫޕުގެ އެއްވަނަ ހޯދި އިރު، ޖަރުމަނު ވަނީ މުބާރާތުން ކެޓައިފައެވެ. ސްޕެއިން ވައްޓާލީ ގްރޫޕުގެ ދެވަނައަށެވެ.

ޖަޕާންގެ ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖަރުމަންގެ ގޯލު ކާމިޔާބުކޮށްދިނީ އިލްކާއީ ގުންޑޮގަންއެވެ. ހިތްވަރާއެކު ކުރި މަސައްކަތުން ދެވަނަ ހާފުގައި ޖަޕާނުން ދެ ގޯލު ޖަހައި، ޖަރުމަނަށް މާޔޫސްކަން ގެނުވިއެވެ. ޖަޕާންގެ އެ ގޯލުތައް ކާމިޔާބުކޮށްދިނީ ރިޓްސޫ ޑޮއާން އާއި ޓަކޫމާ އަސާނޯއެވެ.

ޖަޕާންގެ ދެވަނަ މެޗުގައި ކޮސްޓަ ރީކާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ގްރޫޕުގެ ފަހު މެޗުގައި ސްޕެއިނާ ދެކޮޅަށް ނުކުތީ އުންމީދާއެކުއެވެ. ގަދަ 16 ކަށަވަރު ކުރަން އެޓީމަށް ޖެހުނީ ސްޕެއިން ބަލިކުރާށެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރީތި ކުޅުމެއް ދައްކާ ސްޕެއިން ހުއްޓުވާލަން ޖަޕާނުން މެޗަށް ނުކުތީ ވަރުގަދަ ޕްލޭނަކާއެކުއެވެ.

ރޭ ކުޅުނު އެ މެޗުގެ ކުރީކޮޅުގައި އަލްވާރޯ މޮރާޓާގެ ގޯލާއެކު ސްޕެއިނަށް ލީޑު ލިބިގެން ދިޔައެވެ. ނަމަވެސް ހިތްވަރާއެކު ކުޅުނު ޖަޕާނުން ދެވަނަ ހާފުގައި ފެންވަރު ދައްކާލިއެވެ. ދެ ގޯލު ޖަހައި ލީޑު ވެސް ހޯދިއެވެ. ޖަޕާނުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޖަރުމަން ކޮޅަށް ވެސް ގޯލު ޖެހި ޑޮއާންގެ އިތުރުން އައޯ ޓަނާކާއެވެ.

މުބާރާތުގައި ޖަޕާން ދެއްކި ކުޅުމުން ފާހަގަވި އެއް ކަމަކީ ހިތްވަރެވެ. ކިތަންމެ ވަރުގަދަ ޓީމަކުން ގޯލެއް ޖަހައި ލީޑު ހޯދިޔަސް، ހިތްވަރާއެކު ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތުން ފަހަތުން އަރައި މޮޅެއް ހޯދޭނެކަމެވެ. ނަމަވެސް ޔޫރަޕުގެ ބޮޑު ދެ ބާރުގެ މައްޗަށް ކުރި ހޯދި ހޯދުމުގައި އެއަށްވުރެ ބޮޑު ސިއްރެއް އެބައޮތެވެ.

ޖަޕާނުގެ ވޯލްޑް ކަޕް ތާރީހާއި ބޮޑު ސިއްރު!

ޖަޕާނަކީ ވޯލްޑް ކަޕް 1998 ގެ ކުރިން މުބާރާތަށް ކޮލިފައިވާ ޓީމެއް ނޫނެވެ. ވޯލްޑް ކަޕް 1998 އަށް ޖަޕާނުން ނުކުތީ މުޅިން ވެސް ޖަޕާނުގެ ލީގުގައި ކުޅޭ ކުޅުންތެރިންގެ ސްކޮޑަކާއެކުއެވެ. އެފަހަރުގެ މުބާރާތުގައި ޖަޕާން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. ޖަޕާނަށް އެއީ ވޯލްޑް ކަޕްގެ ފެށުމެވެ. އެއަށްފަހު މަޑުމަޑުން ޖަޕާނުން ދިޔައީ ސްކޮޑު ވަރުގަދަކުރުމަށް ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ޖެހިގެން އައި ވޯލްޑް ކަޕްގެ ހޮސްޓް އެއް ގައުމެއްގެ ގޮތުގައި ޖަޕާން ވެގެންދިޔައެވެ. އެއީ ދެކުނު ކޮރެއާ އާއި ޖަޕާނުގައި ބޭއްވި 2002 ގެ ވޯލްޑް ކަޕެވެ. އެފަހަރު ސްކޮޑުގައި ޔޫރަޕުގެ ލީގުތަކަށް ކުޅޭ ހަތަރު ކުޅުންތެރިޔަކު ހިމެނުނެވެ. އެ މުބާރާތުގައި ޖަޕާނުން ގްރޫޕު ސްޓޭޖު ނިންމާލީ މެޗަކުން ބަލިނުވެ، އެއްވަނައިގައެވެ. ގްރޫޕުގައި ދެން ހިމެނުނީ ބެލްޖިއަމާއި ރަޝިއާ އަދި ޓިއުނީޝިއާއެވެ. ގަދަ 16 ގައި ޖަޕާން ބަލިވީ ތުރުކީ އަތުންނެވެ.

ޖަރުމަނުގައި ބޭއްވި 2006 ގެ ވޯލްޑް ކަޕްގައި ޖަޕާން ނިންމާލީ އުންމީދުކުރި ގޮތަކަށް ނޫނެވެ. ހިޑެޓޯޝީ ނަކާޓާއާއެކު ޔޫރަޕުގެ ލީގުތަކުގައި ކުޅޭ ފަސް ކުޅުންތެރިން ސްކޮޑުގައި ހިމަނައިގެން ނުކުތް ޖަޕާނަށް ގްރޫޕު ސްޓޭޖު ނިންމާލަން ޖެހުނީ މޮޅެއް ނުހޯދިއެވެ. ޖަޕާންގެ ގްރޫޕުގައި ހިމެނުނީ ވަރުގަދަ ބްރެޒިލާއި އޮސްޓްރޭލިއާ އަދި ކްރޮއޭޝިއާއެވެ.

ޖަޕާނުން ދެން ކުރިމަތިލީ ވޯލްޑް ކަޕް 2010 އަށެވެ. މަކޮޓޯ ހަސޭބޭ އާއި ކެއިސޫކޭ ހޮންޑާއާއެކު އެފަހަރު ނެރުނު ސްކޮޑުގައި ޔޫރަޕްގެ ލީގުތަކަށް ކުޅޭ ހަތަރު ކުޅުންތެރިޔަކު ހިމެނުނެވެ. އެފަހަރު ޖަޕާނުން ގްރޫޕުގެ ދެވަނަ ހޯދައިގެން ގަދަ 16 އަށް ދަތުރުކުރިއެވެ. ގްރޫޕު ސްޓޭޖުގައި ޖަޕާން ބަލިވީ ގްރޫޕުގެ އެއްވަނަ ހޯދި ނެދަލެންޑްސް އަތުންނެވެ. ޑެންމާކާއި ކެމަރޫން އަތުން ވަނީ މޮޅުވެފައެވެ. ގަދަ 16 ގައި ޖަޕާން ބަލިވީ، ޕެނަލްޓީ ޝޫޓްއައުޓްގައި ޕެރަގުއާއީ އަތުންނެވެ.

ޖަޕާނަށް ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް 2014 އަނެއްކާވެސް ދިޔައީ ގޯސްކޮށެވެ. ނަމަވެސް މުބާރާތަށް ނުކުތީ ޝިންޖީ އޮކަޒާކީ އާއި ޝިންޖީ ކަގާވާއާއެކު ވަރުގަދަ ސްކޮޑެއް ގޮވައިގެންނެވެ. ޓީމުގައި ޔޫރަޕުގެ ލީގުތަކަށް ކުޅޭ 12 ކުޅުންތެރިޔަކު ހިމެނުނެވެ. ޖަޕާނުން ގްރޫޕު ސްޓޭޖު ނިންމާލީ މެޗަކުން މޮޅުނުވެ، ގްރޫޕުގެ ފުލުގައި އޮވެއެވެ. އެފަހަރުގެ ގްރޫޕުގައި ހިމެނުނީ ކޮލަމްބިއާ އާއި ގްރީސް އަދި އައިވަރީ ކޯސްޓެވެ.

ޖަޕާނުން ދެން ކުރިމަތިލީ އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް 2018 އަށެވެ. ސްކޮޑު ވެސް ވަރުގަދައެވެ. ޔޫރަޕުގެ ލީގުތަކަށް ކުޅޭ 13 ކުޅުންތެރިޔަކު ސްކޮޑުގައި ހިމެނުނެވެ. އެފަހަރު ޖަޕާނުން ގްރޫޕުގެ ދެވަނައިގެ ގޮތުގައި ގަދަ 16 ގެ ޖާގައެއް ހޯދިއެވެ. އެޓީމު ބަލިވީ ހަމައެކަނި ގްރޫޕުގެ އެއްވަނަ ހޯދި ކޮލަމްބިއާ އަތުންނެވެ. ދެން އެ ގްރޫޕުގައި ހިމެނުނީ ސެނެގާލާއި ޕޮލެންޑެވެ. އެފަހަރުގެ މުބާރާތުގައި ޖަޕާނުން ގަދަ 16 ގައި ބަލިވީ އެފަހަރުގެ ތިންވަނަ ހޯދި ބެލްޖިއަމް އަތުންނެވެ. ޖަޕާނުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުން 3-2 ގެ ނަތީޖާއަކުން ބަލިވީ ފަހު ވަގުތެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ވެސް ޖަޕާން ނުކުތީ ވަރުގަދަ ސްކޮޑަކާއެކުއެވެ. ޖަރުމަންގެ ޕްރޮޑަކްޓުން ގިނައެވެ. މިފަހަރު ސްކޮޑަށް ނެގި 26 ކުޅުންތެރިންގެ ތެރެއިން 19 ކުޅުންތެރިންނަކީ ބޭރު ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ. އޭގެ ތެރެއިން ހަތް ކުޅުންތެރިންނަކީ ޖަރުމަން ބުންޑަސްލީގާގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ. އޭގެ އިތުރުން އިނގިރޭސި ކްލަބު އާސެނަލްގެ ޓަކެހީރޯ ޓަމިޔާސޫ އާއި ބްރައިޓަންގެ ކައޮރޫ މިޓޯމާ އާއި ފްރާންސް ކްލަބު މޮނާކޯގެ ޓަކޫމީ މިނަމީނޯ އާއި ރެއިމްސްގެ ޖުންޔާ އިޓޯ އާއި ސްޕެއިން ކްލަބު ރެއާލް ސޮސިއެޑާޑްގެ ޓަކެފޫސާ ކޫބޯ އަދި ޕޯޗުގަލްގެ ސްޕޯޓިންއަށް ކުޅޭ ހިޑެމާސާ މޮރީޓާ ހިމެނެއެވެ.

ޖަޕާނުން ޖަރުމަނާއި ސްޕެއިން ބަލިކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރީ ޔޫރަޕުގެ ލީގުތަކަށް ކުޅޭ ކުޅުންތެރިންނެވެ. އެޓީމުގެ ހުރިހާ ގޯލުތައް ޖަހާފައިވަނީ ވެސް ޖަރުމަންގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ. ޖަޕާނުން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޖަރުމަން ކްލަބު އެސްސީ ފްރެއިބާގްގެ ފޯވަޑް ރިޓްސޫ ޑޮއާންއެވެ. އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ޖަރުމަން ކްލަބު ވީއެފްއެލް ބޯކަމްގެ ފޯވަޑް ޓަކޫމާ އަސާނޯ އަދި ޖަރުމަން ކްލަބު ފޯޗޫނާ ޑޫސެލްޑޯފް މިޑްފީލްޑަރު އައޯ ޓަނާކާއެވެ.

ވޯލްޑް ކަޕްގެ ތާރީހުގައި ޖަޕާނަށް އަދި ގަދަ 16 ފަހަނައަޅައި ދެވިފައެއް ނުވެއެވެ. ނަމަވެސް ކުރިމަގުގައި ޖަޕާނުގެ އަމާޒު ހުރީ އެއަށްވުރެ ދުރަށް ދިއުމެވެ. ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ޖަޕާންގެ ކޯޗު ހަޖީމޭ މޮރިޔާސޫ ބުނެފައިވާ ގޮތުގައި އަމާޒަކީ 2050 ގެ ވޯލްޑް ކަޕުގެ ތަށި ހޯދުމެވެ. އަދި މިފަހަރުގެ މުބާރާތަކީ އެ އަމާޒަށް ވާސިލުވުމަށް ކުރާ ދަތުރެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ގަދަ 16 ގައި އަންނަ ހޯމަ ދުވަހު ޖަޕާން ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ރަނަރަޕް، ކްރޮއޭޝިއާއާ ދެކޮޅަށެވެ. ދެން އޮތް ސުވާލަކީ ލޫކާ މޮޑްރިޗް ފަދަ ހުނަރުވެރިން ތިބި ޓީމަކާ ދެކޮޅަށް ޖަޕާނަށް ކާމިޔާބު ތަކުރާރުކުރެވިދާނެތޯ ކުރެވޭ ސުވާލެވެ. މިފަހަރު ކުޅުންތެރިންގެ ހުނަރަށް ބަލާ ނަމަ، ޖަޕާން ބަލިކުރި ޖަރުމަނާއި ސްޕެއިންގައި ކްރޮއޭޝިއާއަށްވުރެ ގިނަ ހުނަރުތައް ހިމެނެއެވެ. އެހެންކަމުން ޖަޕާނުން އެންމެ ފަހުގެ ރަނަރަޕުން ބަލިކުރާ ތަން ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.