Close
ގަތަރު ވޯލްޑް ކަޕް 2022

އިތުރު ހައިރާންކުރަނިވި މޮޅަކާއެކު ޖަޕާނަށް ގްރޫޕުގެ އެއްވަނަ، ބައްޔަކާއެކު ވެސް ސްޕެއިން ގަދަ 16 އަށް

ވޯލްޑް ކަޕްގެ "ގްރޫޕު އީ" ގެ ގަދަ 16 ގެ ޖާގަތައް ޖަޕާނާއި ސްޕެއިނުން ހޯދައިފިއެވެ.

ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޖަޕާނުން ވަނީ ފަހަތުން އަރައި، 2-1 ގެ ނަތީޖާއަކުން ސްޕެއިން ބަލިކޮށް، އިތުރު ހައިރާންކަމެއް ގެނެވައިފައެވެ. ޖަޕާނަކީ ފުރަތަމަ މެޗުގައި ޖަރުމަން ވެސް ބަލިކުރި ޓީމެވެ. އެ މެޗު ވެސް ޖަޕާނުން ކާމިޔާބުކުރީ ފަހަތުން އަރައި، 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗަށް ނުކުތް އިރު، ސްޕެއިނަށް ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރަން ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. ބަލިވެއްޖެ ނަމަ، ސްޕެއިނަށް އޮތީ ޖަރުމަނާއި ކޮސްޓަ ރީކާ ބައްދަލުކުރާ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރުމެވެ. އަދި ޖަޕާނަށް މެޗުން ބޭނުންވެފައި އޮތީ މޮޅެކެވެ.

އެ ގްރޫޕުގައި މިރޭ ކުޅުނު އަނެއް މެޗުގައި ބައްދަލުކުރި ޖަރުމަނާއި ކޮސްޓަ ރީކާއަކީ ވެސް ގަދަ 16 ގެ ޖާގައެއް ހޯދުމަށް އަމިއްލަ ބާރު ގެއްލިފައި އޮތް ދެ ޓީމެވެ. އެ މެޗުން ޖަރުމަން ވަނީ 4-2 ގެ ނަތީޖާއަކުން ކޮސްޓަ ރީކާ ބަލިކޮށްފައެވެ.

އެ މެޗުތަކަށްފަހު ގްރޫޕުގެ އެއްވަނައިގައި ނިންމާލީ ޖަޕާނެވެ. ޖަޕާނަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ދެވަނައިގައި ނިންމާލި ސްޕެއިނާއި ތިންވަނައިގައި ނިންމާލި ޖަރުމަން، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ސްޕެއިނަށް ދެވަނަ ލިބުނީ ގޯލުގެ ތަފާތުން ކުރީގައި އޮތުމުންނެވެ. ގްރޫޕުގެ ފުލުގައި ނިންމާލި ކޮސްޓަ ރީކާއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މިރޭ ޖަޕާނާ ދެކޮޅަށް ކުޅުނު މެޗު ސްޕެއިނުން ފެށީ އެޓީމުގެ ރަސްމީ ކުޅުމާއެކުއެވެ. ކުރިއަށް ޖެހި މެޗުގެ ކުރީކޮޅު ސްޕެއިނުން ވަނީ ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. އެގޮތުން ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޑެނީ އޮލްމޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، މޮރާޓާ ބޮލުން ފޮނުވާލި އެ ހަމަލާ އަމާޒުވީ ޖަޕާން ކީޕަރު ޝުއިޗީ ގުންޑޯއާ ދިމާއަށެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ސެސާ އަޒްޕިލިކުއެޓާ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މޮރާޓާއެވެ. އެއީ މިފަހަރުގެ މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ.

އެ ގޯލަށްފަހު ޖަޕާނުން ވަނީ ކުޅުން ރަނގަޅުކޮށް، ސްޕެއިންގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ޖަޕާންގެ ޑައިޗީ ކަމާޑާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ޑިފެންޑަރު ޕައު ޓޮރޭސް ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިތާ ތިން މިނެޓުގެ ތެރޭގައި ޖަޕާނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފަށް ކުޅެން ނުކުތް ރިޓްސޫ ޑޮއާންއެވެ. އޭނާ އެ ގޯލު ޖެހީ ސްޕެއިން ޑިފެންޑަރު އަލެހެންޑްރޯ ބަލްޑޭ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ޖަޕާނުން ވަނީ 54 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކައުރޯ މިޓޯމާ ދިން ބޯޅައަކުން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އައޯ ޓަނާކާއެވެ. މިޓޯމާ ބޯޅަ ދިނުމުގެ ކުރިން އޭނާ އަތުން ބޯޅަ ބޭރުވެފައިވޭތޯ، ރެފްރީ ވަނީ ވީއޭއާރަށް ވެސް ބަލައިފައެވެ.

ޖަޕާނުން ލީޑު ހޯދުމާއެކު ސްޕެއިނުން ކުރިއަށް ޖެހި ނުރައްކާކުރަން ފެށި އިރު، ޖަޕާނުން ފެނުނީ ޑިފެންސިވް ކުޅުމެވެ. ސްޕެއިނަށް ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބުނެވެ. އެގޮތުން ސްޕެއިންގެ މާކޯ އަސެންސިއޯ އާއި އޮލްމޯ ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް ޖަޕާންގެ ކީޕަރު ގޮންޑޯ ވަނީ މަތަކޮށްފައެވެ.