ފުޓުބޯޅައަށް ލޯބި ދެވޭ އެތައް ސަބަބެއް ހުނާނެއެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލައި، އެންމެ މަގުބޫލު ކުޅިވަރަކަށް ފުޓުބޯޅަ ވުމުގެ ސިއްރުތައްވެސް ހުންނާނެއެވެ. ކޮޅަކަށް 11 މީހުން އަރައި ބޯޅައެއްގެ ފަހަތުން ދުވާ ކުޅިވަރަކަށް ލޯބި ދޭންވީ ސަބަބު ހޯދަން ބަޔަކު އުޅެވެސްފާނެއެވެ. އެ ސަބަބު އެތައް މަންޒަރަކުން ސާފުވެފައިވެސް ވާނެއެވެ. ރެޔަކީ އޭގެ ތެރެއިން އެތައް މަންޒަރެއް ދައްކުވައިދިން ރެޔެކެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ފެނުނު މަންޒަރުން ފުޓުބޯޅައަށް ލޯބި ނުދޭނީ ކާކުތޯ ސުވާލު ކުރެވޭނެއެވެ.
އާނއެކެވެ، ފެނުނީ އެތަކެއް ޖަޒުބާތެއް އެއްވަގުތެއްގައެވެ ކަރުނައާއި ހިތްދަތިކެމެވެ. އުފާވެރިކަމުގެ ޖަޒުބާތާއި، ހައިރާންކުރުވަނިވި މަންޒަރުތަކެކެވެ. ވޯލްޑް ކަޕް ގްރޫޕް އީގެ ފަހު ދެމެޗު އެއްވަގުތެއްގައި ހިނގަމުން ދިޔަ އިރު، ލޮލުފިޔަ ޖަހައިލާނެ ވަގުތުކޮޅެއް، ހަމަ ނޭވައެއްލާނެ ވަގުތުކޮޅެއް ނުދިނެވެ. ހާއްސަކޮށް ދެމެޗުގެވެސް ދެވަނަ ހާފަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް ފެނުނު އެންމެ ޝައުގުވެރި އެއް ވަގުތުކޮޅެވެ. ގަދަ ދެބާރުގެ ގޮތުގައި ފޮތުގައި ލިޔާ ސްޕެއިނާއި ޖަރުމަނުން ތެޅިފޮޅެން ޖެހުނީ ތާރީހުގެ ހިމާޔަތުގައެވެ. ޖަޕާނާއި ކޮސްޓަ ރީކާ މަސައްކަތްކުރީ ތާރީހުގެ އާ ސަފުހާއެއް އެއްލާށެވެ. އެކަމުގައި ދެމެޗުގެ ތެރެއިން ނުވަ ގޯލު ޖެހިއެވެ. އޭގެ ތެރެއިން ދެވަނަ ހާފުގެ 40 ވަރަކަށް މިނެޓް ތެރޭގައި ގްރޫޕް އީގެ ތާވަލުގައި އޮތް ހަތަރު ޓީމު، ތާވަލުގައި އޮތް މަގާމު ބަދަލުވަމުން ދިޔައީ ހަލުވި ބުރުގައެވެ. ކަޓާނީ ކޮންބައެއް، ގަދަ 16 އަށް ދާނީ ކޮންބައެއްކަން ނިންމަން ހަމަ އެކަކަށްވެސް އޮތީ ނޭނގިފައެވެ.
ރޭ ގްރޫޕް އީގެ ފަހު ދެމެޗަށް ހަތަރު ޓީމުވެސް ނުކުތީ ގަދަ 16ގެ ފުރުސަތު އޮވެގެންނެވެ. އަމިއްލަ ބާރުގައި އެންމެ ފަސޭހަ ގޮތެއް އޮތީ ސްޕެއިނަށެވެ. އެއީ ޖަޕާން ކައިރިން ޕޮއިންޓެއް ހޯދުމެވެ. ޖަޕާނަށް އޮތީ މޮޅުވުމެވެ. ޖަރުމަނަށް އަމިއްލަ ބާރު އޮތީ ގޯލުތަކެއް ޖަހައިގެން ނަމަވެސް، ސްޕެއިނަށް އިތުބާރުކޮށް، ސްޕެއިން ޖަޕާން ހިފަހައްޓާނެ ކަމަށް ބަލައިފި ނަމަ، ޖަރުމަނަށް އޮތީ ކޮސްޓަ ރީކާ ބަލިކުރުމެވެ. ކޮސްޓަ ރީކާއަށް އޮތީ ޖަރުމަނު ބަލިކޮށް، ޖަޕާނުން ސްޕެއިން ބަލިކުރާނެ ކަމަށް އުންމީދުކުރުމެވެ.
މީގެ އިތުރުންވެސް ކަން ވެދާނެ އެތައް ހާލަތެއް އޮވެދާނެއެވެ. އެއީ ކުރުކޮށް ވާން ޖެހޭނެ ގޮތެކެވެ. ބަލަބަލައި ތިއްބައި އެ ހުރިހާ ކަމެއް ދެމެޗު ހިނގަމުން ދިޔައިރު ވެގެން ދިޔައެވެ. ދެމެޗުގެ ހާލަތްތައް ދިމާކުރި ގޮތުން އެ ހުރިހާ ހާލަތެއް އައިސް، ގޮސް ވިއެވެ. އެންމެފަހުން ކެޓީ ޖަރުމަނާއި ކޮސްޓަ ރީކާއެވެ. ދިޔައީ ޖަޕާނާއި ސްޕެއިނެވެ. ދިޔަ އިރު ދިޔައީ ޖަޕާން އެއްވަނައިގައެވެ. 2010 ގެ ޗެމްޕިއަން ސްޕެއިން ދެވަނައިގައެވެ. އެވެސް ހަމަ ހީވެސް ނުކޮށް ތިބި ނަތީޖާއެކެވެ.
ހަގީގަތަކީ އެންމެ ގިނަ ބަޔަކު އަންދާޒާ ކުރީ ޖަޕާނުން ސްޕެއިން އަތްދަށުވެ ކާޓާނެ ކަމަށާއި، އަނެއް މެޗުން ޖަރުމަނު ކޮސްޓަ ރީކާ ބަލިކޮށް އެ ޗެޕްޓަރު ނިންމާލާނީ ޔޫރަޕް މޮޅުވެގެން ކަމަށެވެ. އެހެން އެކަން ވާނެހެން ފުރަތަމަ ހާފު ނިމުނު އިރު ހީވެސްވިއެވެ.
ޖަރުމަނުން ކޮސްޓަ ރީކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފަކީ އެއްކޮޅަށް ދެމޭ ކޯރެއް ފަދައިން ސާފުކޮށް އޮއިވަރު އޮތް ހާފެކެވެ. މެޗުގެ 10 ވަނަ މިނެޓުގައި ސާޖް ގްނަބެރީ ޖަރުމަނަށް ލީޑު ނަގައިދީ، އޭގެ ފަހުންވެސް ޖަރުމަނުން ފުރުސަތަކަށްފަހު ފުރުސަތެއް ތަނަވަސްކުރިއެވެ. މަދުވީ އިތުރު ގޯލެކެވެ. ޖަރުމަނުން ހިތް ނުތަވަސްވީ އެންމެ ސިކުންތުކޮޅަކަށެވެ. އެއީވެސް ނިމެން ދަނިކޮށް ޑިފެންސުން ފެނުނު ކުދި ގޯސްތަކަކުންނެވެ.
އަނެއް މެޗުގެ 12 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ސްޕެއިނަށް ލީޑު ނަގައިދިނެވެ. އެކަމަކު އެއީ އެމެޗުގެ ފުރަތަމަ ހާފްގެ އެންމެ ސާފު މަންޒަރެއް ނޫނެވެ. ބަދަލުތަކެއް ގެނެސްގެން ނުކުތް ސްޕެއިން ކައިރީ ޖަޕާން ދިޔައީ ނުރައްކާ ކުރަމުންނެވެ. ގްރޫޕް ސްޓޭޖުގައި ޖަރުމަނު ބަލިކުރި ޖަޕާނުން ދިޔައީ އިތުރު ޗެމްޕިއަން ޓީމެއް ބަލިކުރަން މަޑުމަޑުން މަސައްކަތް ކުރަމުންނެވެ.
ސްޕެއިނާއި ޖަޕާން މެޗުގެ ދެވަނަ ހާފަށް ދެ ޓީމުން ވެސް ނުކުތީ ބަދަލުތަކަކާއެކުގައެވެ. ދެވަނަ ހާފަށް ޖަޕާނުން ކޫބޯ އާއި ނަގަޓޯމޯގެ ބަދަލުގައި ކުޅެން ނުކުތީ ރިޓްސޫ ޑޮއޯން އާއި ކައޮރޫ މިޓޯމާއެވެ. އަދި ސްޕެއިނުން އަޒްޕިލިކުއޭޓާގެ ބަދަލުގައި ކުޅެން ނުކުތީ ޑެނީ ކާވަހާލެވެ.
ޖަރުމަނާއި ކޮސްޓަ ރީކާ މެޗުގެ ދެވަނަ ހާފަށް ޖަރުމަނުން ލެއޮން ގޮރެޓްސްކާގެ ބަދަލު ލޫކާސް ކްލޮސްޓާމޭން ނެރުނު އިރު، ކޮސްޓަ ރީކާއިން ބްރެންޑަން އަގުއިލޭރާގެ ބަދަލުގައި ޔޯސްޓިން ސަލާސް ނެރުނެވެ.
ކޮންމެއަކަސް ޖަޕާނާއި ސްޕެއިން ކުޅުނު މެޗުގެ 48 ވަނަ މިނެޓުގައި ސްޕެއިން ކޮޅަށް ޖަޕާން ގޯލެއް ޖެހިއެވެ. ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފަށް ކުޅެން ނުކުތް ރިޓްސޫ ޑޮއާނެވެ. ޖަޕާނަށް ނަތީޖާ އެއްވަރުވި ހިސާބުން ތާވަލުގައި އެޓީމު ދެވަނައަށް ޖެހިލީ ޕޮއިންޓާއި، ފައިދާ ގޯލާއި، ޖެހި ގޯލުވެސް ޖަރުމަނާ އެއްވަރުވެ، ދެޓީމު ކުޅުނު މެޗުގެ ނަތީޖާއަށް ބަލައިގެންނެވެ. ޖަރުމަން މާޔޫސްވިއެވެ.
ދެމެޗު ކުޅެމުން ދިޔަ ސްޓޭޑިއަމްގައިވެސް މެޗުގެ ތެރެއިން ތާވަލަށް އަންނަ ބަދަލު ދައްކަމުން ދިޔަކަން ކޮމެންޓޭޓަރުގެ ވާހަކަތަކުން އެނގިގެން ދެއެވެ. ދެންވެސް ޖަރުމަނަށް ލިބުނީ ދެރަ ހަބަރެކެވެ، ޖަޕާނުގެ ދެވަނަ ގޯލެއްގެ ހަބަރެވެ. ޖަޕާނާއި ޖަރުމަނު މެޗުގެ 52 ވަނަ މިނެޓުގައި ޖަޕާނުން އަނެއްކާ ގޯލެއް ޖެހިއެވެ. "ޑްރާމާއިން ފުރިގެންވާ ގޯލެކެވެ." ޖަޕާނުން 52 ދެވަނަ މިނެޓުގައި ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ގޯލެއް ކަމަށް ރެފްރީއަށް ނިންމުނީ 54 ވަނަ މިނެޓުގައެވެ. ކައުރޯ މިޓޯމާ ދިން ބޯޅައަކުން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އައޯ ޓަނާކާއެވެ. ރެފްރީ ވީއޭއާރް ބެލީ މިޓޯމާ ބޯޅަ ހުރަސްކޮށްލި ގަޑީ، ބޯޅަ ބޭރަށް ދިޔަތޯއެވެ. ޓީވީން ދެއްކި ހުރިހާ އެންގަލަކުން ބޯޅަ އޮތީ ބޭރުގައެވެ. ވީއޭއާރް ދެއްކީ ބޯޅަ އެއްކޮށް ބޭރު ނުވާ ކަމަށެވެ. އުސޫލެއްގެ ދަށުން ބޯޅަ ބޭރުވިކަމަށް ދެއްކޭނީ ބޯޅަ އެކުގައި ބޭރުވެއްޖެ ނަމަ އެކަންޏެވެ. ސްކްރީނުން ރޮނގު އަޅާލައި، އެ ބޯޅަ ބޭރުވިތޯ ނޫނީ ނޫންތޯ ދައްކާނެ ކަމުގެ އިންތިޒާރުގައި އެތައް ބަޔަކު ތިބި ނަމަވެސް އެ މަންޒަރެއް ނުދެއްކިއެވެ.
އިންޓަނެޓުން ފެންނަމުން ދިޔަ ފޮޓޯތަކުގައިވެސް ފުރަތަމަ އެ ބޯޅަ ބޭރުވިކަމަށް ފެނެއެވެ. ފަހުން އެކަން އެންމެ ސާފުވި ފޮޓޯ ލިބުނީ މަތިން އުދުހޭ ކެމެރާއެއްގެ އެންގަލުގައެވެ. ފޮޓޯއިން ފެންނަނީ ކުޑަކުޑަ ސޫތެއްހާތަން ބޯޅަ ރޮނގުމަތީގައި އޮތް މަންޒަރެވެ.
އެ ޑްރާމާގެ ގޯލާއެކު ޖަޕާން ޖެހިލީ އެއްވަނަ އަށެވެ. ސްޕެއިން ދެވަނައިގައެވެ. ޖަރުމަނު ފައިދާ ގޯލުން ތިންވަނައަށް ވެއްޓި ކަޓަން ދަނީއެވެ. އެ ގޯލަށް ހަތަރު މިނެޓްވެސް ނުވަނީސް ކޮސްޓަ ރީކާއިން ޖަރުމަނު ކޮޅަށް ގޯލެއް ޖަހައި އަނެއްކާވެސް ބޮޑު ހިސާބެއް ޖަހަން ޖެއްސުވިއެވެ. ކޮސްޓަ ރީކާ ޖަރުމަނު މެޗުގެ 58 ވަނަ މިނެޓުގައި އެ ގޯލު ޖެހީ ޓެޖެޑާއެވެ. އެހިސާބުން ކޮސްޓަ ރީކާ ތާވަލުގެ ތިންވަނައަށް ޖެހިލިއެވެ. އޮތީ ދެވަނައިގައި އޮތް ސްޕެއިނާ ޕޮއިންޓުން އެއްވަރުވެ، ފައިދާ ގޯލުގެ ފަރަގެއްގައެވެ. ޖަރުމަނު ފުލަށް ދިޔައެވެ.
އެ ހާލަތާއެކު ޖަރުމަނު "ފިޓަށް" ދިޔައެވެ. ޑިފެންޑަރު ޑޭވިޑް ރައުމް ބާލައި އެރުވީ މާރިއޯ ގޮޓްޒާއެވެ. ތޯމަސް މުލާ ބާލައި އެރުވީ ކައި ހަވާޓްސްއެވެ. ފޯވަޑުން ފުންޏަކާއެކު ޖަރުމަނުން ބޭނުންވީ ސްޕެއިންގެ ގޯލަކަށް ބަރޯސާވާން ވިސްނައި، ކޮސްޓަ ރީކާ ބަލިކުރާށެވެ.
ޖަރުމަނުގެ ހާސްކަން އިތުރުވެ، ސްޕެއިން މަރުގެ ތުންފަތް މައްޗަށް ދިޔައީ ކޮސްޓަ ރީކާ ޖަރުމަނު މެޗުގެ 70 ވަނަ މިނެޓުގައި ލީޑު ނެގުމުންނެވެ. އެ ގޯލު ވާގާސް ޖަހައިދިން އިރަށް ތާވަލު އެގޮތް މިގޮތްވެ، ކޮސްޓަ ރީކާ ދެވަނައަށް އަރައި، ސްޕެއިން ތިންވަނައަށް ވައްޓާލައި، ޖަރުމަނު ފުލުގައި ހަރުކޮށްލިއެވެ.
އެ ހާލަތުގައި ސްޕެއިންވެސް ޖަރުމަނާއެކު ތެޅިގަތެވެ. އެންރީކޭވެސް އެންމެ ގޯސް ހާލަތަށް ތައްޔާރުވާން ދެވަނަ ހާފުގެ ތެރޭގައި ގަވީގެ ބަދަލު މާކަސް އެސެންސިއޯ އަރުވައި އެލެކްސް ބާލްޑޭގެ ބަދަލު އަންސޫ ފަޓީ ކުޅެން ނެރުނެވެ. އެއީ ގޯލަކަށް ބޭނުންވާ ހާލު އެކަން ކުރަން ކަމަށް ބެލެވެއެވެ.
ކޮސްޓަ ރީކާގެ ދެވަނަ ގޯލާއެކު ސްޕެއިނަށް ތާވަލު ފެނިގެން ދިޔައީ ހާސްވެ، ބޮލުގައި އަތް އަޅަން ޖެހޭނެ ގޮތަކަށެވެ. ޖަރުމަނުން ސްޕެއިންނަށް އެހީއެއް ދޭތޯ އެދިއެދި ތިއްބައި ޖަރުމަނުން 73 ވަނަ މިނެޓުގައި ކޮސްޓަ ރީކާއާ ހަމަހަމަކުރީ ހަވާޓްސް ޖެހި ގޯލުންނެވެ. އެ ގޯލުން ޖަރުމަނު ތާވަލުގެ ފުލުން ގުޑާ ނުލި ނަމަވެސް، ކޮސްޓަ ރީކާ އަނެއްކާވެސް ތިންވަނައަށް ވެއްޓި، ސްޕެއިން ދެވަނައަށް ޖެހިލިއެވެ.
އެ ހާލަތަކީވެސް ސްޕެއިންނަށްވެސް ޔަގީން ހާލަތަކަށް ނުވާތީ ސްޕެއިން ދިޔައީ ހަމަ 100 ގައި ގޯލަކަށް މަސައްކަތް ކުރަމުންނެވެ. ޖަރުމަނުންވެސް އެގޯލު ބޭނުންވިއެވެ. ޖަރުމަނުން ގޯލުގެ ފަރަގުން ދާނަމަ އޭރުވެސް އޮތީ ފަސްވަރަކަށް ގޯލް ޖަހަން ޖެހޭނެ ހިސާބެއްގައެވެ. އެހެންވީމާ އެޓީމުވެސް އޭރު އޮތީ ސްޕެއިން ދޭނެ މަދަދަކަށް އެދިއެދިއެވެ.
ޖަރުމަނު މެޗުގެ 83 ވަނަ މިނެޓުގައި ހަވާޓްސް އިތުރު ގޯލެއް ޖަހައި، 89 ވަނަ މިނެޓުގައި ބަދަލަކަށް އެރި ނިކަލަސް ފުލްކްރަގްގެ ގޯލަކާއެކު އެމެޗުގެ ނަތީޖާ 4-2 އަކަށް ބަދަލުކޮށްލިއެވެ. ކިއެއް ހެއްޔެވެ. ދެރަވީ ކޮސްޓަ ރީކާއެވެ. އޭރުވެސް ޖަރުމަނުން ތިބީ ސްޕެއިނުން ކުރާނެ ކަމަކަށް ބަލާށެވެ. ސްޕެއިންގެ އެންމެ ގޯލަކުންވެސް ޖަރުމަނަށް ގަދަ 16 ލިބެން އޮތެވެ. އެކަމަކު ޖަޕާނުން އެކަމަށް ފުރުސަތެއް ނުދިނެވެ. ޔޫރަޕުން ބޭނުންހާ ގޮތެއް ހަދާން މިފަހަރު ފުރުސަތު ނުދޭނަމޭ ބުނާ ކަހަލައެވެ. އެ ހިތްވަރުގައި ޖަޕާނުން ގަދަފަދަ ސްޕެއިން ބަލިކޮށް މެޗު ނިންމާލި ހިސާބުން ޖަރުމަނާއި ކޮސްޓަ ރީކާ ތިރިވީ ބިމަށެވެ.
ޖަރުމަނާއި ކޮސްޓަ ރީކާ މެޗު އޭރު ކުޅެމުން ދިޔަ ނަމަވެސް، ދެޓީމަށްވެސް އެހިސާބުން އުންމީދު ގެއްލުނެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުންވެސް ކެޓި ޖަރުމަނު ބޮޑު ލަދެއްގައި ޖެހި އަނެއްކާވެސް އެނބުރި ގައުމަށް ދާން ޖެހުނީއެވެ. މިއީ ޖަރުމަނުގެ ފުޓުބޯޅަ ތާރީހުގައިވެސް ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގެ ގަދަ 16 އިން ކެޓި ފުރަތަމަ ފަހަރެވެ. މޫނުމަތީގައި އަތް އަޅައިގެން ފުރަތަމަ މެޗު ފެށި ޖަރުމަނަށް އެ ދުވަހުން ފެށިގެން ދަނޑުބޭރުގެ ފާޑު ކިޔުމާ ކުރިމަތިލާން ޖެހުނު ޖެހުމަކީ މިފަހަރު ފޯކަސް ގެއްލުމުގެ އަސްލު ކަމަށްވެސް ވެދާނެއެވެ. މަރުގެ ގްރޫޕަކަށް ގްރޫޕްވެގެން ގޮސް، މި ކެޓީ ހަތަރު ތަރީގެ ޖަރުމެވެ. ބަޔަކު އެކަން ސިފަކުރަނީ ސްޕެއިން ކޯޗު އެންރީކޭ ދިން ލަނޑެއްގެ ގޮތުގައިވެސް މެއެވެ.
ރޭގެ މެޗަށް ނުކުތް އިރު، މެޗު އެއްވަރުކޮށްގެން ސްޕެއިނަށް ލިބެން އޮތީ ދެވަނައެވެ. އެ ދެވަނައަކީ ކުއާޓާ ފައިނަލްގައި ބްރެޒިލާ ކުޅެން ބޭނުން ނޫންނަމަ އޮތް އެންމެ ރަނގަޅު މަގާމުތޯ ނޫސްވެރިޔަކު އެންރީކޭ ކުރެން އެހިއެވެ. އެކަމަށް އެންރީކޭ ދިން ޖަވާބުގައި ފުރަތަމަ ބުނީ، އެ ވިސްނުން ވިސްނި ކަމަށެވެ. އެހެން ނަމަވެސް ފަހުން ބުނީ އެއީ ކުރާނެ ކަމެއް ނޫން ކަމަށެވެ.
"ތިއީ ވަރަށް ރަނގަޅު ސުވާލެއް. އަހަރެމެންވެސް އެހެން ވިސްނިން. އެކަމަކު ވިސްނާލާ! އަހަރެމެން ދެވަނަ ހޯދަން 90 މިނެޓާ ހަމައަށް ގޯލެއް ނުޖަހައި އެއްވަރުކޮށް ކުޅެނިކޮށް އަނެއް މެޗުވެސް އެނަތީޖާގައި އޮއްވައި ޖަޕާނާއި ކޮސްޓަ ރީކާ ޖަހާ ގޯލުން އަހަރެމެން ކަޓާނެ. ނޫނީ ޖަރުމަނު 5-0 ގެ ތަފާތަކުން މޮޅުވިޔަސް އެހެން އޮވެފައި ޖަޕާނުން ގޯލެއް ޖެހީ އަހަރެމެން ކެޓީ. އެހެންވީމާ އެކަމެއް ނުކުރާނަން. ކުޅޭނީ އެއްވަނަ ނަގަން. ޓީމު ރޫހު ހުންނަންވާނީ ކުޅެން ޖެހުނު ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ ފައިނަލަށްވެސް ދާން. ބްރެޒިލާ އެކު ކުއާޓާގައި ޖެހިއްޖެއްޔާ އެއީ ޖެހުނީ. އެ މެޗު ވާނީ ވަރުގަދަ މެޗަކަށް،" އެންރީކޭ މެޗުގެ ކުރިން ބުންޏެވެ.
އެންރީކޭ ސަމާސާ ރާގަކަށް ބުނީ "ބިސްތައް ނުމޮވަނީސް ކުކުޅުގެ އަދަދު ގުނަން ނުތިބެވޭނެ،" ކަމަށެވެ.
ކޮންމެއަކަސް ސްޕެއިނަށް ލިބުނީ ދެވަނައެވެ. ބްރެޒިލުން މިރޭގެ މެޗުގައި ގްރޫޕް އެއްވަނަ ޔަގީން ކޮށްފިނަމަ، ސްޕެއިނަށް ބްރެޒިލާ ނުޖެހި ސެމީއަށް ދާން ފުރުސަތު އޮންނާނެއެވެ. އެއީ އެންރީކޭ ބޭނުންކުރި އުކުޅެއް ކަމަށް ބަޔަކު ސިފަކުރޭވެސް މެއެވެ. އެނގޭނީ ވިސްނުމުގެ ހާލަތެވެ. ހަމަ ޔަގީނުންވެސް ރޭ ފެނިގެން ދިޔައީ ފުޓުބޯޅައިގެ ހާއްސަ މަންޒަރެކެވެ. ޔޫރަޕްގެ ގަދަ ދެބާރުން ކެޓުމުގެ ތުންފަތް މަތީގައި ތެޅިތެޅި ތިބި މަންޒަރުން ޖަޕާނު ހޯދި އުފަލެވެ. އަދި ޖަރުމަނުން ކީ ލަދުވެތި އަލްވަދާއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022